ޚަބަރު

ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް މަނަދޫގައި ފަށަނީ


  • ޕައިލެޓު މަޝްރޫޢުގެ ސިސްޓަމް މަނަދޫގައި ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ވަނީ ހުޅުވާލާފައި

ވައިން ހަކަތަ އުފެއްދުމުގެ މަޝްރޫޢެއް ނ. މަނަދޫގައި ފެށުމަށް ސަރުކާރުން ނިންމައިފިއެވެ.

މާލީ ވުޒާރާއިން މިހާރުވަނީ މި މޝަރޫޢުގެ ޕައިލެޓު މަޝްރޫޢުގެ ސިސްޓަމް ނ. މަނަދޫގައި ޤާއިމްކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލާފައެވެ.
މި މަޝްރޫޢަކީ ދިވެހި ސަރުކާރުން އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ)ގެ އެހީގައި ހިންގަމުންދާ އެކްސެލެރޭޓިންގ ސަސްޓެއިނަބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ (އެޝުއަރ) ޕްރޮޖެކްޓުގެ ދަށުން ކުރިއަށްގެންދާ މަޝްރޫޢެކެވެ.

މާލީ ވުޒާރާއިން ވިދާޅުވީ މި މަޝްރޫޢަކީ އޯޕަން ކޮމްޕެޓިޓިވް ބިޑިންގ އުސޫލުގެ މަތިން، އޭ.ޑީ.ބީގެ ސިންގަލް ސްޓޭޖް ޓު އެންވެލޮޕް އުސޫލުން ބީލަންކުރުމަށް ހަމަޖެހިފައިވާ މަޝްރޫޢެއް ކަމަށެވެ. ބީލަމުގައި ބައިވެރިވާ ފަރާތްތަކުގައި ހުންނަން ޖެހޭ ހުރިހާ ޝަރުޠުތައް ބިޑިންގް ޑޮކިއުމަންޓްގައި ބަޔާންކޮށްފައިވާނެއެވެ.

ބީލަމުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމަށްޓަކައި -/1,500 (އެއްހާސް ފަސްސަތޭކަ) ރުފިޔާ ނުވަތަ 100 (ސަތޭކަ) ޔޫއެސް ޑޮލަރުގެ ނަން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހެއެވެ.

މަޝްރޫޢުގެ ޕްރީބިޑް ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފަވަނީ އޮންލައިންކޮށް އަންނަ ޖަނަވަރީމަހުގެ 8 ވަނަ ދުވަހުގެ 11:00 ޖަހާއިރުއެވެ. ބީލަން ހުޅުވުން އޮންނާނީ 2025 ފެބުރުވަރީ 10ވާ ހޯމަ ދުވަހުގެ 13:00 ގައި މާލީވުޒާރާގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

"އެކްސަލަރޭޓިންގ ސަސްޓެއިނެބަލް ސިސްޓަމް ޑިވެލޮޕްމަންޓް ޔޫސިންގ ރިނިއުބަލް އެނަރޖީ" (އެޝުއަރ) ޕްރޮޖެކްޓަކީ 75.5 މިލިއަން އެމެރިކާ ޑޮލަރުގެ މަޝްރޫޢެކެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ 2023ވަނަ އަހަރުގެ ޑިސެމްބަރުމަހުގެތެރޭގައެވެ.

މިއެއްބަސްވުމުގެ ދަށުން 20 ރަށެއްގައި އަވިން ހަކަތަ އުފެއްދުމުގެ ނިޒާމާއި، 1 ރަށުގައި ވައިން ހަކަތަ އުފެއްދުމުގެ ނިޒާމު ޤާއިމްކުރުން ހިމެނެއެވެ. މިޕްރޮޖެކްޓުން ހިންގުމަށް ހަމަޖެހިފައިވާ މައިގަނޑު ހަރަކާތްތަކުގެ ތެރޭގައި ޕަވަރ ޕާރޗޭސިންގ އެގްރީމެންޓު އުސޫލުން 20 ރަށެއްގައި 20 މެގަވޮޓުގެ އިރުގެ އަލިން ކަރަންޓު އުފައްދާ ނިޒާމު ގާއިމުކުރުމަށްވަނީ ނިންމާފައެވެ.

މިނިޒާމުތައް ޤާއިމުކުރެވޭ ރަށްރަށުގެ ގްރިޑް ސްޓެބިލިޓީ ހަރުދަނާކުރުމަށް 44 މެގަވޮޓްއަވަރގެ ބެޓެރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމް ޤާއިމުކުރުމާއި މިރަށްރަށުގެ ކަރަންޓު ވިއުގައިގެ ހާލަތު ރަނގަޅުކުރުން ވެސް ހިމެނެއެވެ.

މީގެ އިތުރުން 01 ރަށެއްގައި ވައިގެ ހަކަތަ ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޤާއިމުކުރުމާއި އިތުރު ރަށެއްގައި ކަނޑުގެ އޮއިވަރު ބޭނުންކޮށްގެން ކަރަންޓު އުފައްދާ ނިޒާމެއް ޕައިލެޓްކުރުން ވެސް ހިމެނެއެވެ.