ޚަބަރު

އަންނަ އަހަރަކީ ލޮލަށް ފެންނަ، އަތްލެވޭ ތަރައްޤީގެ އަހަރު: މަޖިލީހުގެ ރައީސް


  • ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާސިލުކުރެއްވި

އަންނަ އަހަރަކީ ރައްޔިތުންނަށް ލޮލަށް ފެންނަ އަތްލެވޭ ތަރައްޤީގެ އަހަރަކަށްވާނެކަމުގެ ފުރިހަމަ ޔަޤީންކަން އެބައޮތްކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. ރައްޔިތުންގެ މަޖިލީހުގެ ރައީސް މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް 1 އަހަރުވުމާއި ގުޅިގެން ޕީއެސްއެމް ނިއުސްއިން ގެނެސްދިން "ހަފްތާ 52" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހަފްތާ 52 ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވީ ފާއިތުވި އެއްއަހަރު ވަރަށް ބޮޑެތި ކާމިޔާބީތައް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ހާސިލުކުރެއްވިކަމަށެވެ. އެހެންނަމަވެސް ކޮންމެ ކާމިޔާބީއަކީ އަތްލެވޭ އެއްޗެއް ނޫން ކަމަށާއި، ބައެއް ކާމިޔާބީތަކަކީ ލޮލަށް ފެންނަ އެއްޗެއް ނޫންކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. މަޖިލީހުގެ ރައީސް މިފަދައިން މާނަކުރެއްވީ ރާއްޖޭގެ އިސްތިޤްލާލާއި، މިނިވަންކަން ޔަޤީންކުރުމަށާއި، ދީނީ ވަޙުދަތު ހިމާޔަތްކޮށް ޤައުމިއްޔަތު ކުރިއެރުވުމާއި މާލީ ދަތިކަމުން އަރައިގަތުމަށް ސަރުކާރުން ކުރެއްވި މުހިންމު މަސައްކަތްތަކަށް އިޝާރާތްކުރައްވައެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި އެއް ވައުދަކީ ފައިސާ ޗާޕުކުރުން ހުއްޓާލުން ކަމަށާއި އެކަން މިހާރު ނިމުމަކަށް ގެންނެވިކަން މަޖިލީހުގެ ރައީސް ފާހަގަކުރެއްވިއެވެ. އަދި އެއީ އިޤްތިސާދީ ވިސްނުމަކުން ވިސްނާއިރު ވަރަށް ބޮޑު ކާމިޔާބީއެއްކަމަށްވެސް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ދައުލަތަށް ލިބުނު އާމްދަނީން މެނޭޖްކުރައްވައިގެން މިއަދާ ހަމައަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމުން އެއީ ވަރަށް ބޮޑު ކާމީޔާބީއެއްގޮތުގައިވެސް މަޖިލީހުގެ ރައީސް ސިފަކުރެއްވިއެވެ.

މީގެ އިތުރުން ޑިޕްލޮމެސީގެ ރިވެތި އުސޫލުން ބޭރު ސިފައިން ރާއްޖެއިން ފޮނުވާލިކަމަށާއި ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ކުރެއްވުމުގައި ދުރެއް ގާތެއް ނުބައްލަވާ ޤައުމުގެ މައިގަނޑު އަސާސްތަކަށް އިޙްތިރާމްކުރާ، އެންމެންނާއެކު ގުޅުން ޤާއިމުކުރެއްވިކަމަށްވެސް ވިދާޅުވިއެވެ.

ޢަބްދުއްރަޙީމް ވިދާޅުވީ އަމާންވެއްޓެއް ޤާއިމުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވައުދުވެވަޑައިގެންނެވިކަމަށާއި އެ ވައުދުވެސް އެމަނިކުފާނު ފުއްދެވި ކަމަށެވެ. މިހުރިހާ ކަމަކީ ފާއިތުވި އެއްއަހަރަށް ބަލާއިރު ސަރުކާރަށް ހާސިލްކުރެވުނު މުހިންމު ކާމިޔާބީތަކެއް ކަމަށް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕްރޮގްރާމުގައި މަޖިލީހުގެ ރައީސް ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމު އޮތް ގޮތުން ކާމިޔާބު ވެރިކަމެއް ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުން ވަރަށް މުހިންމު ދައުރެއް އަދާކުރަންޖެހޭކަމަށެވެ.

ރައްޔިތުންގެ މަޖިލީހަކީ ސަރުކާރަށް ޖެއްސުންކުރާ މަޖިލީހަކަށްވެއްޖެނަމަ އަދި މަޖިލީހުގެ ރިޔާސަތުގައި އިންނަ މީހަކީ އަމިއްލަ ގޮތްތައް ގެންގުޅޭ މީހަކަށްވެއްޖެނަމަ ސަރުކާރަށް ބައެއް ކަންކަމުގައި ވަރަށް އުނދަގޫވާނެކަމަށްވެސް ވިދާޅުވިއެވެ.

އަބްދުއްރަހީމް ވިދާޅުވީ ބޭނުންފުޅުވަނީ ގޮންޖެހުންތަކާއި ކުރިމަތިލައިގެން ކަންކަން ހާސިލްކުރެއްވުމަށްކަމަށެވެ.

"މަޖިލީހުގެ ގޮނޑީގައި އަޅުގަނޑު އިނީ ފަޚުރަކަށް ނޫން. އެއީ ގޮންޖެހުންތަކާއި ކުރިމަތިލާން އިންނަ ތަނެއް، ފާޑުކިޔުމަކީ އަޅުގަނޑު އެއްވެސް ގޮތަކަށް ކަންބޮޑުވާކަމެއް ނޫން. އަޅުގަނޑަށް ފެށުނީއްސުރެން ފާޑު ކިޔުމުގެ ނަތީޖާއަކީ މިއަދު ރައްޔިތުންގެ މަޖިލީހުގެ ގޮނޑީގައި އަޅުގަނޑު އިނުން. އެ ހިތްވަރު ލިބުނީ ފާޑުކިޔުމުގެ ސަބަބުން" ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވިއެވެ.

މި ސަރުކާރުގެ ގެންނެވީ ވަރަށް މަސައްކަތުން ކަމަށާއި ސަރުކާރަކީ ކާމިޔާބު ސަރުކާރަކަށް ހަދަން ބޭނުންފުޅުވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ޕީއެންސީގެ ޗެއަރޕާސަން ޢަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ. އަދި ސަރުކާރުން ފާއިތުވި އެއްއަހަރު ހާސިލްކުރި ކާމިޔާބީތައް ފާހަގަކުރައްވާ އަބްދުއްރަހީމް ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ތަޢުރީފު ކުރައްވާފައެވެ.