ޔުއެފާ ޗެމްޕިއަންސް ލީގުގައި މިރޭ އެޓަލާންޓާއާ ދެކޮޅަށް ނިކުންނައިރު ރެއާލް މެޑްރިޑުގެ ރޮޑްރީގޯ އާއި ވިނީޝިއުސް ޖޫނިއާއަށް އަނިޔާވެފައިވާ ކަމަށް ކޯޗު ކާލޯ އަންޗެލޮޓީ ބުނެފިއެވެ.
އިޓަލީގެ އެޓަލާންޓާއާ ދެކޮޅަށް އެންމެ ފަހުގެ ޗެމްޕިއަން ރެއާލް މެޑްރިޑް ނިކުންނައިރު އެ ދެ ކުޅުންތެރިންނަށް އަނިޔާވެ މި މެޗުގައި ކުޅެވޭނެ ކަމާއިމެދު ސުވާލު އުފެދިފައިވީ ނަމަވެސް އެ ޓީމުން އެންމެ ފަހުން ބޭއްވި ފަރިތަކުރުންތަކުގައި އެ ދެ ކުޅުންތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
މި ފަހަރުގެ މުބާރާތުގައި ރެއާލް މެޑްރިޑަށް އެދެވޭ ނަތީޖާ ތަކެއް ހޯދިފައިނުވާއިރު މިހާތަނަށް މި މުބާރާތުގައި އެ ޓީމު ކުޅުނު ފަސް މެޗުން ލިބިފައިވާ 6 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 24 ވަނައިގަ އެވެ. ނަމަވެސް އެޓަލާންޓާ ވަނީ 5 މެޗުން 11 ޕޮއިންޓް ހޯދާ ތާވަލުގެ ފަސްވަނަ މަގާމް ހޯދާފަ އެވެ. މި ފަހަރުގެ މުބާރާތުގައި އެޓަލާންޓާ މިހާތަނަށް ފަސް މެޗު ކުޅެފައިވާއިރު އެ ޓީމުގެ ކޮޅަށް ވަދެފައިވަނީ އެންމެ ގޯލެކެވެ.
އެޓަލާންޓާގެ ކޯޗު ގެސްޕެރީނީ ބުނެފައިވަނީ ތާވަލުގެ ފަސްވަނައިގައި އެ ޓީމު މިހާރު އޮތް ނަމަވެސް އެއީ ވަގުތީ މަގާމެއް ކަމަށާއި މުބާރާތުގެ ދެވަނަ ބުރުގެ ޖާގައެއް ހޯދަން ބޭނުންނަމަ އިތުރަށް މަސައްކަތް ކުރަން ޖެހޭނެ ކަމަށެވެ.
މި ދެ ޓީމު އެންމެ ފަހުން ބައްދަލު ކޮށްފައިވަނީ ޔޫއެފާ ސުޕަ ކަޕްގައި މިދިޔަ އޮގަސްޓް މަހު އެވެ. އެ މެޗު 2-0 ގެ ނަތީޖާ އަކުން ކާމިޔާބުކޮށްފައިވަނީ ރެއާލް މެޑްރިޑް އެވެ.