އަންނަ އަހަރުގެ ބަޖެޓުގެ އިސް އަމާޒަކީ ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުން ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއްޖެއެވެ. އެވުޒާރާއިން މިހެން ވިދާޅުވެފައިވަނީ އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓު ޕޮޒިޝަން ރިޕޯޓުގައެވެ.
ދައުލަތުގެ ބަޖެޓު ޕޮޒިޝަލް ރިޕޯޓުގައިވަނީ އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ހުށަހަޅާފައިވާ ބަޖެޓުގައި ހިމެނޭ ވަކިވަކި ބައިތަކުގެ ތަފްސީލްތައް ހިއްސާކޮށްފައެވެ. އަދި އަންނަ އަހަރުތެރޭގައި އެޅުމަށް ނިންމާފައިވާ އިސްލާހީ ފިޔަވަޅުތަކާއި އެ ފިޔަވަޅުތަކުން ނިކުންނާނެ ނަތީޖާތަކުގެ ތަފްސީލްތައްވެސް މި ރިޕޯޓުގައި ހިމަނާފައިވެއެވެ.
މާލީ ވުޒާރާއިން ވިދާޅުވީ ބެޖެޓު ޑެފިސިޓާއި ފައިނޭންސިންގ ހޯދަންޖެހޭ މިންވަރު ކުޑަކުރަން އަޅަންޖެހޭ ފިޔަވަޅުތައް ލަސްވުމުގެ ސަބަބުން ގިނަ ދަތިކަކާ ކުރިމަތިވެފައިވާއިރު، ފިސްކަލް އަދި ދަރަނީގެ ޕޯޓްފޯލިއޯއަށް ކުރިމަތިވެފައިވާ ހިރާސްތައް އިތުރުވެފައިވުމަކީ ސަރުކާރުގެ އިކޮނޮމިކް ރިފޯމް އެޖެންޑާގެ ލަނޑުދަނޑިތައް ހާސިލްކުރުމަށް އޮތް އެންމެ ބޮޑު ގޮންޖެހުންކަމަށެވެ.
މި ބަޖެޓުގައި އާމްދަނީ އިތުރުކޮށް ސަރުކާރުގެ ޚަރަދުތައް ކުޑަކުރަން ގިނަ ފިޔަވަޅުތަކެއް އެޅުމަށްވަނީ ހުށަހަޅާފައެވެ.
- ދައުލަތުގެ އިޖުތިމާޢީ ރައްކާތެރިކަމުގެ ސިޔާސަތުތައް ޕްރޮގްރެސިވްކުރަން ނުވަތަ ސަރުކާރުގެ އެހީތެރިކަމަށް އެންމެ ބޭނުންޖެހިފައިވާ ފަރާތްތައް ޚާއްޞަކުރުން
- އާމްދަނީގެ ގިންތީގެ ހަމަހަމަކަން އިތުރުކުރަން އިސްކަންދިނުން
މިއީ މި ސަރުކާރުން އެކުލަވައިލާ ފުރަތަމަ ބަޖެޓުކަމަށްވާތީ، އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި، ސަރުކާރުގެ ވައުދުތަކާއި، ސިޔާސަތުތައް ތަންފީޒުކުރަން ފަށަން ބޭނުންވާ ޖާގަ މި ބަޖެޓުގައި ދީފައިވާނެ ކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.
- ފިސްކަލް އަދި ދަރަނީގެ ދެމެހެއްޓެނިވިކަން އިއާދަކުރުން
- މެދުރާސްތާގައި ދަރަނި މެނޭޖްކޮށް، ދަރަނި އނަބުރާ ދައްކައި ރީފައިނެންސްކުރަން ރާވާފައިވާ ކަންކަން ތަންފީޒްކުރުން
- ރައްޔިތުންނަށް ކުރިމަތިވެފައިވާ ގެދޮރުވެރިކަމާއި ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދައިދީ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުން
- އިކޮނޮމިކް ރިފޯމް އެޖެންޑާގައި ހިމެނޭ ކަންކަމާއި، ސަރުކާރުގެ ވައުދުތަކާއި، ސިޔާސަރުތައް ތަންފީޒުކުރުން
- އެކްސްޓަރނަލް ޝޮކްތަކުން ކުރިމަތިވާ ހިރާސްތައް ކުޑަކޮށް މެކްރޯ – ފިސްކަލް ވޮލަޓިލިޓީ ކުޑަކުރުން
- ދައުލަތުގެ އާމްދަނީ އިތުރުކުރުމަށްޓަކައި ޓެކްސް ބޭސް ފުޅާކޮށް، އާމްދަނީގެ ކޮމްޕްލައަންސް އިތުރަށް ރަނގަޅުކޮށް ބޭރު ފައިސާއިން ލިބޭ އާމްދަނީ އިތުރުކުރުން
- އިޖުތިމާއީ ރައްކާތެރިކަމުގެ ނިޒާމުގެ ތެރެއިން ދޭ އެހީ ދައުލަތުގެ އެހީތެރިކަން އެންމެ ހައްގުވާ ފަރާތްތަކަށް އިސްކަން ލިބޭނެހެން، މި ނިޒާމު އަލުން ތަރުތީބުކުރުން އަދި މި ދައިރާއިން ޚަރަދުގެ އެފިޝަންސީ އިތުރުކުރުން
- އިގްތިސާދު ސިންދަފާތުކޮށް، ވިލުންވެރިކަން އިތުރުކުރުން
އަންނަ އަހަރު އިގުތިސާދީ ދުވެލި 6.4 އިންސައްތައިގައި ހުންނާނެ ކަމަށް ބެލެވޭއިރު، މެދުރާސްތަގައި ރާއްޖޭގެ އިގުތިސާދު އެވަރެޖްކޮށް އަހަރަކު 5.9 އިންސައްތައިން ކުރިއަރާނެކަމަށް އަންދާޒާކޮށްފައިވެއެވެ.
2025 ވަނަ އަހަރު ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް މަސައްކަތައް ނިމި އެ އަހަރު އޮޕަރޭޓްކުރަން ފެށޭނެކަމަށް ބެލެވޭތީ، ފަތުރުވެރިކަމުގެ ދާއިރާއާއި، އެދާއިރާއާ ގުޅުންހުރި އެހެނިހެން ދާއިރާތަކުގެ ދުވެލި ކުރިއަރައި، އެ އަހަރުގެ އުފެއްދުންތެރިކަމަށް އިތުރު ކުރިއެރުމެއް ލިބިގެންދާނެ ކަމަށް ވަނީ ލަފާކޮށްފައެވެ.
އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގެ ޖުމްލައަކީ 56,647,600,859 (ފަންސާސް ހަ ބިލިޔަން، ހަސަތޭކަ ސާޅީސް ހަތް މިލިޔަން، ހަ ލައްކަ، އަށްސަތޭކަ ފަންސާސް ނުވަ) ރުފިޔާއެވެ. މީގެ ތެރެއިން، ޚަރަދުގެ ގޮތުގައި ހިނގާނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ.
އަންނަ އަހަރު ޖުމްލަ އާމްދަނީއާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.8 ބިލިޔަން ރުފިޔާކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ. އަދި ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ. އަންނަ އަހަރު ރިފޯމުތައް ތަންފީޒުކުރުމަށްވެސް ހިމަނާފައިވެއެވެ.