ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ ކަންކަން ހުރިއިރުވެސް ކުރީ ސަރުކާރުން އަޅާނުލާ އިހުމާލުވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ "ހަފްތާ52"ގެ ނަމުގައި ގެނެސްދިން ޚާއްސަ ޕެނަލް ޑިސްކަޝަންގައި ވާހަކަފުޅުދައްކަވަމުންނެވެ.
ތަޢުލީމީ ވަޒީރު ޑރ. އިސްމާޢީލް ޝަފީޢު ވިދާޅުވީ ކުރީ ސަރުކާރުން ސްކޫލުތަކަށް ވަރަށް ބޮޑަށް އިހުމާލުވެފައިވާ ކަމަށެވެ. އެގޮތުން މިދިޔަ 5 އަހަރު ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ ކަންކަމާއި، އާބާތުރަފިލުވުމަށް އެކަށީގެންވާ މަސައްކަތް ކޮށްފައިނުވާކަމަށެވެ. އަދި އެކަމުގެ ކަންބޮޑުވުން އެކި ސްކޫލުތަކުގެ ޕްރިންސިޕަލުން ހިއްސާ ކުރެއްވިކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން މިދިޔަ ފަސް އަހަރު ސްކޫލުތަކުގައި ކުލަލުމަށް ފައިސާވެސް ނުލިބުނު ކަމަށް ޕްރިންސިޕަލުން ބުނި ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މީގެއިތުރުންވެސް އެތައް ސަތޭކަ އިންފްރާސްޓްރަކްޗަރ ޕްރޮޖެކްޓްތައް ކުރީ ސަރުކާރުން ފެއްޓީ ސްކޫލުތަކަށް ބޭނުންވާ ޒަރޫރީ އެތައް ކަމެއް ހުއްޓާ، އެކަންކަމަށް އިސްކަން ނުދީ ކަމަށެވެ.
"އެ ޕްރޮޖެކްޓްތައް ފެށިއިރު ގިނަ ސްކޫލުތަކުގައި ހުރީ ފާޚާނާ ހަލާކުވެފައި، ލައިބްރަރީއެއް ނެތް، ކޮމްޕިއުޓަރު ލެބެއް ނެތް، ސައިންސް ލެބެއް ނެތް، އެހެންނަމަވެސް ތައުލީމު ފޯރުކޮށްދިނުމުގައި ޒަރޫރީ ފެސިލިޓީތަކާއި ދަރިވަރުންނަށް މުހިންމުވާ ފެސިލިޓީތައް މަރާމާތު ކުރުމެއް ނެތި މަލްޓިޕާފަސް ހޯލްތައް އެޅުމަށް މިދިޔަ ސަރުކާރުން ޕްރޮޖެކްޓްތައް ހިންގީ" ވަޒީރު ޝަފީޢު ވިދާޅުވިއެވެ.
މަލްޓިޕާފަސް ހޯލްތައް އެޅުމަށް ޕްރޮޖެކްޓްތައް ދީފައި ހުރިގޮތުން ދައުލަތުގެ ފައިސާ އެންމެ ރަނގަޅު ގޮތުގައި ބޭނުންނުކުރެވިވާކަމަށް ވަޒީރު ޝަފީޢު ވިދާޅުވިއެވެ.
މަޤާމާއި ހަވާލުވެވަޑައިގެންނެވިއިރު ކުރީ ސަރުކާރުން އެކި ފަރާތްތަކަށް 280 މިލިޔަން ރުފިޔާގެ ފައިސާ ނުދައްކާ ހުރި ކަމަށް ވަޒީރު ވިދާޅުވިއެވެ. ނަމަވެސް މިހާރު އޭގެތެރެއިން 250 މިލިޔަން ރުފިޔާ ދައްކާފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުން ވަނީ އެކި ސްކޫލްތަކުގައި ގިނަ އަދަދެއްގެ މަޝްރޫޢުތަކެއް ކުރިއަށް ގެންދިޔުމަށް އެކި ކުންފުނިތަކާ ހަވާލުކޮށްފައެވެ. އޭގެ ތެރޭގައި ކްލާސްރޫމްތައް އެޅުމަށާއި މަލްޓިޕަރޕަސް ހޯލް ފަދަ ތަންތަން އިމާރާތް ކުރުމަށް ހަވާލުކޮށްފައިވެއެވެ. ނަމަވެސް އެކި ކަހަލަ މަައްސަލަތަކާ ހުރެ ގިނަ މަޝްރޫޢުތަކެއްގެ މަސައްކަތް ހުއްޓި މަޝްރޫޢުތައް ދިގުލައިގެން ގޮސްފައި ހުރިކަން ފާހަގަކޮށްލެވެއެވެ.