ކަނޑުތައް ހިމާޔަތް ކުރުމުގެ ކަންކަން ނިންމަން ޖެހޭނީ ސައިންސްގެ އަލީގައި ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު ޝިޔާމު މިހެން ވިދާޅުވީ ޗައިނާ އިންޑިއަން އޯޝަން ރީޖަން ފޯރަމުގައި ބައިވެރިވެވަޑައިގެން ވާހަކަފުޅުދައްކަވަމުންނެވެ.
އިންޑިއަން އޯޝަން ރީޖަން ފޯރަމުގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ ތީމެޓިކް ޑިސްކަޝަން އޮން ދަ އޯޝަން ޑިކޭޑު އޮފް ޔުނައިޓެޑް ނޭޝަންސް އިން ދަ ކޮންޓެކްސް އޮޮފް ގްލޯބަލް ޑިވެލޮޕްމަންޓު އިނިޝިއޭޓިވްގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޝިޔާމް ވަނީ ދިވެހިންނާއި ކަނޑާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
ދިވެހިންނަކީ އެންމެ ކުރީއްސުރެން ކަނޑުގެ ވަސީލަތްތަކުން ނަފާ ހޯދަމުންއައި ބައެއްކަމަށް ވިދާޅުވެ ވަޒީރު ޝިޔާމް ވަނީ ކަނޑުތައް ހިމާޔަތްކުރުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ކޮންމެ ބަދަލަކާއެކު ލިބޭ ގެއްލުމުގެ އަސަރު ފުރަތަމަ ކުރާނީ ދިވެހިންނަށްކަން ފާހަގަކުރައްވާ ވަޒީރު ވަނީ ކަނޑުތައް ހިމާޔަތްކޮށް ކުރިއަށް އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މަސައްކަތް ކުރަން ޖެހޭކަމަށް ވިދާޅުވެފައެވެ.
މިއާއެކު އޯޝަން ޑިކޭޑްގެ މިއަހަރު ޝިޢާރު "ދުނިޔޭގެ ކަނޑުތައް ހިމާޔަތްކުރުމަށް ބޭނުންވާ ސައިންސްގެ ކުރިއެރުންތައް" ދިވެހިންނާއި ވަރަށް ބޮޑަށް ގުޅިފައިވާކަމަށް ވަޒީރު ޝިޔާމް ވިދާޅުވިއެވެ. އޯޝަން ޑިކޭޑަކީ އަޅުގަނޑުމެންގެ ކަނޑުތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ކުރިމަތިލުމަށް، ސައިންސްގެ އަލީގައި ކަންކަން ނިންމުމަށް ލިބޭ ފުރުސަަތެއް ކަމަށް ވަޒީރު ސިފަކުރެއްވިއެވެ.
މީގެ އިތުރުން އޯޝަން ޑިކޭޑާއި އެއްވަރަށް ދެމެހެއްޓިނިވި ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް ގްލޯބަލް ޑިވެލޮޕްމަންޓް އިނިޝިއޭޓިވްގެ މުހިންމުކަން ވަޒީރު ޝިޔާމް ފާހަގަކުރެއްވިއެވެ. އެގޮތުން އދ. މި ދެ އޮނިގަނޑުން ވެސް މަސްވެރިން ބާރުވެރިކޮށްދީ، ކަނޑުގެ ދިރުންތައް ހިމާޔަތްކޮށް ކަނޑުގެ ދިރާސާ ސިޔާސަތުތަކަށް ވަކާލާތު ކުރުމުގެ ފުރުސަތުތައް ލިބިގެންދާކަން މަސްވެރިކަމާއި ބެހޭ ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު ޝިޔާމް ވިދާޅުވީ ދުނިޔެއަށްް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ޤައުމުތައް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށެވެ. އަދި މިކަންކަމުގައި ޤައުމުތަކުގެ ވަސީލަތްތަކާއި، ތަޖުރިބާއާއި، ޚިޔާލު ހިއްސާކުރުން މުހިއްމުކަން ފާހަގަކުރައްވާ މަސްވެރިކަމާއި ބެހޭ ވަޒީރު ވިދާޅުވީ ޤައުމުތައް އެކުގައި ކުރެވޭ މަސައްކަތުން، ކުރިއަށް އޮތް ޖީލުތަކަށް ދެމެހެއްޓެނިވި މުސްތަޤްބަލެއް ކަށަވަރުކޮށްދެވޭނެ ކަމަށެވެ.