އަރބަން ސެންޓަރުތަކާ ގުޅޭގޮތުން ޙަޤީޤަތާ ޚިލާފު ވާހަކަ ދައްކަނީ ސިޔާސީ މަންފާއެއް ހޯދުމަށްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ރާއްޖޭގެ އަރބަން ސެންޓަރުގެ ގޮތުގައި 7 ރަށެއް ތަރައްޤީކުރުމަށް ކަނޑައެޅުއްވުމާ ގުޅިގެން ބައެއް ފަރާތްތަކުން ޙަޤީގާތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދިއުމާ ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރާއްޖޭގެ ސަރަހައްދީ ތަރައްޤީއަށް ޚާއްސަކޮށްގެން އަރބަން ސެންޓަރުތައް ޤާއިމްކުރަން ނިންމާފައިވާ ރަށްތައް ސަރުކާރުން މިއަދު ވަނީ އިޢުލާންކުރައްވާފައެވެ.
އެންމެ މަތީ ފެންވަރުގެ ޚިދުމަތްތަކާއެކު ރާއްޖޭގެ އެންމެ އުތުރުގެ 4 އަތޮޅު ހިމެނޭހެން ޚާއްސަ ޑިވެލޮޕްމަންޓް ޒޯނަކާއި ދެކުނުގެ 4 އަތޮޅު ހިމެނޭހެން ޚާއްސަ ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރައްވަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި މާލެސިޓީ ނުހިމަނައި، އިތުރު 7 އަރބަން ސެންޓަރު ތަރައްޤީކުރައްވަން ނިންމަވައި، އެކަން ވަނީ އެކި ފަހަރުމަތިން އިޢުލާނު ކުރައްވާފައެވެ.
މި ރަށްތަކުގެ ތެރޭގައި އެންމެ އުތުރާއި އެންމެ ދެކުނުގެ ރަށެއް ހިމެނިފައި ނުވާތީ ބައެއް ފަރާތްތަކުން ދަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ.
މިކަންކަމާ ގުޅިގެން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، އެމަނިކުފާނުގެ "ދިވެހީންގެރާއްޖެ" މެނިފެސްޓޯގައި ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުތައް ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ. އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އެކަން ބަޔާންކޮށްފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
މި ސަރުކާރުގެ މެނިފެސްޓޯގައިވާ ފަދައިން ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަންގެ އިތުރުން އެންމެ މަތީ ފަންތީގެ ޚިދުމަތްތައް ހިމެނޭހެން އެންމެ އުތުރުގެ 4 އަތޮޅު ހިމެނޭހެން ނޮދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނަކާއި އެންމެ ދެކުނުގެ 4 އަތޮޅު ހިމެނޭހެން ސަރދަން އިންޓަރގްރޭޓަޑް ޑިވެލޮޕްމަންޓް ޒޯނެއް ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އޭގެ އިތުރަށް މާލެއިން އުތުރުގެ 3 ސަރަހައްދަކާއި، މާލެއިން ދެކުނުގެ 4 ސަރަޙައްދެއް ހިމެނޭހެން 7 އަރބަން ސެންޓަރު ތަރައްޤީކުރުމަށް ހަމަޖެހިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، މިކަންކަމަކީ ކުރިއަށް އޮތް 20 އަހަރު ދުވަހަށް އެކަށައަޅަން މަސައްކަތް ފަށާފައިވާ ޤައުމީ ތަރައްޤީގެ މާސްޓަރ ޕްލޭންގައި ރާއްޖޭގެ ހުރިހާ ރަށެއްގެ ރައްޔިތުންގެ ޚިޔާލާއި ފަންނީ ފަރާތްތަކާއި ކައުންސިލްތަކާއި ކަމާބެހޭ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުމާއެކު އެކަށައެޅުމަށް ގަސްދުކުރާ ކަންކަން ކަމަށެވެ.
ރައީސް ވަނީ ކަންކަމުގެ ޙަޤީޤަތް ނުބައްލަވާ، ނުވަތަ ޙަޤީޤަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުންކަމަށްވެސް ވިދާޅުވެފައެވެ.
