ޚަބަރު

ވަކި ރަށްރަށުގެ މަޝްރޫއުތައް ހިމެނުމަށްވުރެ މުހިންމީ މަޝްރޫއުތައް ފަށައިގެން ނިންމުން: މެމްބަރުން


  • މިބަޖެޓު ވާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގޭނެ ބަޖެޓަށް

ވަކި ރަށްރަށުގައި ހިންގާ މަޝްރޫއުތައް ބަޖެޓުގައި ހިމެނުމަށްވުރެ ރައްޔިތުންނަށް މިއަދު މުހިންމީ ބަޖެޓުން މަޝްރޫއުތައް ފަށައިގެން، އެ މަޝްރޫއުތައް ނިންމުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވިދާޅުވެއްޖެއެވެ.

މަޖިލީހުގެ ގިނަ މެންބަރުން މިކަން ފާހަގަކުރެއްވީ 2025ވަނަ އަހަރަށް ލަފާ ކުރާ ބަޖެޓަށް ބަހުސް ކުރަައްވަމުންނެވެ. އިދިކޮޅު މެންބަރުން ވަނީ ބަޖެޓުގައި ރަށްރަށުގައި ހިންގާނެ މަޝްރޫއުތައް ތަފްސީލުކޮށް ބަޔާންކޮށްފައިނުވާކަން ފާހަގަކޮށް ބަޖެޓު ފުރިހަމަ ނޫންކަމަށް ވިދާޅުވެފައެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ގިނަ މެންބަރުން އިއްތިފާގުވެވަޑައިގެންނެވީ ދައުލަތުން ހުށަހަޅާ ބަޖެޓަށް ބަދަލުތަކެއް އަންނަ ޖެހޭ ކަމަށެވެ. އެގޮތުން، މީގެ ކުރީގެ ސަރުކާރުތަކުން ހުށަހަޅުއްވާ ބަޖެޓުތަކުގައި ރަށްރަށުގައި މަޝްރޫއުތައް ހިމަނާފައި ހުރިނަމަވެސް އެފަދަ މަޝްރޫއުތައް ހިންގަން އެކަށީގެންވާ ފައިސާ ކަނޑައަޅާފައި ނުހުންނަ ކަމަށާއި މީގެ ސަބަބުން މަޝްރޫއުތައް ހުއްޓި ރައްޔިތުންނަށް އޭގެ ދަތިތައް ދިމާވާ ކަމަށް މެންބަރުން ވިދާޅުވިއެވެ. މިގޮތަށް އަމަލު ކުރަނީ ދާއިރާތަކުގެ މެންބަރުން ރުއްސައި ރައްޔިތުންނަށް އޮޅުވާލުމުގެ ގޮތުންކަމަށްވެސް މެންބަރުން ފާހަގަކުރެއްވިއެވެ.

ބަޖެޓަށް ބަހުސް ކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވީ ކޮންމެ އަހަރެއްގެވެސް ބަޖެޓު ގުޅިފައި އޮންނަނީ ރައްޔިތުންގެ އުއްމީދާ ކަމަށާއި މި ސަރުކާރުން ހުށަހަޅާފައިވަނީ މިހާތަނަށް ސަރުކާރަކުން ހުށަހެޅި އެންމެ ފުރިހަމަ ބަޖެޓު ކަމަށެވެ. ރައްޔިތުން ބޭނުންވަނީ ބަޖެޓު ތަންފީޒުކޮށް މަޝްރޫއުތައް ނިމިގެންދިއުން ކަމަށާއި މި ބަޖެޓު ވެގެންދާނީ ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގޭނެ ބަޖެޓަށް ކަމަށްވެސް ފަލާހު ވިދާޅުވިއެވެ.

"އަޅުގަނޑުމެންނަށް 2025 ވަނަ އަހަރުގެ ބަޖެޓުގައި ޖެހިދާނެ ކުރިއަށް އޮތް 100 އަހަރު ކުރިއަށްގެންދާނެ މަޝްރޫއުތައްވެސް. މަޝްރޫއުތައް ފެށިވެސްދާނެ. ކޮންޓްރެކްޓަރަކަށް 10 މިލިޔަނުން ފެށޭ މަޝްރޫއަކަށް އެއް މިލިޔަން ރުފިޔާ ދީގެން ހުރިހާ މަޝްރޫއެއް ފެށިދާނެ. އެކަމަކު މުހިންމީ އެ މަޝްރޫއުތައް ފެށުންތޯ. ނުވަތަ ފަށާ މަޝްރޫއު ނިންމުންތޯ." ފަލާހު ވިދާޅުވިއެވެ.

