ހުޅުމާލެއަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ ބިޔަ ޕްރޮޖެކްޓްތަކެއް އެޗްޑީސީން އިފްތިތާޙުކޮށްފިއެވެ.
އެޗްޑީސީން މި ޕްރޮޖެކްޓްތައް ތައާރަފުކުރީ "ޓްރާސްފޯމިންގ ޓުމޯރޯ" ގެ ނަމުގައި ސެންޓްރަލް ޕާކުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
އެޗްޑީސީގެ ބޮޑެތި ޕްރޮޖެކްޓްތައް އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި މި ޕްރޮޖެކްޓްތައް ލޯންޗުކޮށްދެއްވީ އިޤްތިސާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސައީދެވެ.
* ރަސްމާލެ ޕްރޮޖެކްޓު
* ހުޅުމާލޭގައި އަޅާ ރޯ ހައުސް
* ހުޅުމާލޭގައި ތަރައްގީކުރާ ސޯޝަލް ހައުސިންގ މަޝްރޫޢުތައް
* ހުޅުމާލޭގައި އަޅާ މޮޑާރން ޕްރީފެބް ހޯމްސް
* ފަރުކޮޅުފުށި ގޭޓެޑް ކޮމިއުނިޓީ- ޕްރައިވެޓް ލަގްޒަރިއަސް ލިވިންގ
* ހުޅުމާލޭގައި އަޅާ އެސްއޯއީ އޮފީސް ބިލްޑިންގް އަދި އެސްއެމްއީ ބިލްޑިން
* ހުޅުމާލޭގައި އަޅާ އެޗްޑީސީ ބިލްޑިންގް
* ހުޅުމާލޭގައި ތަރައްޤީކުރާ އެލްޑަލީ ކެއާ ފެސިލިޓީ
* ހުޅުމާލޭގައި ތަރައްގީކުރާ ޕާކިންގ ބިލްޑިންގ
* ހުޅުމާލެ އައިލް އެޑްވެންޗާ ޕާކު
* ހުޅުމާލޭގައި ތަރައްޤޣީކުރާ ހިސްޓްރީ ސެންޓަރު
* ހުޅުމާލޭގައި ތަރައްޤީކުރާ ނޮލެޖް ޕާކް
* ގަކުފަޅުގައި ތަރައްޤީކުރާ ނޫވެލި- އައިލެންޑް ރިޓްރީޓް
* ކުޑަގިރިފަޅުގައި ތަރައްޤީކުރާ ކިނާރިއާ- ޑެސްޓިނޭޝަން އައިލެންޑް
* ހުޅުމާލޭގައި ތަރައްޤީކުރާ ސްމާޓް ވެއާ ހައުސް ކޮމްޕްލެކްސް
* ހުޅުމާލޭ ސީނިކް ސިޓީ- ގަސް އިންދުމުގެ މަޝްރޫއު
މި ރަސްމިއްޔާތުގެ ތެރެއިން ވަނީ އައިލް އެޑްވާންޗަރ ޕާކްގެ ޑިޒައިން ކޮންސަލްޓަންސީ އަދި ތަނުގެ އޮޕަރޭޝަނަށް ތަމްރީނު ފޯރުކޮށްދިނުމަށް ފަހުމުނާމާއެއްގައި ސޮއިކޮށްފައެވެ. ސިޓީ އިންވެސްޓްމަންޓްސް ޕްރައިވެޓް ލިމިޓަޑްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު ނަލިންދަ އަލަތުގަމޭއެވެ. އަދި ފަހުމުނާމާގައި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދެވެ.
މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ވިދާޅުވީ މި ޕްރޮޖެކްޓްތަކާއެކު ހުޅުވިގެންދާނީ ކުންފުނީގެ އައު ބާބެއް ކަމަށެވެ.
ފަޒުލް ވިދާޅުވީ ވިދާޅުވީ މި ޕްރޮޖެކްޓްތައް ޤާއިމުވުމުން ޤައުމުގެ އިޤްތިސާދު ކުރިއަރައިގެންދާނެ ކަމަށާއި ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންގެ ދިރިއުޅުމަށް އިތުރު ފަސޭހަތައް ލިބިގެންދާނެ ކަމަށެވެ.
"އަޅުގަނޑުމެން ވާނެ މި ކީ ޕްރޮޖެކްޓްތަކުގެ ތެރޭގައި ކޮންމެ ދާއިރާއަށް ވެސް އަލިއަޅުވާލާފައި. އެގޮތުން ވިޔަފާރި އާއި މުނިފޫހިފިލުވުމާއި ހައުސިންގ ޕްރޮޖެކްޓްތައް ވެސް ހިމަނާފައިވާނެ" ފަޒުލް ވިދާޅުވިއެވެ.
ފަޒުލް ވިދާޅުވީ މި ޕްރޮޖެކްޓްތަކުގެ ދަށުން އެޗްޑީސީގެ ޒަމާނީ އޮފީސް އިމާރާތެއް އެޅުމަށްވެސް ނިންމާފައިވާ ކަމަށެވެ. މީގެއިތުރުން ކުޑަގިރީގައި ވޯޓަރ ތީމް ޕާކެއް އަޅާ، ފަތުރުވެރިންނަށްވެސް އެތަނަށް ޒިޔާރަތް ކުރެވޭނެ މަގު ތަނަވަސްކޮށްދެއްވާނެކަމަށް ފަޒުލް ވިދާޅުވިއެވެ.
މިފަދަ ޕްރޮޖެކްޓްތަކުގެ މަޤްސަދަކީ ކުންފުންޏަށް ލިބޭ އާމްދަނީ ދެމެހެއްޓެނިވި ގޮތެއްގައި އިތުރު ކުރުންކަން ފާހަގަކުރައްވާ އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ފަޒުލް ރަޝީދު ވިދާޅުވީ މި ޕްރޮޖެކްޓްތަކާއެކު ކުންފުނީގެ އާމްދަނީ ތިން ގުނަ އިތުރު ކުރެވިގެންދާނެކަމަށެވެ.