އިރުގެ އަލިން ކަރަންޓު އުފައްދާ ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ނިޒާމެއް ވ. ރަކީދޫގައި ޤާއިމުކޮށްފިއެވެ. ރަކީދޫގައި ގާއިމުކޮށްފައިވާ މި ނިޒާމާއެކު، މިހާރު އެރަށުގައި ޖަނެރޭޓަރު ޖައްސަން ޖެހެނީ އެންމެ 2 ގަޑިއިރަށެވެ.
ވ. ރަކީދޫގައި ހައިބްރިޑް ޕީވީ-ބީއީއެސްއެސް-ޑީޖީ ސިސްޓަމް ޤާއިމުކޮށްފައިވަނީ ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑް، ސްޓެލްކޯއިންނެވެ. އެ ސިސްޓަމްތައް ބޭނުންކުރާ ގޮތުގެ މައުލޫމާތު ނޫސްވެރިންނަށް ހިއްސާ ކުރައްވަމުން އެ ކުންފުނީގެ ޖެނެރަލް މެނޭޖަރު އިބްރާހިމް ނިޒާމް ވިދާޅުވީ ރަކީދޫގައި ހަރުކޮށްފައިވާ ސޯލާއަށް ރަށަށް އެކަށީގެންވާ މިންވަރަށްވުރެވެސް އިތުރަށް ކަރަންޓު ފޯރުކޮށްދެވޭ ކަމަށެވެ.
ނިޒާމް ވިދާޅުވީ މިހާރު އެ ރަށަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދެމުންދަނީ ސޯލާ އާއި ބެޓަރިއާއެކު ކަމަށެވެ. އެގޮތުން އަވިދީފައި އޮންނަ ހުރިހާ ގަޑިތަކެއްގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭނީ ސޯލާއިން ކަމަށާއި އެއަށްފަހު ރޭގަނޑު ބެޓަރިން ކަރަންޓް ފޯރުކޮށްދޭކަމަށް ވިދާޅުވިއެވެ.
"މި މުޅި ސިސްޓަމަކީ އޮޓަމެޓިކް ސިސްޓަމެއް. ސިސްޓަމް ހިނގަމުންދާ ގޮތް މުވައްޒަފުން ބަލަމުންދާނެ. އަމާޒަކީ ކުރިއަށް އޮތް ދެ ހަފްތާގައި އިންޖީނު ނުހިންގާ ސޯލާއިން އެއްކޮށް ކަރަންޓުގެ ހިދުމަތް ރަށަށް ފޯރުކޮށްދިނުން" ނިޒާމް ވިދާޅުވިއެވެ.
ސްޓެލްކޯއިން އެރަށުގެ އެކި ސަރަހައްދުގައި ޖަހާފައިވަނީ ސޯލާގެ 30 ކިލޯވޮޓްއެވެ. ނިޒާމް ވިދާޅުވީ ރަށުގައި ސޯލާ އާއި ބެޓަރި މެދުވެރިކޮށް ކަރަންޓުގެ ހިދުމަތް ފޯރުކޮށްދޭއިރު ޖެނަރޭޓަރު ހިންގާނީ ސޯލާ އާއި ބެޓަރީގެ ލޯޑް ނުހިފަހައްޓާނަމަ އެކަނި ކަމަށެވެ.
ސްޓެލްކޯއިން 12 ގެއެއްގެ ފުރާޅުގައި ވަނީ ސޯލާ ހަރުކޮށްފައެވެ. ސޯލާ ހަރުކުރުމަށް އިތުރު ދެ ގެއަކުން އެދިފައިވާކަމަށް އެ ކުންފުނިން މައުލޫމާތުދިނެވެ.
ސްޓެލްކޯއިން ވިދާޅުވީ ކުރިއަތްއޮތް ތާނގައި ބެޓަރި އިތުރުކޮށްގެން ސޯލާއިން އުފައްދާ ހަކަތަ ރައްކާކުރެވޭނެ ނިޒާމެއް ޤާއިމުކުރާނެ ކަމަށެވެ.
ރަކީދޫގައި މީގެ ކުރިން 2016 ވަނަ އަހަރު އޭޑީބީގެ އެހީގައި ފެށި މަޝްރޫއެއްގައި ވެސް ސޯލާ ހައިބްރިޑް ސިސްޓަމެއް ގާއިމުކުރިއެވެ. ފަހުން އެ ސިސްޓަމް ވަނީ ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައެވެ. އެ ރަށުގައި މިހާރު ހުންނަ ސިސްޓަމަކީ ސްޓެލްކޯއިން ފަންޑުކޮށްގެން މުޅިން އަލަށް ގާއިމުކުރި ސިސްޓަމެކެވެ.