ކުޑަހުވަދޫ ދާއިރާގެ މެންބަރު ހުސައިން ހަމީދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދުފުޅުތައް ލިޔެވި ފެންނަން އެބަހުރި ކަމަށާއި ބަޖެޓުގެ އަމާޒަކީ އެ ވަޢުދުތައް ފުއްދެވުން ކަމަށެވެ. މީގެ ތެރޭގައި ރައްޔިތުންނަށް ދިމާވެފައިވާ އެތައް މައްސަލަތަކައް ހައްލު ލިބިގެންދާނެ ކަމަށްވެސް މެންބަރު ވިދާޅުވިއެވެ.

"ބަޖެޓަކީ ޕާޓީ ކުދިން ރުއްސަން ގެންގުޅޭ ގިގުންޏަކަށް ވެގެންނުވާނެ. ބަޖެޓަކީ ވިސްނުމެއް އަމާޒެއްނެތި ހަމައެކަނި ތިމާގެ ވެރިކަން ދިފާއުކުރަން ރައްޔިތުންގެ ލޮލުގައި އަޅުވާ އަދުނަކަަށް ވެގެން ނުވާނެ. ބަޖެޓަކީ ދިވެހީންގެ އުއްމީދުތަކާއި، މާދަމާގެ ދަރިންގެ ހުވަފެންތައް ހަގީގަތަކަށް ހެދުމަށް ވެވޭ މަތިވެރި އިގުރާރެއް،" ކުޑަހުވަދޫ ދާއިރާގެ މެންބަރު ވިދާޅުވިއެވެ.

މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރިކް ވިދާޅުވީ ބަޖެޓުގައި ބޯހިޔާވަހިކަމަށް ޚާއްސަ ސަމާލުކަމެއް ދީފައި އޮތުމަކީ ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ލިބޭނެ ކަމެއް ކަމަށެވެ. ސިއްޙީ ދާއިރާގައި އައު މަޝްރޫއުތަކަށް ބަޖެޓުކޮށްފައިވާއިރު މީގެ ސަބަބުންވެސް ރައްޔިތުންނަށް ގިނަ ލުއިފަސޭހަތަކެއް ލިބޭނެ ކަމަށް ހުސްނީ މުބާރިކް ވިދާޅުވިއެވެ.

"މިއަދު ފެނިގެންމިދަނީ ހެޔޮ ވެރިކަމެއް ކުރެއްވުމުގެ އަމާޒުގައި އަޅުގަނޑުމެންގެ ޢިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ހުންނެވި މަންޒަރު. ރައްޔިތުންގެ އިޙްސާސްތައް ދެނެ، އެކަމަށް ހައްލެއް ހޯއްދެވުމަށް މަސައްކަތް ކުރައްވާތަން. މިއީވެސް މި ބަޖެޓުގެ ތެރެއިން އަޅުގަނޑަށް ފާހަގަކުރެވުނު ކަމެއް." ހުސްނީ މުބާރިކް ވިދާޅުވިއެވެ.

ބަޖެޓަށް ބަހުސް ކުރެއްވި ގިނަ މެންބަރުން ވަނީ މި ބަޖެޓަކީ އިޖުތިމާޢީ ގޮތުންނާއި އިގްތިސާދީ ގޮތުން ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ހައްލު ލިބޭނެ ބަޖެޓެއް ކަމަށް ވިދާޅުވެފައެވެ.

ސަރުކާރުން އަންނަ އަހަރަށް ލަފާ ކުރެވޭ ބަޖެޓުގެ ގޮތުގައި 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް މަޖިލީހަށް ހުށަހެޅުއްވީ މިދިޔަ މަހުގެ 31ވަނަ ދުވަހުއެވެ. މިއީ ފަހުގެ ތާރީޚެއްގައި ސަރުކާރަކުން ހުށަހަޅާފައިވާ އެންމެ ޑެފިސިޓް ކުޑަ ބަޖެޓެވެ.