ބެސްޓް ޝާކް ޑައިވިން ޑެސްޓިނޭޝަން އެވޯޑު ފުވައްމުލައް ސިޓީން ހާސިލްކޮށްފިއެވެ.
މި އެވޯޑު އެ ސިޓީން ހާސިލްކުރީ، ހޮންގް ކޮންގްގައި ކުރިއަށްދިޔަ ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯގެ ތެރެއިންނެވެ. ފުވައްމުލައް ސިޓީން ހާސިލްކޮށްފައިވަނީ "ބެސްޓް ޝާކް ޑައިވިންގް ޑެސްޓިނޭޝަން" އެވޯޑެވެ.
Fuvahmulah won the prestigious "Best Shark Diving Destination" award at the 2024 Diving Resort & Travel Show - Hong Kong. pic.twitter.com/BCb3LoB1nD
— Ismail Rafeeq (@ismailrafeeq) December 14, 2024
މި އެވޯޑު ހާސިލްކުރުމާއި ގުޅިގެން އެ ސިޓީ މޭޔަރ އިސްމާޢިލް ރަފީޤް ވިދާޅުވީ، މިއީ އެ ސިޓީގައި ފަތުރުވެރިކަމުގެ ސިނާޢަތުގައި ހަރަކާތްތެރިވަމުންދާ ޑައިވް ސެންޓަރުތަކާއި ގެސްޓް ހައުސްތައް އަދި އެހެނިހެން ފަރާތްތަކުގެ ބުރަ މަސައްކަތް ކަމަށެވެ. އަދި ފުވައްމުލަކުގެ ކަނޑު ދިރުންތައް ދުނިޔެއަށް ދެއްކުމަށް ކުރައްވާ މަސައްކަތް މި ކަމީޔާބީން ފެނިގެންދާ ކަމަށް އިސްމާޢިލް ރަފީޤް ވިދާޅުވިއެވެ.
ފުވައްމުލައް ސިޓީއަކީ ފަތުރުވެރިންގެ މެދުގައިވެސް ޑައިވް ކުރުމަށް މަޤްބޫލް މަންޒިލެކެވެ. އެގޮތުން މުޅި ރާއްޖޭގައިވެސް ޓައިގަރ ޝާކް ނުވަތަ ފެމުނު މިޔަރު އެންމެ ގިނައިން ފެންނަ އެއް ސަރަހައްދަކީ ފުވައްމުލައް ސިޓީއެވެ. އަދި އެ ސިޓީގެ ފަތުރުވެރިކަން ޕްރޮމޯޓް ކުރަމުންދަނީވެސް އެގޮތަށެވެ.
ޑައިވިން ރިސޯޓު އެންޑް ޓްރެވެލް އެކްސްޕޯއަކީ އެޝިއާ ޕެސިފިކް ސަރަހައްދުގައި ބާއްވާ އެންމެ ބޮޑު ޑައިވް އެކްސްޕޯއެވެ. އެގޮތުން އަހަރުގެ އެކި ދުވަސްވަރު އެކްސްޕޯގެ ޝޯވްތައް އެޝިއާ ސަރަހައްދުގެ އެކި ސިޓީތަކުގައި ބާއްވާފައެވެ.