ޚަބަރު

ރާއްޖޭގައި ތަރައްޤީ ކުރާ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް ޤަޠަރުން ފަންނީ އެހީތެރިކަން ދެނީ


  • ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ގޮތް ބެލުމަށް ވަނީ ހަމަޖެހިފައި

  • ފުނަދޫގައި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކުރާނެ

ރާއްޖޭގައި ޤާއިމުކުރަން ނިންމާފައިވާ ބައިނަލްއަޤްވާމީ މާލީ މަރުކަޒަށް ފަންނީ އެހީތެރިކަން ފޯރުކޮށްދިނުމަށް ޤަތަރު ފައިނޭންޝަލް ސެންޓަރުން ނިންމައިފިއެވެ.

މިގޮތުން އިޤްތިޞަދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވުޒާރާއާއި ޤަތަރު ފައިނޭންޝަލް ސެންޓަރާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

އިޤްތިޞާދީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި އެއްބަސްވުމާއެކު ރާއްޖޭގައި ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމުކުރުމަށް ބޭނުންވާ މަޢުލޫމާތާއި ކެޕޭސިޓީ ބިނާކުރަން މަގުފަހިވާނެ ކަމަށެވެ. އަދި މި އެއްބަސްވުމުގެ ސަބަބުން ދުނިޔޭގެ ކުރިއަރާފައިވާ ޤައުމުތަކުގައި ފައިނޭންޝަލް މެނޭޖްމަންޓާ ގުޅޭ ކަންކަން ކުރަމުން އަންނަ ގޮތާއި މިކަމާ ބެހޭ ޤާނޫނީ އޮނިގަނޑާއި އޮޕަރޭޝަނަލް ސްޓްރެޓަޖީތަކާ ބެހޭ މައުލޫމާތު ފޯރުކޮށްދެވޭނެކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

މީގެ އިތުރުން މާލީ އެކި އިދާރާތަކާއި މި ދާއިރާގެ މަސައްކަތްތައް ރެގިއުލޭޓްކުރާ ޤާނޫނީ ފަރާތްތަކާއި ގުޅުން ބަދަހިކުރުމުގެ ފުރުޞަތުތަކެއް ފަހިކޮށްދެވޭނެކަމަށްވެސް އެ ވުޒާރާއިން ވިދާޅުވެއެވެ.

މި އެއްބަސްވުމާ ގުޅޭގޮތުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާ ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ތަޞައްވުރާ އެއްގޮތަށް ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ޤާއިމުކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަމަށެވެ. އަދި ކިއުއެފްސީގެ ފަރާތުން މިކަމުގައި ބޮޑު އެހީތެރިކަމެއް ލިބޭނެކަމުގެ ޔަޤީންކަން އެބައޮތްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

މާލެ އަތޮޅު ފުނަދޫގައި ހުރި ތެޔޮ ރައްކާކުރާ ނިޒާމު އެހެންތަނަކަށް ބަދަލުކޮށް، އެރަށުގައި އިޤްތިޞާދީ ޚާއްޞަ ސަރަޙައްދެއް ތަރައްޤީކޮށް ބައިނަލްއަޤްވާމީ މާލީ މަރުކަޒެއް ޤާއިމްކުރެއްވުމަށް ނިންމަވާ އެކަން ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކުރީކޮޅު ވަނީ އިޢުލާންކުރައްވާފައެވެ.

ސަރުކާރުން ނިންމާފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ތަރައްގީކުރުމުގެ ތިންވަނަ ފިޔަވަހީގެ މަޝްރޫއުގެ ތެރެއިން ފުނަދޫގައި ބައިނަލްއަޤްވާމީ ފައިނޭންޝަލް ސެންޓަރެއް ހިމެނޭހެން ސްޕެޝަލް އިކޮނޮމިކް ޒޯން (އެސްއީޒެޑް) ތަރައްޤީކުރުމަށެވެ. މި މަޝްރޫޢުގެ ދަށުން މާލެ-ފުނަދޫ-ހުޅުލެ-ހުޅުމާލެ ގުޅުވައިދޭ ބްރިޖުތަކެއް އެޅުމަށްވެސް ސަރުކާރުން ނިންމާފައިވެއެވެ.