ދުނިޔެ

އެންއެސްޖީގެ ބައްދަލުވުމަށް އުތުރުކޮރެޔާގެ ނިއުކްލިއަރ މައްސަލަ


ބައިނަލްއަޤްވާމީ މުޖުތަމަޢުގެ އިންޒާރުތަކަށް ބެލުމެއްނެތި އުތުރުކޮރެޔާއިން ނިއުކްލިއަރ ޙަރަކާތްތައް ކުރިޔަށް ގެންދާ މައްސަލައަށް ޙައްލެއް ހޯދުމުގައި އެހީތެރިވުމަށް ދެކުނުކޮރެޔާގެ ޚާރިޖީވަޒީރު ޔުން ޕިޔަންގްސޭ ނިއުކްލިއަރ ސަޕްލަޔަރސް ގްރޫޕަށް ގޮވާލައްވައިފިއެވެ.

48 ޤައުމުގެ މައްޗަށް އެކުލެވޭ ނިއުކްލިއަރ ސަޕްލަޔަރސް ގްރޫޕް ނުވަތަ އެންއެސްޖީ ގެ އަހަރީ ބައްދަލުވުން މިހާރު ދެކުނު ކޮރެޔާގައި ކުރިޔަށް އެބަދެއެވެ.

އެންއެސްޖީ އަކީ ނިއުކްލިއަރ ހަތިޔާރު އިތުރުވިޔަ ނުދިނުމަށް އެފަދަ ހަތިޔާރު އުފެއްދުމަށް ބޭނުންވާ މާއްދާތަކާއި ފަންނީ މަޢުލޫމާތުގެ މުޢާމަލާތްތައް ކޮންޓްރޯލްކުރުމުގެ މަޤުޞަދުގައި ނިއުކްލިއަރ ޤާބިލްކަންލިބިފައިވާ ޤައުމުތަކުން އުފައްދާފައިވާ ގްރޫޕެކެވެ. އެގްރޫޕް އުފައްދާފައިވަނީ 1974 ވަނަ އަހަރު އިންޑިޔާއިން ކުރި ފުރަތަމަ ނިއުކްލިއަރ ޓެސްޓާ ގުޅިގެންނެވެ.

އެންއެސްޖީގެ ބައްދަލުވުމުގައި ދެއްކެވި ވާހަކަފުޅުގައި ދެކުނުކޮރެޔާގެ ޚާރިޖީވަޒީރު ވަނީ އުތުރު ކޮރެޔާއިން މިއަހަރު ކުރީކޮޅު 4 ވަނަ ނިއުކްލިއަރ ޓެސްޓެއް ކުރިކަމަށާއި އޭގެ ފަހުން އެތައް ބެލިސްޓިކް މިސައިލެއް ޓެސްޓުކޮށްފައިވާކަން ފާހަގަ ކުރައްވާފައެވެ.

އުތުރު ކޮރެޔާއިން އިއްޔެވެސް 2 މިސައިލެއް ޓެސްޓް ކޮށްފައިވާކަމަށް ދެކުނު ކޮރެޔާ އާއި އެމެރިކާއިން ވަނީ ބުނެފައެވެ.