އިނގިރޭސި ލީގު ކަޕުގެ ކުއާޓާ ފައިނަލުގައި ރޭ ސައުތެމްޓަނާ ދެކޮޅަށް ކުޅުނު މެޗު 2-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ލިވަޕޫލުން ހޯދައިފިއެވެ.
ސައުތެމްޓަންގެ ސެއިންޓް މޭރީސް ސްޓޭޑިއަމްގައި ސައްބީސް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 24 ވަނަ މިނިޓުގައި ލިވަޕޫލްގެ ޑާވިން ނޫނޭޒް ވަނީ ލަނޑެއް ޖަހާ އެ ޓީމަށް ކުރި ހޯދަދީފަ އެވެ.
އަދި އޭގެ އަށް މިނިޓް ފަހުން ހާވޭ އެލިއޮޓް ވަނީ އިތުރު ލަނޑެއް ޖަހާ މެޗުގެ ނަތީޖާ 2-0 އަށް ބަދަލުކޮށްފަ އެވެ. މިއީ އިނގިރޭސިވިލާތުގެ 21 އަހަރުން ދަށުގެ ގައުމީ ޓީމުގައިވެސް ހިމެނޭ އެލިއޮޓް މި ސީޒަނުގައި ލިވަޕޫލްގެ ފުރަތަމަ އެގާރައިގައި ހިމެނިގެން މެޗެއް ކުޅުނު ފުރަތަމަ ފަހަރެވެ.
ސައުތެމްޓަންގެ ކޯޗު ކަމާއި ވަގުތީ ގޮތުން ހަވާލުވެފައިވާ ސިމޮން ރަސްކްގެ އިރުޝާދުގެ ދަށުން އެ ޓީމު ކުޅުނު ފުރަތަމަ މެޗުގައި ސައުތެމްޓަން އިން ޖެހި ހަމައެކަނި ލަނޑު މެޗުގެ 59 ވަނަ މިނިޓުގައި އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ކެމަރޮން އާޗާ އެވެ.
މި ސީޒަނުގައި އެދެވޭ ނަތީޖާ ތަކެއް ހޯދިފައިނުވާއިރު މިދިޔަ އާދީއްތަ ދުވަހު ލީގުގައި ޓޮޓްނަމް އާއި ދެކޮޅަށް އެ ޓީމު ކުޅުނު މެޗުން 5-0 ގެ ނަތީޖާއަކުން ބަލިވިތާ ގިނައިރުތަކެއް ނުވަނީސް އެ ޓީމުގެ ކޯޗު ރަސެލް މާޓިން ވަނީ މަގާމުން ވަކިކޮށްފަ އެވެ.
ލީގު ކަޕްގެ ކުއާޓަރ ފައިނަލުގައި ރޭ ނިއުކާސަލް ޔުނައިޓެޑާއި ބްރެންޓްފޯޑް ބައްދަލުކުރި މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ނިއުކާސަލް ވަނީ މުބާރާތުގެ ސެމީ ފައިނަލުގެ ޖާގައެއް ހޯދާފަ އެވެ.
މި މެޗުގައި ނިއުކާސަލްގެ ސެންޑްރޯ ޓޮނާލީ ދެ ލަނޑު ޖަހާފައިވާއިރު އަނެއް ލަނޑަކީ ފަބިއަން ޝާ ކާމިޔާބުކޮށްފައިވާ ލަނޑެކެވެ. އަދި ބްރެންޓްފޯޑް އިން މި މެޗުގައި ޖެހި ހަމައެކަނި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދީފައިވަނީ ޔޮއާން ވިއްސާ އެވެ.