 
										
			އަންނަ އަހަރު ޅ. އަތޮޅުގައި ބަޔޮސްފިއަރ ރިޒާވެއް ޤާއިމުކުރުމަށް ބޭނުންވާ މަޢުލޫމާތު ހޯދުމަށް ސަރވޭކުރުމުގެ މަސައްކަތް ފަށްޓަވާނެކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާ ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. 
ވަޒީރު ވިދާޅުވީ ރާއްޖޭގައި އިތުރު ބަޔޯސްފެއަރ ރިޒާވް ޤާއިމުކުރުމަށް މިއަހަރު ހުޅުވާލި ފުރުޞަތުގައި ޕްރޮޕޯސަލް ހުށައަޅާފައިވަނީ ހަމައެކަނި ޅ. އަތޮޅުންކަމަށެވެ. 
ރާއްޖޭގައި އިތުރު 3 ބަޔޮސްފިއަރ ރިޒާވް އާއި އިތުރު ނޭޗަރ ޕާކުތައް ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޤާއިމުކުރެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އެއަމާޒަށް ވަޞިލުވުމަށް ފުރަތަމަ އަހަރުގެ ތެރޭގައިވަނީ ބަޔޮސްފިއަރ ރިޒާވްގެ ގޮތުގައި ކަނޑައެޅުމަށް ޝައުގުވެރިވާ އަތޮޅުތަކުން ޕްރޮޕޯސަލް ހުށައެޅުމަށް ހުޅުވާލާފައެވެ. 
ޕީއެސްއެމްނިއުސް އިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމްގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، ޕްރޮޕޯސަލްތައް ހުށައެޅުމަށް ހުޅުވާލުމުން ޕްރޮޕޯސަލް ފޮނުވާފައިވަނީ ހަމައެކަނި ޅ. އަތޮޅުން ކަމަށެވެ. އަދި ހުށައަޅާފައިވާ ޕްރޮޕޯސަލް ފުރިހަމަކަން ވަޒީރު ފާހަގަކުރެއްވިއެވެ. 
		
 
										
			"މިހާރު އަޅުގަނޑުމެން މިދަނީ ޕްރޮޕޯސަލް ބަލައިގަނެ އަންނަ އަހަރުގެ ތެރޭގައި ޢަމަލީ މަސައްކަތް ފަށައިގަތުމަށް ތައްޔާރުވަމުން. ޢަމަލީ މަސައްކަތޭ މިދެންނެވީ ބަޔޮސްފިއަރ ރިޒާވަކަށްވުމަށް ހުށައަޅަންޖެހޭ އެޕްލިކޭޝަނަށް ބޭނުންވާ ސަރވޭތަކާއި ސްޓަޑީތައް ހެދުމުގެ މަސައްކަތް ފެށިގެންދާނެ" ވަޒީރު ވިދާޅުވިއެވެ. 
ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ، އަންނަ އަހަރުގެ ތެރޭގައި ސަރވޭގެ މަސައްކަތް ފެށުމުން ދޮޅު އަހަރުގެ ތެރެގައި އެޕްލިކޭޝަންގެ ހުރިހާ މަސައްކަތެއް ނިންމއި، ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވްގައި ހިމެނުމަށް ހުށަހެޅިގެންދާނެކަމަށެވެ. އަދި އެކަމަށް ބޭނުންވާ ފައިސާ މިހާރު ހަމަޖެހިފައިވާކަން ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. 
ރާއްޖޭގައި ޔުނެސްކޯގެ ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ކަނޑައަޅާފައިވަނީ، ބ.އަތޮޅާއި، އައްޑޫ ސިޓީއާއި ފުވައްމުލައް ސިޓީއެވެ.  ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި ހަމަޖެހިގެން ދިޔުމުން، ގުދުރަތީ ރީތިކަން ލިބިފައިވާ ސަރަޙައްދުތައް ޙިމާޔަތްކޮށް ބެލެހެއްޓުން ހަރުދަނާކުރުމަށް ބާރުއަޅަން މަގުފަހިވެގެންދެއެވެ. މިގޮތުން ބަޔޮސްފިއަރ ރިޒަރވެއްގެ ގޮތުގައި 10 އަހަރަށެވެ. އަލުން އެގޮތުގައި ތަނެއް ދެމެހެއްޓުމަށް އެސަރަޙައްދަކާއި ގުޅޭގޮތުން ސަރވޭތަކެއް ކުރުމަށްފަހު ޖެހެނީ ޔުނެސްކޯއަށް ހުށަހަޅާށެވެ. 
ބަޔޮސްފިއަރ ރިޒާވެއްގެ ގޮތުގައި ވަކި ސަރަޙައްދެއް ކަނޑައަޅައި އެގޮތުގައި ދެމެހެއްޓުމަށް އެސަރަޙައްދެއްގެ އެކި މުވައްސަސާތަކާއި، ރައްޔިތުންގެ ހިއްސާ ބޮޑެވެ. އެއީ ރާއްޖޭގެ ފަތުރުވެރިކަމަށާއި ތިމާވެއްޓަށް އޭގެ ސަބަބުން ރަނގަޅު ކުރިއެރުންތަކެއް ގެނުވާކަމެކެވެ.