މާމިގިލި ހޮސްޕިޓާ ތަރައްޤީކުރުމުގެ މަޝްރޫޢު މި އަހަރު ފައްޓަވާނެކަމަށާއި އަދި ކައުންސިލުން ފާހަގަކުރެއްވި އެހެނިހެން ކަންކަންވެސް، ކުރެވެން އޮތް އެންމެ ރަނގަޅަކަށް ކުރިއަށްގެންދަވާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ އދ. މާމިގިލި ކައުންސިލާއި އެރަށު އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރުންނާއި ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ދަނގެތި ކައުންސިލްގެ އިދާރާގައި މިރޭ ކުރިއަށްދިޔަ މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންގެ ކަންބޮޑުވުންތަކާއި ރަށުގެ ތަރައްޤީއަށް ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ހޮސްޕިޓާ ތަރައްޤީކޮށްދެއްވުމަށާއި ބަނދަރާއި މަގު ހެދުމުގެ މަސައްކަތް ރައްޔިތުން ބޭނުންވާ ގޮތަށް ކުރިއަށް ގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ޕޮލިސް ސްޓޭޝަން ހިންގުމަށް އިމާރާތެއް ބޭނުންވާކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީ އިން ވަނީ އެބޭފުޅުންނަށް އެލަވެންސް ދިނުމާއި އެކަންކަމާގުޅޭ މަޢުލޫމާތު އޮޅުންފިލުއްވާފައެވެ.
މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައިވެރިވެވަޑައިގެންނެވި ވަޒީރުން ވަނީ މާމިގިލީގެ ތަރައްޤީއަށް ކުރިޔަށްގެންދާ މަޝްރޫޢުތަކުގެ އެންމެ ފަހުގެ މަޢުލޫމާތުތައް ޙިއްޞާކުރައްވާފައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކަށް ބޭނުންވާކަންކަން ކޮށްދެއްވާނެކަން ފާހަގަކުރައްވައި، އެކަންކަން ކުރިއަށްގެންދިއުމަށް ކުރައްވާނެ ކަންކަމުގެ ތަފްޞީލީ މަޢުލޫމާތު ޙިއްޞާކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ކައުންސިލުން ފާހަގަކުރެއްވިކަންކަން ކުރިއަށްގެންދާނެކަމުގައި ވިދާޅުވެފައެވެ.