އިނގިރޭސި ޕްރިމިއަރ ލީގުގައި މިވަގުތު އޮތް އެންމެ ވަރުގަދަ ޓީމަކީ ޗެލްސީ ކަމުގައި ބްރެންޓްފޯޑްގެ ކޯޗު ތޯމަސް ފްރޭންކް ބުނެފި އެވެ.
ލީގުގައި މާދަމާ ޗެލްސީ އާއި ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ނޫސްވެރިންނާ ވާހަކަ ދައްކަމުން ފްރޭންކް ބުނެފައިވަނީ ތާވަލުގެ އެއްވަނައިގައި ލިވަޕޫލް މިވަގުތު އޮތް ނަމަވެސް ފޯމަށް ބަލާއިރު ޗެލްސީ މާ ވަރުގަދަކޮށް ފެންނަ ކަމަށެވެ. އަދި ޗެލްސީން މިހާރު ދައްކަމުންދާ ކުޅުމަށް ބަލާއިރު އެ ޓީމަކީ އިދިކޮޅަށް ކޮންމެ ޓީމެއް ނިކުތްނަމަވެސް އެ ޓީމެއް ޗެލްސީ ދެކެ ޖެހިލުންވާނެ ކަމަށްވެސް އޭނާ ވަނީ ބުނެފަ އެވެ.
ޗެލްސީގެ ކޯޗު ކަމާއި މި ސީޒަނުގައި އަލަށް ހަވާލުވި އެންޒޯ މަރެސްކާގެ އިރުޝާދުގެ ދަށުން ޗެލްސީން ވަނީ ރަގަޅު ބަދަލުތަކެއް އެ ޓީމަށް ގެނެސްފަ އެވެ. އަދި ލީގުގައި އެންމެ ފަހުން އެ ޓީމު ކުޅުނު ހަތަރު މެޗުން މޮޅުވެފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ ދެވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލް އާޢި ދެމެދު އޮތީ ހަތަރު ޕޮއިންޓުގެ ތަފާތެކެވެ.
ލީގުގައި އެންމެ ފަހުން ޗެލްސީން ޓޮޓްނަމް އާއި ދެކޮޅަށް ކުޅުނު މެޗުގައި 2-0 ލީޑެއް ޓޮޓްނަމްއިން ހޯދާފައިވަނިކޮށް ފަހަތުން އަރާ ޗެލްސީން ވަނީ އެ މެޗު 4-3 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފަ އެވެ. އަދި ކޮންފަރެންސް ލީގުގައި އަސްތާނާ އާއި ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށްފައިވާއިރު ޗެލްސީ އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި އެ ޓީމުން ވަނީ 15 ގޯލު ޖަހާފަ އެވެ.
ފްރޭންކް އިތުރަށް ބުނެފައިވަނީ ޗެލްސީގެ ކޮންމެ ދިމާލަކަށް ބަލާލިކަމުގައި ވީ ނަމަވެސް އެ ޓީމުން ފެންނަނީ ހުނަރުވެރި މޮޅު ކުޅުންތެރިން ކަމަށާއި އެހެންކަމުން މި މެޗަކީ ފަސޭހަ މެޗަކަށް ނުވާނެ ކަމަށެވެ.
ބްރެންޓްފޯޑް އިން ވަނީ ލީގުގައި އެންމެ ފަހުން އެ ޓީމު ނިއުކާސަލް ޔުނައިޓެޑާއި ދެކޮޅަށް ކުޅުނު މެޗު 4-2 ގެ ނަތީޖާއަކުން ކާމިޔާބުކޮށް ތާވަލުގެ ނުވަނަނައަށް އަރާފަ އެވެ.