ޚަބަރު

މިދިޔަ އަހަރާއި އަޅާބަލާއިރު ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ދުވެލި އަވަސްވެއްޖެ


  • ވޭތުވެދިޔަ އަހަރެއްގެ ތެރޭގައި ބްރިޖުގެ 46.58 އިންސައްތަ މަސައްކަތް ވަނީ ނިމިފައި

  • އޭގެ ކުރީ އަހަރުގެ މިމުއްދަތުގައި ނިންމާލެވިފައިވަނީ 28.70 އިންސައްތަ މަސައްކަތް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތް ފަހުން މިވީ އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖްގެ މަސައްކަތުގެ ދުވެލި ހަލުވިވެފައިވާކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ތިލަމާލޭ ބްރިޖަކީ ގްރޭޓަރ މާލޭ އޭރިއާގެ ތަރައްޤީއާއި ގުޅިފައިވާ މުހިއްމު މަޝްރޫޢެކެވެ. މިގޮތުން އިޤްތިޞާދީ އަދި އިޖުތިމާޢީ އެތައް ބަދަލަކާއި ގުޅިފައިވާ މިމަޝްރޫޢު ނިމިގެންދިޔުމަކީ މިސަރަޙައްދުގެ ރައްޔިތުންގެ އޮތް ބޮޑު އުއްމީދެކެވެ. ނަމަވެސް މިމަޝްރޫޢުގެ މަސައްކަތް ލަސްވުމުގެ ކަންބޮޑުވުން ސަރުކާރުން ވަނީ މީގެކުރިން ފާޅުކުރައްވާފައެވެ.

ތިލަމާލެ ބްރިޖުގެ މަސައްކަތް އަވަސްކުރުމަށް ކޮންޓްރެކްޓަރާއި ކުރެވުނު މަޝްވަރާތަކުން މިއަހަރު މަސައްކަތް ކުރިއަށްދިޔަ ސްޕީޑު އަވަސްކަމަށް ސަރުކާރުން ވިދާޅުވެއެވެ.

ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވީ މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް ނިމިފައިވަނީ ބްރިޖުގެ 28.70 އިންސައްތަ މަސައްކަތްކަމަށެވެ. އަދި ނިމުނު އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހާއި ހަމައަށް، މިވޭތުވެދިޔަ 52 ހަފްތާގެ ތެރޭގައި ބްރިިޖުގެ 46.58 އިންސައްތަ މަސައްކަތް ނިމިފައިވާކަމަށްވެސް ޢިމާރާތްކުރުމާއި ބިނާރާއި ބެހޭ ވުޒާރާއިން ވިދާޅުވެއެވެ.

ތިލަމާލެ މަޝްރޫޢުގެ މަސައްކަތް ލަސްވުމާއި ގުޅިގެން އެމަސައްކަތް ތާވަލާ އެއްގޮތަށް ކުރިއަށްގެންދިޔުމަށް އިންޑިއާގެ މަތީފަންތީގެ ވަފުދަކާއި ދިވެހި ސަރުކާރުން ވަނީ ބައްދަލުކުރައްވާ މަޝްވަރާކުރައްވާފައެވެ.

މި މަޝްރޫއުގެ ޓައިމްލައިންގައިވާ ގޮތުން މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ 31 މަރޗް 2026އަށެވެ. ގުޅިފަޅުން ތިލަފުއްޓަށް ގުޅާލާ ބްރިޖްގެ މަސައްކަތް ނިންމުމަށް ތާވަލުކޮށްފައިވަނީ 30 ސެޕްޓެމްބަރު 2026އަށެވެ. މިއާއެކު މުޅި މަޝްރޫޢު ނިމޭނެކަމަށް ޓައިމްލައިންގައި ހިމަނާފައިވަނީ 30 ސެޕްޓެމްބަރު 2026 ކަމަށް އިމާރާތްކުރުމާއި ބިނާރާ ބެހޭ ވުޒާރާއިން ވިދާޅުވެއެވެ. ތިލަމާލޭ ބްރިޖްގެ މަސައްކަތް 2025ގެ ނިޔަލަށް ނުވަތަ 2026ގެ ކުރީކޮޅު ނިންމުމަކީ ސަރުކާރުގެ އަމާޒެކެވެ. ހަތަރު ސަރަޙައްދެއް ގުޅުވާލާ، 6.7 ކިލޯމީޓަރުގެ މިބްރިޖު ތަރައްޤީކުރުމަށް 7 ބިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ ހޭދަކުރެއެއެވެ.