ޚަބަރު

ރަމަޟާން މަހުގެ ފުރިހަމަ ސަވާބާއި ދަރުމަށް ހޯދުން


ރަމަޟާން މަހަކީ މުސްލިމުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ލިބި އަދި ދިމާވާ ކަންކަމުގައި ކެއްތެރިވުމުގެ ހިތްވަރު ލިއްބައިދޭ މަހެކެވެ.

މާތްﷲ ޞުބުޙާނަހޫ ވަތަޢާލާއަށް ކުރެވޭ ކޮންމެ އަޅުކަމަކީ އެކަލާނގެ ރުހުން ހޯދުމަށްޓަކައި ކުރެވޭ އަޅުކަމަކަށް ވާންޖެހެއެވެ. އެހެކަމުން އެކަލާނގެ ވަޖުހުފުޅައްޓަކައި ރޯދަ ހިފުމަކީ ވަރަށް މަތިވެރި ޘަވާބާއި ދަރުމަ ލިބޭ އަޅުކަމެކެވެ. ރޯދައިގެ މާތްކަމާއި މަތިވެރިކަމާ ބެހޭގޮތުން ކީރިތި ރަސޫލު صلى الله عليه وسلم ގެ އެތައް ޙަދީޘްފުޅެއް ވާރިދުވެފައިވެއެވެ. އެގޮތުން ރަސޫލާގެ ޙަދީޘްފުޅެއްގައި މާނައިގައި ވަނީ "މީހަކު އެންމެ ދުވަހަކުވެސް ﷲ އަށްޓަކައި ރޯދައެއް ހިފައިފިނަމަ، އެމީހެއްގެ މޫނު ނަރަކައާއި ހަތްދިހަ އަހަރުގެ ރާސްތާއަކަށް މާތްﷲ ދުރުކުރައްވާނެއެވެ". ރޯދައިގެ މަތިވެރިކަން އަޅުގަނޑުމެންނަށް ކީރިތި ޤުރުއާނުންނާއި ރަސޫލާގެ ސުންނަތުން ވަރަށް ބޮޑަށް ސާބިތުވެއެވެ.

img:http://s2.psmnews.mv/images/660x400/14655071600381.jpg|ކުޑަކުދިންތަކެއް ޤުރުއާން ކިޔަވަނީ- ފޮޓޯ: ޒިންހުއާ

ރަމަޟާން މަސް އައުމަކީ އަޅުގަނޑުމެންނަށް ލިބޭ ވަރަށް ބޮޑު އުފަލެކެވެ. އަދި ހިތްހަމަޖެހުމެކެވެ. އަޅުގަނޑުމެން މި މަހާ ކުރިމަތިލާންޖެހޭނީ ލޯތްބާއި، އޯގާތެރިކަމާއި، އުފަލާއެކުގައެވެ. އެހެންނަމަވެސް ހިތާމައަކީ މި މަތިވެރި މައްސަރުގެ ސަވާބާއި ދަރުމަށް ހޯދުމަށް ރަނގަޅަށް މަސައްކަތްކުރުމުގެ ބަދަލުގައި ބައެއް ފަރާތްތަކުން، ބޭކާރު ކަންކަމުގައި ވަގުތުތައް ހޭދަކުރާކަމެވެ. ރޯދަ ކުރުކުރުމަށް ކަމަށް ބުނެ، މުނިފޫހި ފިލުވުމާއި، ކުޅިވަރާއި މަޖަލުގައި މުޅިދުވަސް ހޭދަކޮށްލުމަކީ ޚާއްޞަގޮތެއްގައި މިހާރުގެ ބައެއް ޒުވާނުންގެ ތެރޭގައި ފެތުރެމުން އަންނަ އާދައެކެވެ. ދީނީ އަޅުކަމަށް ސަމާލުކަން ދިނުމުގެ ބަދަލުގައި މަންފާއެއް ނެތް އެކި ކަހަލަ ޓީވީ ޕްރޮގްރާމްތައް ބެލުމާއި، ސޯޝަލް މީޑިއާގެ އެކިކަހަލަ ވަޞީލަތްތައް ބޭނުންކުރުމުގައި ގިނަވަގުތު ހޭދަކުރާ ޒުވާނުން މިހާރު މަދެއް ނޫންނެވެ.

ރަމަޟާން މަހަކީ އަޅުކަމުގެ މައްސަރަކަށްވާއިރު، އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ ހަމަތަކާއި، މިންތަކުގެ ތެރޭގައި ތިބުމަށް ކޮންމެ މުސްލިމަކުވެސް މަސައްކަތް ކުރަންޖެހެއެެވެ. ރަމަޟާންމަހު ޢަމަލުތައް ބަހައްޓަންވީގޮތާ ގުޅޭގޮތުން އިސްލާމީކް މިނިސްޓްރީގެ އެގްޒެކެޓިވް ކޯޑިނޭޓަރ އަދި މަޝްހޫރު ދީނީ ޢިލްމުވެރިޔާ އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވީ، ދުނިޔެވީ ބޭކާރު ކަންކަމުގައި ވަގުތު ހޭދުކުރުމުގެ ބަދަލުގައި އިސްލާމްދީނުގެ ރިވެތި އުޞޫލްތަކާއި ހަމަތަކާ ޚިލާފުނުވާކަހަލަ ޕްރޮގްރާމްތަކާއި، ޙަރަކާތްތައް ހިންގުމާއި، އެފަދަ ކަންކަމުގައި ބައިވެރިވުން މުހިއްމު ކަމުގައެވެ.

