އަންނަ އަހަރުގެ މާރިޗު މަހުގެތެރޭގައި ރާއްޖޭގައި ހެލިކޮޕްޓަރު އޮޕަރޭޓް ކުރަން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވަޒީރު މިފަދައިން ވިދާޅުވީ ޕީއެސްއެމް ނިއުސް އިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުންނެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އެކަމަށް އެދި ހުށައެޅުމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ހުޅުވާލީ މިދިޔަ އޮގަސްޓު މަހުގެ ތެރޭގައެވެ. އެކަމަށް ހުޅުވާލުމުން ބައިނަލްއަޤްވާމީ 36 ކުންފުންޏަކުން ވަނީ ރާއްޖޭގައި ހެލިކޮޓަރުގެ ޚިދުމަތް ދިނުމަށް ޝައުގުވެރިކަން ފާޅުކޮށްފައެވެ.
ރާއްޖޭގައި ހެލިކޮޕްޓަރުގެ ޚިދުމަތް ފެށުމަށްޓަކައި ވަމުންދާ ތައްޔާރީތަކުގެ މައުލޫމާތު ހިއްސާކުރައްވަމުން "ހަފްތާ 52" ޕްރޮގްރާމްގައި ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ ކުރިއަތް އޮތް 10 ނޫނީ 15 ދުވަސް ތެރޭގައި ހެލިކޮޕްޓަރު އޮޕަރޭޓުކުރާ ފަރާތަކާއެކު ސޮއިކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެ ކަމަށެވެ. އަދި ރާއްޖޭގައި އެ ޚިދުމަތް ފެށިގެންދާނީ ސިވިލް އޭވިއޭޝަންގެ ހުރިހާ މިންގަނޑަކަށް ފެތޭގޮތަށް ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"މި ބަދަލަކީވެސް އިނގިރޭސިވިލާތުގެ ސީއޭ ރިކޮމަންޑޭޝަންތަކާއެކު ސަލާމަތީ ގޮތުން ރާއްޖެއަށް އޮޕަރޭޓްކުރުމަށް އެންމެ ރަނގަޅު ފެންވަރުގެ ހެލިކޮޕްޓަރުތައް ރާއްޖޭގައި އޮޕަރޭޓް ކުރާނީ. މިގޮތަށް ފެށުނީމަ އެއްރަށުން އަނެއް ރަށަށް ނުވަތަ މާލެއަށް ގެންނަންޖެހޭ ބަލި މީހުން ކަންތައްތައް ވެސް ފެށޭ ގޮތަށް އޭގެ ތެރެއިން ހަމަޖެހިގެންދާނެ. އަދި ރޭގަނޑު ޓޫރިސްޓުން އޮޕަރޭޓް ކުރުމުގައި ހުރި ދަތިތަކަށްވެސް ބަދަލު އަންނާނެ" ވަޒީރު ވިދާޅުވިއެވެ.
ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ހެލިކޮޕްޓަރުގެ ޚިދުމަތް ދޭން ނިންމާފައިވަނީ އިމަރޖެންސީގެ ކުއްލި ހާލަތްތަކުގެ ޚިދުމަތް ދިނުމަށާއި، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތް ކުރިއެރުވުމަށް ކަމަށެވެ. އަދި އެ ޚިދުމަތް ދިނުމަށް އެއްބަސްވުން އެކުލަވާލާ ފަރާތަކަށް 10 އަހަރުގެ މުއްދަތަކަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ފަތުރުވެރިން އުފުލައި ފަތުރުވެރިކަމުގެ ސިނާއަތު ކުރިއެރުވުމަށް ހުއްދަދޭނެކަމަށްވެސް ދަތުރުފަތުރާބެހޭ ވުޒާރާއިން މީގެކުރިން ވިދާޅުވިއެވެ.
ރާއްޖޭގައި މީގެކުރިން ފޯރުކޮށްދެމުންދިޔަ ހެލިކޮޕްޓަރުގެ ޚިދުމަތް ހުއްޓާލީ ދިމާވީ ހިތާމަވެރި ހާދިސާތަކަކާއި ގުޅިގެން މީގެ އެތައް އަހަރެއް ކުރިންނެވެ. އަދި އަލުން ހެލިކޮޕްޓަރުގެ ޙިދުމަތް ފެށުމަށް ސަރުކާރުން ނިންމެވީ މިދިޔަ ޖެނުއަރީމަހުއެވެ. ހެލިކޮޕްޓަރުގެ ޚިދުމަތް ދިނުމަށް ސަރުކާރުން ނިންމެވީ އިނގިރޭސިވިލާތުގެ ރެގިއުލޭޓަރީ ބޮޑީއެއްކަމަށްވާ، ޔޫކޭ ސިވިލް އޭވިއޭޝަންގެ އެހީގައި ހަދާފައިވާ ޓެކްނިކަލް އެސެސްމަންޓްތަކަކަށް ފަހުއެވެ.