ޚަބަރު

ކޮމަންވެލްތުގެ އިލެކްޓޯރަލް ނެޓްވޯކް 2016ގައި އީސީން ބައިވެރިވަނީ


ކޮމަންވެލްތުން އިންތިޒާމް ކޮށްގެން ބާއްވާ " ބައެނިއަލް ކޮންފަރެންސް އޮފް ދަ ކޮމަންވެލްތު އިލެކްޓޯރަލް ނެޓްވާރކް 2016" ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމަށް އިލެކްޝަންސް ކޮމިޝަނުގެ ރައީސް ފުރާވަޑައިގެންފިއެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ޓްރިނިޑަރޑް އެންޑް ޓޮބޭގޯ ގެ ޕޯޓް އޮފް ސްޕެއިން ގައި 3 ދުވަހަށް ކުރިއަށްދާ މި ކޮންފަރެންސްގައި އިލެކްޝަން ކޮމިޝަންގެ ރައީސް އަޙުމަދު ސުލައިމާން ރާއްޖޭގެ ފަރާތުން ކަންތައްތަކެއް ހުށައަޅަން ނިންމާފައިވާ ކަމަށެވެ. އެގޮތުން ލޯކަލް ކައުންސިލް އިންތިހާބުގައި ރާއްޖޭގައި ތައާރަފް ކުރުމަށް ހަމަޖެހިފައިވާ އީ ވޯޓިން ނިޒާމާއި ގުޅެގޮތުން ކޮންފަރެންސްގެ ބައިވެރިންނާ މައުލޫމާތު ހިއްސާކުރުން ހިމެނޭ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ކޮމަންވެލްތް އިލެކްޓޯރަލް ނެޓްވޯކްގެ އަހަރީ ބައްދަލުވުމުގައި އިންތިހާބުތަކާއި ގުޅޭ ކަންކަމުގެ ތަޖުރިބާއާއި ފަންނީ މަޢުލޫމާތު މެމްބަރު ޤައުމުތަކުގެ މެދުގައި ހިއްސާކުރުމަށް ހަމަޖެހިފައިވެއެވެ. އަދި މިބައްދަލުވުމުގައި ދޭދޭ ޤައުމުތަކުގެ މެދުގައި އެހީތެރިކަން ފޯރުކޮށްދިނުމާއި ގުޅޭގޮތުންވެސް މަޝްވަރާ ކުރެވޭނެ ކަމަށް އިލެކްޝަންސް ކޮމިޝަނުން ހަމަކޮށްފައިވެއެވެ. މި ކޮންފަރެންސުގައި ކޮމަންވެލްތުގެ މެމްބަރު ހުރިހާ ޤައުމަކުން ބައިވެރިވެއެވެ.