ޚަބަރު

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ފިޔަވަޅު އަޅާނެ; ޖޫރިމަނާގެ މެސެޖް ފޯނަށް


  • ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވޭ

ވޭޕް ވިއްކާ އަދި ބޭނުންކުރާ މީހުންނަށް ގާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށާއި ޖޫރިމަނާ ކުރެވޭ ފަރާތްތަކަށް އެކަމުގެ މައުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވަނީ ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުއަށް 1 ވަނަ އިސްލާހު ގެނައުމުގެ ޤާނޫނުގެ ދަށުން ގެނައި އިސްލާހާ ގުޅިގެން ދިވެހި ފުލުހުންގެ ޚިދުމަތުން އެ ޤާނޫނު ތަންފީޒްކުރުމުގައި އަމަލުކުރަމުން ގެންދާނެ ގޮތުގެ މަޢުލޫމާތު ހިއްސާކޮށް ނެރުއްވި ބަޔާނުގައެވެ.

ފުލުހުން ނެރުއްވި ބަޔާނުގައި ވިދާޅުވީ ދުންފަތް ކޮންޓްރޯލް ކުރުމާ ބެހޭ ޤަނޫނާއި އެއްގޮތްވާ ގޮތުގެ މަތިން އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތައް ވިއްކުމާއި ހިލޭ ދިނުމާއި ބެހުމާއި އަދި އެކަކު އަނެއްކަކަށް ދޭ ފަރާތްތަކާމެދު ދިވެހިން ފުލުހުންގެ ޚިދުމަތުން ޤާނޫނީ ފިޔަވަޅު އަޅާ ޖޫރިމަނާކުރުމުގެ މަސައްކަތް ކުރަމުން ގެންދާނެކަމަށެވެ. މީގެ އިތުރުން މިފަދަ އާލާތްތައް ބެނުންކުރާ ފަރާތްތަކާ ދެކޮޅަށްވެސް އެފަދައިން ޤާނޫނީ ފިޔަވަޅު އަޅަމުން ގެންދާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

ފުލުހުން ވިދާޅުވީ ޖޫރިމަނާ ކުރާ ފަރާތްތަކަށް އެކަމުގެ މަޢުލޫމާތު މޯބައިލް ފޯނުގެ ޒަރިއްޔާއިން ކުރު މެސެޖެއް މެދުވެރިކޮށް ފޮނުވޭނެކަމަށާއި އެ މެސެޖްގައި ޖޫރިމަނާ ދެއްކުމަށް ވާރު ޕޭގެ ޕޭމަންޓް ލިންކެއް ހިމަނާފައިވާނެކަމަށެވެ. އެހެންކަމުން ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނަށް ގެނައި އިސްލާހަށް ހުރިހާ ފަރާތްތަކުންވެސް ފުރިހަމައަށް އަމަލުކުރުމަށާއި ޤަނޫނު ތަންފީޒްކުރުމުގައި ފުލުހުންގެ ޚިދުމަތަށް ފުރިހަމަ އެއްބާރުލުން ދިނުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދުންފަތުގެ އިސްތިޢުމާލުކުރުމުން ދުރުހެލިވެފައިވާ ދުޅަހެޔޮ މުޖުތަމަޢުއެއް ބިނާކުރުމަށް އެންމެންގެވެސް އަޒުމްކަނޑައެޅުމަށް ފުލުހުން އިލްތިމާސްކުރެއެވެ.

ޕީއެސްއެމްއިން ގެނެސްދޭ" ދަފަރާ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ވަނީ މަގުމަތީގައާއި އާންމު ތަންތަނުގައިވެސް ވޭޕް ބޭނުން ކުރާނަމަ އެކަަން ފުލުހުންނަށް ރިޕޯޓްކުރުމުގެ ފުރުޞަތު އޮތްކަން ފާހަގަކުރައްވާފައެވެ. އަދި އެކަމުގެ ރިޕޯޓް ލިބުމާއެކު ފުލުހުން އެތަނަކަށް ގޮސް ފިޔަވަޅު އަޅަމުންދާނެކަމަށް ނިޒާމް ވިދާޅުވިއެވެ.

" ޤާނޫނު އަޅުގަނޑުމެން ތަންފީޒް ކުރަން ބަލާއިރު ކުރަންވީ ކަންތައްތައް ވަރަށް ސާފުކޮށް އިނގޭ. ފުލުހުން ހަރަކާތްތެރިވާ ތަންތަނުގެ ތެރޭގައި މަގުމައްޗާއި ޕާކުތަކާއި އާންމުން އެއްވެ އުޅޭ ތަންތަނުގައި ދުންފަތުގެ އިސްތިޢުމާލު ކުރާނަމަ އެތަންތަނަށް ގޮސް ފިޔަވަޅު އަޅަމުންދާނެ."ސަބް އިންސްޕެކްޓަރ އޮފް ޕޮލިސް ނިޒާމް މުޙައްމަދު ވިދާޅުވިއެވެ.

އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ނިޝާނާ ވިދާޅުވީ ހުރިހާ ރަށެއްގައިވެސް އެއްގޮތަކަށް އަމަލުކުރުމަށްޓަކައި ގައިޑްލައިންތަކެއް ހަދާފައިވާކަމަށެވެ. އަދި މިފަދަ ކަންކަން 119 އަދި 911 އަށް ނުވަތަ ފުލުހުންގެ އެހެން ނަންބަރުތަކަށްވެސް ގުޅައިގެން ރިޕޯޓް ކުރެވޭނެކަން އޭނާ ފާހަގަކުރެއްވިއެވެ.

" އަޅުގަނޑުމެންގެ ގައިޑްލައިނާ އެއްގޮތަށް ފްރަންޓްލައިންގެ މުވައްޒަފުން މަސައްކަތް ކުރަމުން ގެންދާނީ. ސްޓޭޝަން އަދި ޕޯސްޓެއް ނެތް ރަށްތަކުން ހެލްތު މިނިސްޓްރީން ކަނޑައަޅާ ގޮތެއްގެ މަތިން އަމަލުކުރަމުން ގެންދާނީ" އިންސްޕެކްޓަރ އޮފް ޕޮލިސް އައިމިނަތު ނިޝާނާ ވިދާޅުވިއެވެ.

ރާއްޖޭގައި އިލެކްޓްރޯނިކް ސިނގިރޭޓާއި ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި އެ އެއްޗެއްސާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައިވާ އުފެއްދުންތައް ބޭނުންކުރުމާއި ހިލޭބެހުމާއި ވިއްކުން މިމަހުގެ 15 ވަނަ ދުވަހުން ފެށިގެން ވަނީ މަނާވެފައެވެ. އަދި މި ގެއްލުންހުރި ޢަމަލުކުރާ މީހުންނާމެދު ޤާނޫނުގައި ބަޔާންކޮށްފައިވާ ފިޔަވަޅުތައް ތަންފީޒްކުރަން ވަނީ ފަށާފައެވެ.

ދުންފަތް ކޮންޓްރޯލްކުރުމާބެހޭ ޤާނޫނުގެ ދަށުން ރާއްޖެއަށް ވޭޕްގެ ބާވަތްތަކާއި އެއާއެކު ބޭނުންކުރުމަށް ތައްޔާރުކޮށްފައި ހުންނަ ބާވަތްތައް އެތެރެކޮށްފިނަމަ 50،000 ރުފިޔާއިން ޖޫރިމަނާ ކުރާނެއެވެ. އަދި އެތެރެކުރާ ކޮންމެ އިލެކްޓްރޯނިކް ސިނގިރޭޓް ނުވަތަ ވޭޕަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ.

އަދި ވޭޕްކުރަން ބޭނުންކުރާ އެއްވެސް ބާވަތެއްގެ އާލާތެއް ރާއްޖޭގައި ވިއްކައިފިނަމަ، 20،000 ރުފިޔާއިން ޖޫރިމަނާކުރުމާއެކު ވިއްކި ކޮންމެ އެއްޗަކަށް 10،000 ރުފިޔާގެ މަގުން ޖޫރިމަނާކުރާނެއެވެ. އަދި އެފަދަ އެއްޗެއް ހިލޭ ބަހައިފިނަމަ އެކަން ކުރި މީހަކު 10،000 ރުފިޔާއިން ޖޫރިމަނާކުރާނެއެވެ.

މީގެ އިތުރުން ވޭޕް ކުރުމަށް ބޭނުންކުރާ އެއްވެސް އާލާތެއް ކުޑަކުއްޖަކަށް ވިއްކައިފިނަމަ ނުވަތަ ހިލޭ ދީފިނަމަ އެފަދަ އާލާތްތައް ވިއްކުމުންނާއި ހިލޭ ބެހުމުންކުރާ ޖޫރިމަނާގެ އިތުރަށް 50،000 ރުފިޔާގެ ޖޫރިމަނާއެއް ކުރާނެކަމަށްވެސް މިހާރު އަމަލުކުރަން ފަށާފައިވާ އިސްލާހުގައި ވަނީ ބަޔާންކޮށްފައެވެ.