މެނިފެސްޓޯގައި (ޗެޕްޓަރ 4، ނަންބަރު 12، 13 އަދި 14 ގައި) ވަރަށް ސާފުކޮށް ބަޔާންކޮށް އަދި މެނިފެސްޓޯ ލޯންޗްކުރި ޖަލްސާއިން ފެށިގެން މިއަދާ ހަމަޔަށް އެތައް ޖަލްސާއެއްގައި އަޅުގަނޑު ބަޔާންކޮށްފައިވާ ފަދައިން، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީގެ ސިޔާސަތުގެ ދަށުން މާލެ އަރބަން ރީޖަން…
— Dr Mohamed Muizzu (@MMuizzu) November 9, 2024
އަރބަން ސެންޓަރުތަކާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ޙަޤީޤަތް އޮޅޭގޮތަށް އެކި ވާހަކަތައް ފަތުރަމުންދާއިރު، ދެމެހެއްޓެނިވި ސަރަޙައްދީ ތަރައްޤީ ގެނައުމުގައި މި ސަރުކާރުން ގެންގުޅުއްވާ ސިޔާސަތު ރައީސް ޑރ. މުޢިއްޒުގެ މެނިފެސްޓޯގައި ވަނީ ހިމަނުއްވާފައެވެ. އަދި މި ވާހަކަތަކަކީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ދުވަސްވަރުން ފެށިގެން ރައީސްކަމުގެ ހުވާކުރެއްވުމަށްފަހުވެސް އެތައް ޖަލްސާއެއްގައި ރައީސް ހިއްސާކުރައްވާފައިވާ މަޢުލޫމާތުތަކެކެވެ.
"ދިވެހީންގެރާއްޖެ" މެނިފެސްޓޯގެ ޗެޕްޓަރ 4 ޚާއްސަކޮށްފައިވަނީ ގެދޮރުވެރިކަމާއި އާރބަނައިޒޭޝަންގެ ދާއިރާއިން ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުތަކަށެވެ. އެގޮތުން މާލޭ އަރބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ޚިދުމަތް ލިބޭ ސަރަޙައްދެއްގެ ގޮތުގައި ހއ، ހދ، އަދި ށ. އަތޮޅު ހިމެނޭ އުތުރުގެ ތަރައްޤީގެ ޒޯނެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މި ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައި ހދ. ކުޅުދުއްފުށި ސިޓީ ކަނޑައަޅައި، ބައިނަލްއަޤްވާމީ ދޮރާޓެއްގެ ގޮތުގައި ހދ. ހަނިމާދޫ ޤާއިމްކޮށް ހއ. އިހަވަންދިއްޕޮޅުގައި ބައިނަލްއަޤްވާމީ ޓްރާންސް ޝިޕްމަންޓް ބަނދަރެއް ޤާއިމްކުރުން ހިމެނެއެވެ.
ހަމައެހެންމެ މަތީ ފަންތީގެ ޚިދުމަތް ލިބޭ ސަރަޙައްދެއްގެ ގޮތުގައި ގއ، ގދ، ފުވައްމުލަކު ސިޓީ އަދި އައްޑޫ ސިޓީ ހިމެނޭހެން ދެކުނުގެ ތަރައްޤީގެ ޒޯނެއް ޤާއިމުކުރުމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ. ދެކުނު ޒޯނުގެ އިދާރީ މައި ހަބުގެ ގޮތުގައާއި ބައިނަލްއަޤްވާމީ ދޮރާށްޓެއްގެގޮތުގައި ކަނޑައަޅާފައިވަނީ އައްޑޫ ސިޓީއެވެ. އަދި ބައިނަލްއަޤްވާމީ ޓްރާންސްޝިޕްމަންޓް ބަނދަރަކާއި، ސިނާޢީ މަސައްކަތްތަކާއި، މަސްވެރިކަމާއި، ދަނޑުވެރިކަމާއި، މެރިކަލްޗާރުގެ އިތުރުން ފަތުރުވެރިކަމުގެ ވަޞީލަތްތައް ފުޅާކޮށް ތަރައްޤީކުރުންމަށް މެނިފެސްޓޯގައި ހިމަނާފައިވެއެވެ.