ބޭރު ފައިސާއާބެހޭ ކަންކަން ހަރުދަނާކުރުމަށް އެކުލަވާލަމުންދާ ބޭރު ފައިސާއާބެހޭ ބިލަށް ޚިޔާލު ހުށަހެޅުމުގެ ފުރުޞަތު އާއްމުންނަށް ހުޅުވާލައިފިއެވެ.
ބޭރު ފައިސާއާބެހޭ ބިލު އެކުލަވާލަމުންދަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއާއި ކަމާބެހޭ މުއައްސަސާތަކާއި ގުޅިގެެނެވެ.
އެމްއެމްއޭއިން ވިދާޅުވީ މި ބިލުގެ މައިގަނޑު މަގުސަދަކީ، މިދިޔަމަހު ޢަމަލުކުރަން ފަށާފައިވާ ބޭރު ފައިސާއާބެހޭ ގަވާއިދުގައި ބަޔާންކޮށްފައިވާ ކަންކަން އިތުރަށް ހަރުދަނާކުރުން ކަމަށެވެ. އަދި މި ބިލަށް ކަމާގުޅޭ ފަރާތްތަކުގެ ޚިޔާލު ހޯދުމަށް ފޮނުވާފައިވާކަން ފާހަގަކުރައްވާ އެމްއެމްއޭއިން ވިދާޅުވީ މި ބިލަކީ ވިޔަފާރިތަކާއި ރައްޔިތުންގެ ލާބައާއި މަންފާއާ ގުޅިފައިވާ ބިލަކަށް ވާތީ ވިޔަފާރިތަކުންނާއި އާންމު ރައްޔިތުންގެ ޚިޔާލު ހޯދަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ބޭރު ފައިސާއާބެހޭ ބިލަށް އާންމުންގެ ޚިޔާލު ހުށަހެޅުމުގެ ފުރުސަތު 1 ޑިސެންބަރުގެ 14:00އާ ހަމައަށް ހުޅުވާލާފައިވާކަމަށް އެމްއެމްއޭއިން ވިދާޅުވެއެވެ. އަދި މި ބިލަށް ޚިޔާލު ހުށަހަޅަންޖެހޭނީ [email protected] އަށް އީ-މެއިލްކޮށްގެންކަމަށްވެސް އެމްއެމްއޭއިން ވިދާޅުވެއެވެ.
މިދިޔަ އޮކްޓޫބަރު މަހުގެ އެއްވަނަ ދުވަހު އަމަލުކުރަން ފެށި ބޭރުފައިސާއާ ބެހޭ ޤަވާއިދުގެ ދަށުން، ބޭރު ފައިސާއިން ލިބޭ އާމްދަނީ ޑިޕޮސިޓް ކުރުމަށް، އަލަށް ޓޫރިޒަމް ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ރަޖިސްޓަރީވުމަށް 30 ދުވަހުގެ މުއްދަތެއް ލިބިގެންދާނެއެވެ.
މި ޤަވާއިދުގެ ދަށުން ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަން ދެ ގިންތިއަކަށް ބަހާލައި، އެއިން ކޮންމެ ތަނަކަށް އަންނަ ކޮންމެ ފަތުރުވެރިއަކަށް ކަނޑައެޅޭ ވަކި މިންވަރަކަށް ބޭރު ފައިސާ ބޭންކިން ނިޒާމުގެ ތެރެއަށް މާރުކުރުމަށް ޤަވާއިދުގައި ވަނީ ހިމަނާފައެވެ.
ބޭރު ފައިސާއާބެހޭ ޤަވާއިދުގެ ތެރެއިން އޭ ކެޓަގަރީގެ ތެރޭގައި ހިމަނާފައިވަނީ، ރިސޯޓުތަކާއި، ބޮޑެތި ހޮޓާތަކާއި ޓުއަރިސް އުޅަނދުތަކެވެ. މި ތަންތަނުން ކޮންމެ ފަތުރުވެރިޔަކަށް 500 ޑޮލަރުގެ ރޭޓުން ބޭންކަށް ރުފިޔާ މާރުކުރަން ލާޒިމް ކުރެއެވެ.
ބީ ކެޓަގަރީގައި ހިމަނާފައިވަނީ، ގެސްޓް ހައުސްތަކާއި މީހުން ދިރިއުޅޭ ރަށްރަށުގައި ހިންގާ ހޮޓާތަކެވެ. މިތަންތަނުން ޚިދުމަތް ހޯދާ ކޮންމެ ފަތުރުވެރިއަކަށް މާރުކުރަންޖެހޭ ރޭޓަކީ 25 ޑޮލަރެވެ. އެމްއެމްއޭއިން ވަނީ ޤަވާއިދުގައި ބަޔާންކޮށްފައިވާ އަދަދަށް މާރުކުރުމުގެ ދަތިކަން ހުރި ފަރާތްތަކަށް އެއަށް ވުރެ މަދުން މާރުކުރުމުގެ ހުއްދައަށް އެދޭވެނެކަން ފާހަގަކޮށްފައެވެ.
މި ޤަވާއިދުގެ ތެރެއިން ބޭންކިން ނިޒާމުގެ ތެރެއަށް ވަންނަ ބޭރު ފައިސާގެ ތެރެއިން 60 އިންސައްތަ ކޮންމެ ހަފްތާއަކުވެސް އެމްއެމްއޭއަށް ވިއްކަން ޖެހެއެވެ. މީގެ ބޭނުމަކީ ބޭންކުތަކަށް ބޭނުންވާ ބޭރުފައިސާ ޑިމާންޑާއި އެއްވަރަށް ބޭރު ފައިސާ މެދުނުކެނޑި ފޯރުކޮށްދެވޭނެ ރިއެލޮކޭޝަން ނިޒާމެއް ޤާއިމް ކުރުން ކަމަށް އެމްއެމްއޭއިން ފާހަގަކުރެއެވެ. މީގެ ސަބަބުން ބޭންކުތަކަށް ބޭރު ފައިސާ ލިބުމުގައި މިހާރު ދިމާވާ ދަތިތަކަށް ހައްލެއް ހޯދޭނެކަމަށް އެމްއެމްއޭއިން ޤަބޫލުކުރެއެވެ.