img:http://s1.psmnews.mv/images/660x400/5996.jpg|އިސްލާމީ މަރުކަޒުގައި ނަމާދުކުރުން - ފައިލް ފޮޓޯ ޕީއެސްއެމް ނިއުސް

"މިސާލަކަށް ކީރިތި ޤުރުއާން ކިޔެވުމުގެ ތަފާތު އެކި މުބާރާތްތަކާއި، ކީރިތި ޤުރުއާނަށް ލޯބިޖެއްސުމަށްޓަކައި ކުރިއަށްގެންދާ ތަފާތު ޕްރޮގްރާމްތައް އެބަ ހިނގާ. އިސްލާމްދީނަށް ފުށުނާރާ ތަފާތު އެކި ޕްރޮގްރާމްތައް ރޯދަމަހަށް ޚާއްޞަކޮށްގެން އެބަ ހިނގާ. ހުރިހާ އެންމެވެސް މިކަހަލަ ރަނގަޅު ޕްރޮގްރާމްތަކުގައި ބައިވެރިވުން މުހިއްމު" އައްޝައިޚް ޢަލީ ޝަރީފް ވިދާޅުވިއެވެ.

ޚާއްޞަކޮށް ރަމަޟާންމަހުގެ ދުވާލުގެ ވަގުތުތަކަކީ، ﷲ ސުބުޚާނަހޫ ވަތައާލާ އެމީހަކަށް، އެއިލާހުގެ ރަޙުމަތާއި އޯގާތެރިކަން ލިބެމުންދާ ވަގުތުތަކެއްކަން ފާހަގަކުރައްވައި، އައްޝައިޚް ޢަލީ ޝަރީފް ބަޔާންކުރެއްވީ، ރޯދައަށް ހުންނަ ވަގުތު އެމީހަކު ކުރާ ދުޢާ ﷲ ވަގުތުން އިޖާބަކޮށްދެއްވާނެކަން ކީރިތި ޤުރުއާނުގައި އަންގަވާފައިވާކަމަށެވެ. އެހެންކަމުން ރޯދަމަހުގެ ދުވާލުގެ ވަގުތުތަކުގައި ހެޔޮކަންތައްތައް ކުރުން އިތުރުކޮށް، ގިނަގިނައިން ދުޢާކުރުން މުހިއްމުކަމުގައި އޭނާ ވިދާޅުވިއެވެ.

img:http://s1.psmnews.mv/images/660x400/14661621125997.jpg|މިސްކިތުގައި، މީހަކު ދުޢާކުރަނީ- ފޮޓޯ: ޒިންހުއާ

ރަމަޟާންމަހު ރޯދަކުރުކުރުމަށް އަޅުގަނޑުމެންނަށް ކުރެވިދާނެ ކަންތައްތަކަށް އިޝާރަތްކުރައްވަމުން، ކީރިތި ޤުރުއާން ކިޔެވުމާއި، ރަސޫލާގެ ސިޔަރަތު އަޑުއެހުމާއި، ގާތްތިމާގެކަމުގެ ގުޅުން ބަދަހިކުރުމާއި، މީހުންގެ ތެރޭގައި ރަނގަޅު ވާހަކަތައް ދެއްކުންފަދަ ހެޔޮ ޢަމަލުތައް ގިނަކުރުމަށް އައްޝައިޚް ޢަލީ ޝަރީފް ޕީއެސްއެމް ނިވްސްއާ ވާހަކަދައްކަވަމުން ބާރުއެޅުއްވިއެވެ. އަދި މީހުންނަށް އުނދަގޫކުރުމާއި، ޖެއްސުންކޮށް، ރުޅިއެރުވުންފަދަ މުޖުތަމަޢުގެ ސުލްޙަމަސަލަސްކަން ގެއްލޭ ޢަމަލުތަކުން ދުރުހެލިވެ ތިބުމަށް އޭނާ ނަސޭޙަތްތެރިވެވަޑައިގެންނެވިއެވެ.

ރަމަޟާންމަހުގެ ފުރިހަމަ ސަވާބާއި، ދަރުމަ ހޯދުމަށް އެދޭނަމަ، ކުޅިވަރާއި މަޖަލުގައި ތިމާގެ ހުރިހާ ވަގުތުތަކެއް ދުއްވާނުލައި، މާތްﷲ ގެ ރުއްސެވުމާއި، ފުއްސެވުން ހޯދުމަށް ގަދައަޅައި މަސައްކަތްކުރުން މުހިއްމެވެ. އަދި ދީނުގައި އަންގަވާފައިވާ އަޅުކަން ފުރިހަމަކުރުމަށް ތިމާގެ އަމިއްލަ ނަފްސަށް ބާރުއަޅާފަދައިން، ޢާއިލާގެ މެމްބަރުންނަށާއި، ގާތްތިމާގެ މީހުންގެ އިތުރުން ތިމާގެ ރަޙުމަތްތެރިންނަށްވެސް ބާރުއެޅުން މުހިއްމެވެ.