ޚަބަރު

އެޗްޑީސީން ވިއްކާފައިވާ ބިންތަކާ ގުޅޭގޮތުން ޙަގީގަތާ ޚިލާފު ވާހަކަ ނުދެއްކުމަށް އިލްތިމާސްކޮށްފި


  • ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭން ބިން ވިއްކާފައިވަނީ އާންމުކޮށް އިޢުލާނު ކޮށްގެން

އާންމުކޮށް އިއުލާންކޮށްގެން ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިއްކާފައިވާ ބިންތަކާއި ގުޅޭގޮތުން ހަގީގަތާ ޚިލާފު ވާހަކަތައް ނުދެއްކުމަށް އެކޯޕަރޭޝަނުން އިލްތިމާސްކުރައްވައިފިއެވެ.

އެޗްޑީސީން މިކަމަށް އިލްތިމާސް ކުރެއްވީ ބިންވެރިޔާ ސްކީމާ ގުޅިގެން އެޗްޑީސީއަށް ތުހުމަތުތަކެއް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ.

އެޗްޑީސީން ނެރުއްވާފައިވާ ބަޔާނެއްގައި ވިދާޅުވެފައިވަނީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭން ވިއްކުމަށް އިއުލާންކޮށްފައިވާ ބައެއް ބިންތައް ބީލަމުގެ އުސޫލާ ޚިލާފަށް ވިއްކާފައިވާކަމަށް ތުހުމަތުކޮށް އެކޯޕަރޭޝަންގެ އިތުބާރު ގެއްލޭ ގޮތަށް ބައެއް ފަރާތްތަކުން ޚަބަރު ފަތުރަމުންދާކަމަށެވެ.

އެޗްޑީސީން ވިދާޅުވީ ދިރިއުޅުމުގެ ބޭނުމަށް ހުޅުމާލޭން ބިން ވިއްކާފައިވަނީ އާންމުކޮށް އިއުލާނު ކުރުމާއެކު ހުޅުވާލެވިފައިވާ ބިޑިން ޕްރޮސެސްއެއްގެ ތެރެއިންކަމަށެވެ. އެގޮތުން ބިން ގަތުމުގެ ފުރަތަމަ މަރުހަލާއަކީ ކަނޑައެޅޭ ބިމަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް، އީއޯއައި ހުށައެޅުންކަމަށެވެ. އަދި އެއައްފަހު އީއޯއައި ހުށައެޅި ފަރާތްތަކަށް ބިޑް ކުރުމަށް ހުޅުވާލެވޭނެކަމަށް އެޗްޑީީސީން ވިދާޅުވެއެވެ.

އަދި ބިން ގަތުމުގެ ފުރުސަތު ދެއްވާފައިވާނީ ބިޑް ކުރުމަށް ކަނޑައެޅިފައިވާ ވަގުތު ނިމޭއިރު އެންމެ މަތީ އަގު ހުށައަޅާ ފަރާތްތަކައްކަމަށް އެޗްޑީސީން ވިދާޅުވެއެވެ.

ބިން ގަތުމަށް އީއޯއައި ހުށަހެޅޭނީ އިއުލާނުކޮށްފައިވާ ބިމުގެ ބޭސް ރޭޓަަށް ވުރެ ދަށް ނޫން އަގެއްގައިކަމަށާއި ބޭސް ރޭޓުގެ ގޮތުގައި ކަނޑައަޅާފައި ވަނީ އެ ކޯޕަރޭޝަންގެ ބޯޑް އޮފް ޑައިރެކްޓަރުން އެންޑޯޒް ކޮށްފައިވާ ރޭޓްކަމަށްވެސް އެޗްޑީސީން ވިދާޅުވެއެވެ.

އެހެންކަމުން އެޗްޑީސީން އާންމުކޮށް އިޢުލާންކޮށްގެން ވިއްކާފައިވާ ބިންތަކާއި ގުޅޭގޮތުން ހަޤީޤަތާއި ޚިލާފު ވާހަކަތައް ނުދެއްކުމަށް އެޗްޑީސީންވަނީ އިލްތިމާސްކުރައްވާފައެވެ.