ފެނަކައިން ފޯރުކޮށްދޭ ޔުޓިލިޓީ ޚިދުމަތަށްއެދި ނިމިދިޔަ ސަރުކާރުގެ ދުވަސްވަރު އެދިފައިވާ ގޭބިސީ ތަކުގެ ތެރިއިން 4000 އަށްވުރެ ގިނަ ގެއަކަށް ވެރިކަން ބަދަލުވިއިރުވެސް ޚިދުމަތް ނުދެވިއޮތްކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވެއްޖެއެވެ. މުއާޒު މިހެން ވިދާޅުވީ ޕީއެސްއެމްއިން ގެނެސްދޭ "ހަފްތާ 52" ޕްރޮގްރާމަށް ދެއްވި އިންޓަވިއުގައެވެ.
ފެނަކަ ކޯޕަރޭޝަނުގެ މެނޭޖިންގ ޑިރެކްޓަރ މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ ފެނަކަ ކުންފުނީގެ މާލީ ޙާލަތު ދަށްކޮށް އޮތްއިރު، ކުންފުނިން ރައްޔިތުންނަށް ދޭންޖެހޭ ޚިދުމަތްތައްވެސް އެންމެ އެކަށީގެންވާ ގޮތުގައި ދެވިފައިނުވާކަން ފާހަގަކުރެވިފައިވާކަމަށެވެ.
ޔުޓިލިޓީ ތަފާތު ޚިދުމަތްތަކަށް ގިނަ އަދަދެއްގެ ގޭބިސީތަކުން އޭރު އެދިފައި އޮތްކަމަށާއި އެގޮތުން އަލަށް ގެ އަޅައިގެން ދިރިއުޅުން ބަދަލުކުރަން ބޭނުންވާ މީހުން ހިމެނޭޙެން ތަފާރު އެކު ބޭނުންތަކުގައި 4000އަށްވުރެ ގިނަ ގެއަށް ކަނެކްޝަން ގުޅައިދޭން އެދިފައި އޮތްކަމަށެެވ.އޭގެތެރޭގައި ކަރަންޓާއި ފެނާ ނަރުދަމާ ކަނެކްޝަންތައް އެޅުމަށް އެދިފައިވާ އެތަށް ބަޔަކުތިބިކަން މުއާޒް ފާހަގަކުރެއްވިއެވެ.
ނަމަވެސް އެ ގެތަކަށް ޚިދުމަތް ނުދީ، މަސައްކަތް އޮތީ މުޅިން ހުއްޓިފައިކަމަށް މުއާޒު ވިދާޅުވިއެވެ. އޭގެ ސަބަބުން ރައްޔިތުންނަށް އެތަށް ގޮންޖެހުންތަކާ ކުރިތިވަމުން ދިޔައިރު، ބައެއް ރަށްތަކުގައި ސަރުކަރުން އަޅާ މަސައްކަތް ނިމިފައިވާ ހައުސިން ޔުނިޓްތަކަށްވެސް ޔުޓިލިޓީ ވިއުގައާ ގުޅާލާފައި ނުވާކަމަށް މުއާޒު ވިދާޅުވިއެވެ. އޭގެ ސަބަބުން އެ ތަންތަން ބޭނުން ނުކުރެވި، ރައްޔިތުންގެ އެތަށް ކަންބޮޑުވުމެއްވެސް އެ މައްސަލަތަކާ ގުޅިގެން ކުރިމަތިވިކަމަށް ފެނައިކައިގެ އެމްޑީ ވިދާޅުވިއެވެ.
މުއާޒު މުޙައްމަދު ރަޝީދު ވިދާޅުވީ، މިގޮތަށް ކަނެކްޝަން އެޅުމަށް އެދިފައިވާ ގެތަކުގެތެރެއިން ގިނަ ގެތަކަށް ކަނެކްޝަން އެޅުމުގެ މަސައްކަތް މި އަހަރުގެ ނިޔަލަށް ނިންމާނެކަމަށެވެ. އޭގެތެރޭގައި ފެނާއި ނަރުދަމާއާއި ކަރަންޓުގެ ކަނެކްޝަންތައް އެޅުމުގެ މަސައްކަތް ހިމެނެއެވެ.
"ނޮޅިވަރަންފަރުގައިވެސް ސަރުކާރުން އަޅާފައިވާ 160 ހައުސިން ޔުނިޓަށް، ފެން، ނަރުދަމާ، ކަރަންޓު ނުގުޅާ އެތަށް މުއްދަތެއް ވެފައި އޮތީ. އަޅުގަނޑުމެންގެ ޓަރގެޓަކީ ލިބިފައި ހުރި ރިކުއެސްޓްތަކުގެ ތެރެއިން، މިއަހަރު ނިމުމުގެ ކުރިން %80 ގެއަށް ކަނެކްޝަން އެޅުމުގެ މަސައްކަތް ނިންމުން" ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ވިދާޅުވިއެވެ.
މުއާޒު ވިދާޅުވީ ސަރުކާރު ހަވާލުވިއިރު ފެނަކައިގެން ހާލަތު އޮތީ ރައްޔިތުންނަށް ދެމުންދިޔަ އަސާސީ ޚިދުމަތްތައްވެސް ހުއްޓޭ ހިސާބުގައިކަމަށެވެ. ފެނަކައިގެ ދަރަނި 4 ބިލިއަން ރުފިޔާއިން މައްޗަށް އަރައެވެ.
އަދި ކުންފުނިން ޚިދުމަތް ދޭން ބެނުންކުރާ އިންޖީނުތަކާއި ވިއުގަތަކަށް ބޭނުންވާ މަރާމާތާއި އިންޖީނުތައް އޯވަހޯލް ނުކުރުމުގެ ސަބަބުން، ކަރަންޓު ދޭން ތެޔޮ އަންދާ މިންވަރު އެތަށް ގުނައަކުން އިތުރުކަމަށް މުއާޒު ވިދާޅުވިއެވެ. މިއީވެސް ޚަރަދުތައް ބޮޑުވާން ދިމާވި އެއް ސަބަބުންގެ ގޮތުގައި މުއާޒު މުޙައްމަދު ރަޝީދު ވަނީ ފާހަގަކުރައްވާފައެވެ.