ޚަބަރު

ފުލެޓު ލިސްޓުގެ ސައްހަކަން ކަށަވަރުކުރަން އިތުރު މުއްދަތު ބޭނުންވޭ: ގެދޮރުވެރިކަމާ ބެހޭ ވުޒާރާ


  • ހުރިހާ އެޕްލިކޭޝަން ފޯމްތައް މުރާޖަޢާކުރުމުގެ މަސައްކަތް ދަނީ ކުރަމުން

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓްގެ ސައްހަކަން ކަށަވަރުކުރުމަށް އިތުރު މުއްދަތު ބޭނުންވާކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވީ ގެދޮރުވެރިޔާ ސްކީމާއި ގުޅޭގޮތުން ނެރުނު ނޫސްބަޔާނެއްގައެވެ.

ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި އިމާރާތްކުރާ 4،000 ފުލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓް މި ހަފްތާގައި ޢާންމުކޮށް ޝަކުވާއަށް ހުޅުވާލާނެކަމަށް ކުރިން ވިދާޅުވެފައެވެ.

ނަމަވެސް އެވުޒާރާއިން މިއަދު ނެރުނު ނޫސްބަޔާނުގައި ވިދާޅުވީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ އެޕްލިކޭޝަން ފޯމްތައް މުރާޖާކުރުމުގެ މަސައްކަތް އެވުޒާރާއިން ކުރިއަށްގެންދާ ކަމަށެވެ. ގެދޮރުވެރިޔާ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 އެޕްލިކޭޝަން ފޯމް ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަކަންކަން ހުރުމާ ގުޅިގެން އެ މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީ، އެ ސްކީމުގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކުގެ ތަފްސީލުތައް މަސައްކަތް ނިމުނުހާ އަވަހަކަށް އާންމު ކުރާނެ ކަމަށްވެސް އެ ވުޒާރާއިން ވިދާޅުވިއެވެ.

2022 ވަނަ އަހަރު މާލެ ސަރަޙައްދުން ފްލެޓް ދޫކުރުމަށް އިޢުލާނުކުރި "ގެދޮރުވެރިޔާ" ސްކީމުން ފްލެޓް ލިބޭ މީހުން ކަނޑައަޅާ އެކަމުގެ ލިސްޓް އާއްމުކުރީ މިދިޔަ ސަރުކާރުގެ ދައުރު ނިމެނިކޮށެވެ. ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓަށް އެދި 20607 މީހުން ފޯމު ހުށައެޅިއެވެ. އޭގެތެރެއިން ޝަރުތު ހަމަވެ 13000 މީހުންނަށް ފްލެޓް ދިނުމަށް، މިދިޔަ ސަރުކާރުގައި ނިންމިއެވެ. ނަމަވެސް ދައުރު ނިމުނުއިރު އިމާރާތްކުރުމުގެ ޢަމަލީ މަސައްކަތް ކުރިއަށްދިޔައީ 4000 ފްލެޓްގެއެވެ. އެހެންކަމުން ފުރަތަމަ އެކުލަވާލާ އިޢުލާންކުރީ 4000 ފްލެޓް ލިބޭ މީހުންގެ ލިސްޓެވެ.

މިނިންމުމާއި ގުޅިގެން ޝަކުވާއަށް ހުށައެޅުމަށް ހުޅުވާލުމުން 7500އަށްވުރެ ގިނަ މީހުން ކަންބޮޑުވުން ފާޅުކޮށް ޝަކުވާ ހުށައެޅިއެވެ. އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް 300އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ.

އާއްމުންގެ ޝަކުވާތައް ބޮޑުވެ ފްލެޓް ލިސްޓުގެ މައްސަލައިގެތެރެއަށް އޭސީސީން ވަދެ އެ މަސައްކަތް މެދުކަނޑާލަން އެންގީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށްވެފައިވަނިކޮށެވެ. އޭސީސީން މިގޮތަށް އެންގީ ތަކުރާރުކޮށް އެންގުމުންވެސް މައްސަލަތައް ބެލުމަށް އޭރުގެ ހައުސިން މިނިސްޓްރީން އެކަށީގެން ފިޔަވަޅު އަޅާފައިނުވާތީކަމަށްބުނެއެވެ.

އަދި އޭސީސީން މި ލިސްޓާ ގުޅޭ ތަޙުޤީޤު ހިންގާ ހާމަކުރިގޮތުގައި، 4000ފްލެޓްގެ ލިސްޓަށް ހޮވި %59.6 މީހުންގެ ޝަރުތު ހަމައެއް ނުވެއެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ނިންމީ %20.7 ފޯމުގައެވެ. ފްލެޓް ލިސްޓްގެ މައްސަލަ ޙައްލުކޮށް އަލުން ނެރުމަށް އޭސީސީން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އެންގީ މިއަހަރުގެ ފެބްރުއަރީމަހުއެވެ.

ފްލެޓް ލިސްޓް އާންމު ކުރުމުގެ މަސައްކަތްތައް ކުރަމުންދާއިރު ހުޅުމާލެ ދެވަނަ ފިޔަވަހީގައި ތަރައްޤީ ކުރާ މިފްލެޓްތަކުގެ ސްޓްރަކްޗަރަލް މަސައްކަތްތައް ވަނީ ނިންމާފައެވެ. މި 4000 ހައުސިންގ ޔުނިޓްގެ މަސައްކަތްތައް އެއްކޮށް ނިމޭނެ ކަމަށް އެފްޑީސީން ލަފާކުރަނީ 2025 ވަނަ އަހަރުގެ ފުރަތަމަ އަދި ދެވަނަ ކުއާޓަރގައެވެ.