ޚަބަރު

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ރަށްރަށުގައި ޤާއިމުކުރަނީ


  • ފަރުވާ ފޯރުކޮށްދޭނީ ހެލްތު ފެސިލިޓީތައް މެދުވެރިކޮށް

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދެވޭނެ ނިޒާމެއް ރަށްރަށުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރައްވަމުންދާކަމަށް ނެޝަނަލް ޑްރަގް އެޖެންސީ، އެންޑީއޭއިން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވީ މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ހެލްތު ފެސިލިޓީތައް މެދުވެރިކޮށް އައުޓް ޕޭޝަންޓްގެ ޚިދުމަތް ދިނުމާ ގުޅޭގޮތުން ސިއްޙަތާއި ބެހޭ ވަޒީރާއި ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ބައްދަލުކުރައްވާ މަޝްވަރާތައް ކުރައްވާފައިވާކަމަށެވެ. އަދި ސިއްޙީ ވުޒާރާއިން މިކަމަށް އެއްބާރުލުންދޭނެކަމަށް ވިދާޅުވެފައިވާކަމަށް ލުބްނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވީ މިއީ ރާއްޖޭގައި މުޅިން އަލަށް ފަށަން އުޅޭކަމެއް ކަމަށާއި މަސްތުވާތަކެތީގެ މައްސަލަ ބޮޑު ރަށްރަށް ހިމެނޭ އަތޮޅު ހޮސްޕިޓަލުތައް މެދުވެރިކޮށް ފަރުވާ ފަށާނެކަމަށެވެ. އަދި ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭސްވެސް އެންޑީއޭ މެދުވެރިކޮށް ފޯރުކޮށްދޭނެކަމަށް ލުބްނާ ވިދާޅުވިއެވެ.

ލުބްނާ ވިދާޅުވީ ޑިޓޮކްސިފިކޭޝަނަށް ބޭނުންކުރާ ބޭހަކީ އަގު ބޮޑު ބޭހެއް ނަމަވެސް އެއީ ދުނިޔޭގައިވެސް ދެވޭ އެންމެ ރަނގަޅު ބޭސް ކަމަށެވެ. މިބޭހަކީ ފަރުވާ ނަގަމުން އަންނަ މީހާއަށް އެ އަންނަ ވޭނާއި އުނދަގޫ ކަނޑުވައިދޭ ބޭހެއް ކަމަށްވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ބޮޑެތި ހޮސްޕިޓަލްތަކުގައި މެޑިކޭޓަޑް އެސިސްޓަންޓް ޓްރީޓްމަންޓް ފަރުވާތައް ފެށުމަށް ހަމަޖެހިފައިވާކަން ހާމަކުރައްވަމުން ލުބުނާ ވިދާޅުވީ މިނިޒާމް ޤާއިމުކުރެވުމުން ރަށްރަށުގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާގެ ފުރުސަތު ޔަޤީންވާނެކަމަށެވެ.

މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ރަށްރަށުގައި ފަރުވާ ދެވޭނެ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންއަންނައިރު ފަރުވާއަށް އެއްބާރުލުން ނުދޭ މީހުންނަށް ފިޔަވަޅު އެޅުމަށްވެސް އެންޑީއޭއިން ވަނީ ނިންމާފައެވެ. އަދި ރިހެބިލިޓޭޝަން ސެންޓަރުތަކުގައި ތިބެގެން ފަރުވާ ފޯރުކޮށްދޭ މީހުންވެސް އެއްބާރުލުން ނުދޭނަމަ ފިޔަވަޅު އަޅާނެ ކަމަށް އެންޑީއޭގެ ޗެއަރޕާސަން ލުބްނާ ޒާހިރު ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ ހާލަތު ދެނެގަތުމުގެ ދިރާސާއެއް ރާއްޖޭގައި ކުރިއަށް ގެންދިޔުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. ނެޝަނަލް ޑްރަގް ދިރާސާއެއް ރާއްޖޭގައި އެންމެ ފަހުން ކުރިއަށް ގެންގޮސްފައިވަނީ 2012 ވަނަ އަހަރުއެވެ. ރާއްޖޭގެ ހުރިހާ ރަށެއްގައި ވެސް މަސްތުވާތަކެތީގެ މައްސަލަ އޮތް ކަމަށް ފުލުހުން ވިދާޅުވެއެވެ.

ދިވެހިރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ 7500 ވަރަކަށް މީހުން އުޅޭ ކަމަށް ދިރާސާތަކުން ދައްކައެވެ.