ޚަބަރު

ރޯދަމަހު ކަސްރަތަށް ސަމާލުކަން ދެވޭބާ؟


ރޯދަ މަހަކީ އަޅުގަނޑުމެންގެ އާދަކާދައިގެ އިތުރުން ކެއުން ބުއިމަށް ބޮޑެތި ބަދަލުތަކެއް ގެންނަ މަހެކެވެ. އެހެންކަމުން ޢާއްމު މަސްމަހާ ޚިލާފަށް ސުފުރާމަތި އެކި ބާވަތްތަކުގެ ކާބޯތަކެތިން ފުރާލެވެއެވެ. އަދި ހަށިގަނޑަށް ބެލުމެއް ނެތި އެއްފަހަރާ ގިނައިން ކެއުމުގެ އާދަ ރޯދަމަހު ބައެއް މީހުންނަށް ގެންގުޅެވެއެވެ. އެހެންކަމުން ރޯދަމަހުގައިވެސް ދުޅަހެޔޮކޮށް ތިބުމަށް އަޅުގަނޑުމެންގެ ކެއުން ބުއިން ބައްޓަންކޮށް ކާން ބޭނުންކުރާ ބާވަތްތަކަކީ ހަށިގަނޑަށް ފައިދާ ހުރި ދުޅަހެޔޮ ކާބޯތަކެތި ކަމުގައި ހެދުން މުހިއްމެވެ. 

ގިނަ ފަހަރަށް ރޯދަ ވިއްލުމަށްފަހު އެއްވެސް ބެލުމަކާ ނުލާ، ބަނޑުފުރެންދެން ކެއުމުގެ ސަބަބުން ހަށިކަނޑަށް ލޮޑުކަމެއް އައިސް، ރުޙާނީ އަދި މައްދީ ގޮތުން ކަންކަމަށްވެސް ބުރުއަރައެވެ. އެހެން މަސްމަހާ އަޅާ ބަލާއިރު ރޯދަމަހު ކެއުމަށް މި ލިބެނީ ހަމައެކަނި ރޭގަނޑު ވަގުތުކަމުން، ރޯދަ ވީއްލާ ވަގުތާއި، ތަރާވީޙު ދަމާއި، ހާރުދަމުގައި ހަށިގަނޑަށް ފައިދާހުރި ރަނގަޅު ކެއުމެއް ޚިޔާރުކުރުމަކީ މުހިއްމުކަމެކެވެ. ހަމަ އެކަނި ޞިއްޙަތައް ފައިދާހުރި ކާނާ ބޭނުންކުރުމަކީ ދުޅަހެޔޮ ޞިއްޙަތެއްގައި ހުރުމަށް ކުރެވިދާނެ ކަމެއް ނޫނެވެ. 

img:http://s4.psmnews.mv/images/660x400/14664263360176.jpg|

ބައެއް މީހުންނަށް ހީވެފައި އޮންނަނީ ކަސްރަތުކުރުމަކީ ވަރަށް ބޮޑުކަމެއް ގޮތުގައެވެ. ޚާއްޞަކޮށް ރަމަޝާން މަހު ޢާއްމުކޮށް ކަސްރަތުކުރާ މީހުންވެސް އެހެން މަސްމަހާ އަޅާ ބަލާ ކަސްރަތުކުރުމަށް ފަރުވާކުޑަކުރެވެއެވެ. އަދި ބައެއް މީހުން ރޯދައަށް ތިބެގެން ކަސްރަތުކުރެއެވެ. އެހެންނަމަވެސް މިކަމުގެ އެންމެ އެދެވޭ ގޮތަކީ ރޯދަ ވިއްލުމަށްފަހު ކަސްރަތުން ކުރުންކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ބައެއް މީހުން ބުނާގޮތުން ރޯދަމަހު ކަސްރަތު ނުކުރެވޭނީ އެހެން މަސްމަހާ އަޅާބަލާއިރު ވަގުތު މަދުވުމުން، އެކަމަށް ދޭންވާ ސަމަލުކަން ނުދެވޭތީއެވެ. 

ދީނީ ނަޒަރަކުން ބަލާއިރު ފަރުޟް ފަސްނަމާދުކުރާނަމަ އެމީހަކަށް ބޭނުންވާ ކަސްރަތު ލިބިގެންދެއެވެ. އެގޮތުން ރޯދަމަހު ދިނީ ގޮތުންވެސް ކަސްރަތުކުރުމަށް ގިނަ ފުރުޞަތުކެއް ލިބިގެންދެއެވެ. ފަރުޝު ފަސް ނަމާދުގެ އިތުރުން، ތަރާވީޙް ނަމާދާއި ދަމުނަމަދު ކުރުމުން މީހާއަށް ހަށިކަނޑަށް ބޭނުންވާ ކަސްރަތު ލިބިގެންދެއެވެ. ދުޅަހެޔޮ ޞިއްޙަތެއްގައި ގިނަ ދުވަހު ދެމިހުރެވޭނީ އެކަމަށް ކޮންމެ މީހަކުވެސް އިސްކަމެއްދީގެނެވެ. ޚާއްޞަކޮށް ރޯދަމަހު އަޅުގަނޑުމެންނަށް އަޅުކަމުގައި ޝާމިލުވެވޭނީވެސްއަޅުގަނޑުމެންނަކީ ޞިއްޙީ ގޮތުން ދުޅަހެޔޮ ބަޔަކަށް ވެގެންނެވެ.