ޚަބަރު

އަންނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ލިބޭ އާމްދަނީ %95.2 އިތުރުވާނެކަމަށް ލަފާކޮށްފި


  • އަންނަ އަހަރު 2 ބިލިއަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައި

  • މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 1 ބިލިއަން ރުފިޔާ

އަންނަ އަހަރު ގްރީން ޓެކްސްގެ ގޮތުގައި ދައުލަތައް ލިބޭ އާމްދަނީ %95.2 އިތުރުވާނެކަމަށް ލަފާކޮށްފިއެވެ. މިގޮތައް ލަފާކޮށްފައިވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށައަޅާފައިވާ "ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައެވެ.

ގްރީން ޓެކުހަކީ ތިމާވެށްޓާ ގުޅުންހުރި މަސައްކަތްތައް ކުރުމަށް މާލީ އެހީ ހޯދުމަށް، ރާއްޖެ އަންނަ ފަތުރުވެރިންގެ އަތުން ނަގަމުން އަންނަ ޓެކުހެކެވެ. މި ޓެކްސް ރިސޯޓްތަކާއި، ގެސްޓްހައުސްއާއި، ސިޓީ ހޮޓާތަކާއި، ސަފާރީތަކަށް އަންނަ ފަތުރުވެރިންވެސް ދައްކަންޖެހެއެވެ.

1 ޖަނަވަރީ 2025 އިން ފެށިގެން ގްރީން ޓެކްސް ނަގަމުންދާ ރޭޓުތަކަށް ބަދަލު ގެނައުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެގޮތުން މިހާރު 6 އެމެރިކާ ޑޮލަރުގައި ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 12 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. އަދި 3 އެމެރިކާ ޑޮލަރުން ގްރީން ޓެކްސް ނަގަމުންދާ ފަރާތްތަކުގެ ޓެކްސް ރޭޓު 6 އެމެރިކާ ޑޮލަރަށް މަތިވާނެއެވެ. މީގެއިތުރުން އަންނަ އަހަރުން ފެށިގެން އުމުރުން 2 އަހަރު ނުވާ ކުޑަކުދިންގެ އަތުން ގްރީން ޓެކްސް ނެގުން އިސްތިސްނާކުރުމަށް ވަނީ ނިންމާފައެވެ.

"ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބުނެފައިވަނީ ޓެކްސް ރޭޓުތަކަށް ގެންނަ ބަދަލާއެކު އަންނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ލިބޭ އާމްދަނީ %95.2 އިތުރުވާނެކަމަށެވެ. މި ބަދަލުތަކާއެކު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އަދަދަކީ 963.6 މިލިޔަން ރުފިޔާކަމަށް ރިޕޯޓްގައި ވަނީ ބުނެފައެވެ.

"ބަޖެޓް ޕޮޒިޝަން ރިޕޯޓް" ގައި ބުނެފައިވަނީ އަންނަ އަހަރު ފަތުރުވެރިކަމުގެ ދާއިރާއަށް އަންނަ ކުރިއެރުމާއިއެކު ޖުމްލަ ގޮތެއްގައި ފަތުރުވެރިން ދިވެހިރާއްޖޭގައި ހޭދަކުރާ ރޭގެ އަދަދު އިތުރުވާނެކަމަށް ބެލެވޭތީ މި ބަދަލު ތަންފީޒުނުވި ނަމަވެސް ގްރީން ޓެކްސް އިތުރުވާނެކަމަށް އަންދާޒާކުރެވޭކަމަށެވެ.

ބެޑް ނައިޓްސް އިތުރުވުމާއި މި ޓެކުހުގެ ސިޔާސަތައް ގެނައުމަށް ނިންމާފައިވާ ބަދަލާއިއެކު އަންނަ އަހަރު ގްރީން ޓެކުހުގެ ގޮތުގައި ދަލުތައް 2 ބިލިޔަން ރުފިޔާ ލިބޭނެކަމަށް ވަނީ އަންދާޒާކޮށްފައެވެ.

ގްރީން ޓެކުހުގެ ގޮތުގައި މިއަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވަނީ 1 ބިލިޔަން ރުފިޔާއެވެ. އަހަރުގެ ފުރަތަމަ 10 މަސްދުވަހު ގްރީން ޓެކުހުގެ ގޮތުގައި ދައުލަތައް 885 މިލިޔަން ރުފިޔާކަމަށް މީރާގެ ތަފާސްހިސާބުތަކުން ދައްކައެވެ.