ޚަބަރު

ގިނަ ޚިދުމަތްތަކެއް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފި


  • ޓަރޝަރީ ފެންވަރަށް ބަދަލުކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިދެއްވީ ރައީސް ޑރ. މުޙައްމަދު މުޢިއްޒު

  • ޒަމާނީ ވަޞީލަތްތަކާއެކު އައު އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސްއެއް ވަނީ ޤާއިމުކޮށްފައި

  • އައިސީޔޫއާއި އެންއައިސީޔޫވެސް ވަނީ ޒަމާނީ ފެންވަރަށް ތަރައްޤީކޮށްފައި

ގިނަ ޚިދުމަތްތަކެއް އަލަށް ޤާއިމްކޮށް ޓަރޝަރީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވައިފިއެވެ.

ޓަރޝަރީ ފެންވަރަށް ތަރައްޤީކޮށް ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒެވެ.

ޓަރޝަނީ ފެންވަރުގައި ހުޅުމާލެ ހޮސްޕިޓަލް ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ދަރުމަވަންތަ ހޮސްޕިޓަލްގެ ސީއީއޯ އިބްރާހިމް ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ ރާއްޖޭގެ ޞިއްޙީ ދާއިރާއަށް އައު ޚިދުމަތްތައް ތަޢާރަފްކޮށް، މިހާރު ދެމުންދާ ޚިދުމަތްތައް ކުރިއަރުވައި، މިދާއިރާއަށް އިންޤިލާބީ ބަދަލެއް ގެނައުން ކަމަށެވެ.

ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވީ މާލެ ސަރަހައްދުގައި ހުރި ހޮސްޕިޓަލްތަކަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތެރިންނާއި ހިންގުމަށް ބޭނުންވާ ފައިސާ ހަމަޖައްސައިދީ މިހާރުވެސް ޞިއްޙީ ދާއިރާއަށް ބޮޑު ކުރިއެރުމަށް ރައީސް ޑރ. މުޢިއްޒު ހޯއްދަވައިދެއްވާފައިވާކަމަށެވެ.

"ހުޅުމާލެ ހޮސްޕިޓަލް ލެވެލް 2 ގެ ހޮސްޕިޓަލެއްގެ ގޮތުގައި ހިންގަމުންދިޔަޔަސް، ހުޅުމާލޭގެ ރައްޔިތުންނަށް ޚިދުމަތް ދެމުންދާ ހަމައެކަނި ސަރުކާރު ހޮސްޕިޓަލުކަމަށްވާތީ، ރައީސް ޚާއްސަ އިސްކަމެއްދެއްވާ. ރައީސް ދެއްވި އަހަންމިއްޔަތުކަމުގެ ސަބަބުން ހުޅުމާލޭ ހޮސްޕިޓަލް ޓަރޝަރީ ފެންވަރަށް ތަރައްޤީކުރެވި ހުޅުވިގެން މިދަނީ." ޢަބްދުއްރައްޒާޤު ޙަލީމް ވިދާޅުވިއެވެ.

ޓަރޝަރީ ފެންވަރަށް ހުޅުމާލޭ ހޮސްޕިޓަލް ތަރައްޤީކުރުމަށް ގިނަ ޚިދުމަތްތަކެއް އެ ހޮސްޕިޓަލުގައި ވަނީ ޤާއިމްކޮށްފައެވެ.

އެގޮތުން ޒަމާނީ ވަޞީލަތްތަކާއެކު 4 އޮޕަރޭޓިން ރޫމް ހިމެނޭ އޮޕަރޭޝަން ތިއޭޓަރ ކޮމްޕްލެކްސެއް ވަނީ ޤާއިމްކޮށްފައެވެ. މިތަނުގައި ހިމެނެނީ ލޮލުގެ ބަލިތަކަށާއި ކަށީގެ ބަލިތަކަށާއި އަންހެނުންގެ ބަލިތަކުގެ އިތުރުން އާންމު ސަރޖަރީތަކަށް ޚާއްސަ 4 އޮޕަރޭޓިން ކޮޓަރިއެވެ.

މި ތިއޭޓަރ ކޮމްޕްލެކްސްއާއެކު ލެޕަރަސްކޯޕިކް ސަރޖަރީތައް ފަސޭހަކަމާއި އިތުބާރާއެކު ކުރެވޭނެ މަގުފަހިވެގެންދާނެކަމަށް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ. އަދި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ވިއުގަ ފުޅާކުރުމުގެގޮތުން އައިޖީއެމްއެޗް އަދި ދަރުމަވަންތަ ހޮސްޕިޓަލުގެ ޑޮކްޓަރުންވެސް މި ތިއޭޓަރުތަކުގައި ސަރޖަރީތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާކަމަށްވެސް ހުޅުމާލެ ހޮސްޕިޓަލުން ވިދާޅުވެއެވެ.

މީގެ އިތުރުން 10 އެނދާއެކު އިންޓެންސިވް ކެއަރ ޔުނިޓު، އައިސީޔޫ ރޫމެއްވެސް ވަނީ ޤާއިމްކޮށްފައެވެ. އަދި މި ޔުނިޓުގައި ގައިންގަޔަށް އަރާ ބަލިތަކުގައި ހާލު ބޮޑުވާ މީހުންނަށް ގާތުން ފަރުވާ ދިނުމަށް އައިސޮލޭޝަން ޔުނިޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ.

އައިސީޔޫގެ އިތުރުން ދަރިމައިވުމުގެ މައްސަލަތައް ދިމާވާ މީހުންނަށް ފަރުވާދިނުމަށް ނިއޮނޭޓަލް އިންޓެންސިވް ކެއަރ ޔުނިޓެއްވެސް ޒަމާނީ ފެންވަރުގައި ހުޅުމާލޭ ހޮސްޕިޓަލްގައި މިހާރު ވަނީ ތަރައްޤީކޮށްފައެވެ. މިތަނުގައި 14 އެނދުހުރެއެވެ.

ހުޅުމާލެ ހޮސްޕިޓަލުގައި ސެންޓްރަލް ސްޓްރެއިލް ސަރވިސް ޑިޕާޓްމަންޓެއްވެސް ވަނީ ޤާއިމްކޮށްފައެވެ. މި ޑިޕާޓްމަންޓަކީ ޚިދުމަތް ދިނުމުގައި ބޭނުންކުރާ ޞިއްޙީ އާލާތްތައް ސާފުކުރުމުގެ މަސައްކަތްކުރާ ތަނެވެ. މީގެ ކުރިން ހޮސްޕިޓަލުގައި ހުންނަނީ އާލާތްތައް ސާފުކުރަން ބޭނުންކުރާ އެއް މެޝިނެވެ. ނަމަވެސް ޒަމާނީ ފެންވަރުގެ މެޝިނަރީއާއެކު މި ޤާއިމްކުރެވުނު ޑިޕާޓްމަންޓާއެކު މެޑިކަލް އާލާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރެވޭނެއެވެ.