ޚަބަރު

މިފްކޯ ހިންގުމުގައި އެއްވެސް ނުފޫޒަކަށް ޖާގަ ނުދޭނަން: ސީއީއޯ ޑރ. ވިތާލީ


  • މިފްކޯގެ ހިންގުން ހަރުދަނާ ކުރުމުގެ މަސައްކަތް ދަނީ ކުރަމުން

  • މިފްކޯ ހިންގާނީ ދެފުށް ފެންނަ ގޮތަށް ކަމަށް އައު ސީއީއޯ ވިދާޅުވޭ

މިފްކޯއަށް ގެންނަން ބޭނުންވަނީ ދެމެހެއްޓެނިވި ތަރައްޤީއެއް ކަމަށާއި ވަކި ބަޔަކަށް ފައިދާވާގޮތަށް ކަންތައްތައް ކުރިއަށް ގެންދިޔުމަށް ޖާގަ ނުދެއްވާނެ ކަމަށް އެކުންފުނީގެ އައު ސީއީއޯ ޑރ. ވިތާލީ ލުބިމޮފް ވިދާޅުވެއްޖެއެވެ.

މިފްކޯގެ ސީއީއޯ މިހެން ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމަށް ގެންނަ ބަދަލުތަކުގެ ދަށުން ކުންފުންޏަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަންކުރުމަށްފަހު ނެރުނު ނޫސް ބަޔާނެއްގައެވެ.

ޔޫކްރެއިނަށް ނިސްބަތްވާ މިފްކޯގެ އައު ސީއީއޯ ޑރ. ވިތާލީ ލުބިމޮފް ކުންފުނީގެ މަސައްކަތްތަކާއި ރަސްމީކޮށް ހަވާލުވީ މިމަހުގެ 10 ވަނަ ދުވަހުއެވެ.

ކުންފުނީގެ ހިންގުމަށް ގެންނަމުންދާ ބަދަލުތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން ލުބިމޮފް ވިދާޅުވީ މިފްކޯގެ ހިންގުން ހަރުދަނާ ކުރުމަށް ކުރެވޭނެކަންކަން ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި މިމަސައްކަތަށް ފަހު މިފްކޯ ދެމެހެއްޓެނިވި ގޮތެއްގައި ހިންގޭނެގޮތުގެ ތަފްސީލުތައް ސަރުކާރުގެ ކަމާއިބެެހޭ ފަރާތްތަކަށް ހުށަހަޅުއްވާނެ ކަމަށް މިފްކޯއިން ވަނީ ވިދާޅުވެފައެވެ.

މިއީ މިފްކޯގެ މަސައްކަތްތައް ދެފުށްފެންނަ ގޮތަކަށް، މިނިވަންކަމާއި ޒިންމާދާރުކަމާއެކު ހިންގުމަށް ސީއީއޯ ޑރ. ވިތާލީ ގެންގުޅުއްވާ ތަޞައްވުރާއި އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށް މިފްކޯއިން ވިދާޅުވެއެވެ.

ސީއީއޯ ޑރ. ވިތާލީއާއި ހަވާލާދީ، މިފްކޯއިން ވިދާޅުވީ އޭނާ އެ މަޤާމާއި ހަވާލުވެވަޑައިގެންނެވީ މިފްކޯއާ މެދު ރައްޔިތުންގެ މެދުގައި އޮންނަ އިތުބާރު އިތުރުކުރުމަށްކަމަށެވެ. އެގޮތުން ސިޔާސީގޮތުންވެސް އަދި އެނޫން ގޮތަކުންވެސް އެއްވެސް ނޫފުޒެއް ބަލައިނުގަންނާނެ ކަމަށް ސީއީއޯ ޑރ. ވިތާލީ ވިދާޅުވިއެވެ.

" ސިޔާސީ ގޮތުންވެސް އެއްވެސް ނޫފުޒެއް ފޯރުވަން ކުންފުނީގެ މައްޗަށް މަސައްކަތްކޮށް ކުންފުނީގެ ހިންގުމަށް ނުފޫޒު ފޯރުވުމަށް މަސައްކަތް ކުރާނަމަ، އެކަން ހުއްޓުވާނަން. އެކަހަލަ އެއްވެސް ކަމަކަަށް ޖާގައެއް ނުލިބޭނެ. އެފަދަ ކަމެއް ކުރާ ފަރާތެއް ނަމަ ހާމަވެސް ކުރާނަން " ޑރ. ވިތާލީ ވިދާޅުވިއެވެ.

އަދި ކުންފުނި ހަރުދަނާކުރުމަށް ގެންނަމުންދާ ބަދަލުތަކުގެ ދަށުން އޭނާ ވަނީ މިފްކޯގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓަށް އައު ޖެނެރަލް މެނޭޖަރެއް އައްޔަންކޮށްފައި ކަމަށާއި، މިހާރު ކުރަމުންދާ މަސައްކަތަކީ ކުންފުނީގެ މުވައްޒަފުންގެ ޤާބިލިއްޔަތުކަން ވަޒަން ކުރުމުގެ މަސައްކަތް ކަމަށް މިފްކޯއިން ވިދާޅުވިއެވެ.

މިފްކޯއިން ވިދާޅުވީ އެކުންފުނީގައި މަސައްކަތް ކުރާ މުވައްޒަފުންނަކީ ދެމެހެއްޓެނި މަސްވެރިކަމުގެ ސިނާޢަތެއް ޤާއިމްކުރުމަށް ޒިންމާދާރުކަމާއެކު މަސައްކަތްކުރާ މުވައްޒަފުންނަށް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.