މަސްވެރިކަމުގެ ސިނާޢަތް ތަރައްޤީކުރުމަށް ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކާއެކު ދުނިޔޭގެ ބާޒާރުގައި ދިވެހީން ބާނާ މަހަށް އަގު ކިޔުމުގެ ބާރު ދިވެހިންނަށް ލިބިގެންދާނެކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ވަޒީރު ޝިޔާމު މިހެން ވިދާޅުވީ ލޮނުފެނުން މަސް ފިނިކުރާ ނިޒާމު މަސް ދޯނިތަކުގައި ހަރުކުރުމަށް ހުޅުވާލި ލޯނު ސްކީމުގެ ދަށުން، ލޯނު ލިބުނު ފަރާތްތަކަށް ލިޔުން ހަވާލުކުރުމަށާއި، ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑު ސްޓޯރޭޖެއް ގާއިމްކުރުމަށް ބަޔަކާއި ހަވާލުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވީ ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތަށް 47 އަހަރުވެފައިވާއިރު، މި ސިނާއަތަށް އަންނަން ޖެހޭ ތަރައްޤީ އައިސްފައިނުވާ ކަމަށެވެ. އަދި އަބަދުވަސް ސަރުކާރުތަކުން މި ސިނާއަތަށް ހޯދައިދީފައިވަނީ ވަގުތީ ހައްލުތަކެއް ކަމަށާއި، އެހެންނަމަވެސް ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި ސިނާއަތުގައި ހުރި ދަތިތަކަށް ދާއިމީ ޙައްލުތައް ހޯދައިދިނުމަށްކަމަށް ވަޒީރު ޝިޔާމު ވިދާޅުވިއެވެ.
"މަސްވެރިން ތަރައްޤީވީވަރަށް ފެސިލިޓީތައް ތަރައްޤީވެފައި ނެތުމަކީ އެއްމެ ބޮޑު ގޮންޖެހުން. އެހެން އެވަނީ ސަރުކާރުތަކުގެ ސިޔާސަތު ހުރިގޮތުން، މި ސިނާއަތް ތަރައްޤީކުރަން ހުރި ފައިސާ ހޭދަކޮށްފައިވަނީ ސަބްސިޑީއަށް." މަސްވެރިކަމާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ރައީސުލްޖުމްހުރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަމާޒަކީ މަސްވެރިން މަސްވެރިކަމަށް ކުރަންޖެހޭ ހޭދަތައް ކުޑަކޮށް، ލިބޭ އާމްދަނީ އިތުރު ކުރުމުގެ ވިސްނުން ކަމަށެވެ. އަދި ސަރުކާރުން މިހާރު ކުރަމުންދާ މަސައްކަތްތަކުން ރާއްޖޭގައި ކޯލްޑު ސްޓޯރޭޖުތަކާއި ޕްރޮސެސިންގެ ފެކްޓަރީތައް ތަރައްޤީކުރެވި، މި ސިނާއަތަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި މިދާއިން ކުރެވޭ މަސައްކަތްތަކާއެކު މަހުގެ ކޮލިޓީ ރަނގަޅުވެ، ބޭރުގެ ބާޒާރުތަކުގައި ރަނގަޅު އަގެއް ލިބޭނެ ކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
"ސްޓޯރޭޖު ކެޕޭސިޓީއަކީ މަސްވެރިންނަށް ރަނގަޅު އަގެއް ނުލިބިވާ އެއް ސަބަބު، އަޅުގަނޑުމެންނަށް މިހާރު ނޯވޭ އަޅުގަނޑުމެންގެ މަހަށް އަގު ކިޔުމުގެ ބާރެއް،" ވަޒީރު ޝިޔާމް ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މި ސަރުކާރުން މަސްވެރިކަމުގެ ސިނާއަތަށް ކުރަމުން މިދާ މަސައްކަތްތަކަކީ މީގެކުރީގެ އެއްވެސް ސަރުކާރަކުންކޮށްފައިވާ މަސައްކަތްތަކެއް ނޫން ކަމަށެވެ. ވަކިން ހާއްސަކޮށް މިހާ ކުރު މުއްދަތެއްގައި މިހާ ބިޔަ އަދި މިހާ ގިނަ މަޝްރޫޢުތައް ފަށާފައި ނުވާކަމަށްވެސް މަސްވެރިކަމާއި ކަނޑުވެ ވަޞީލަތްތަކާބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވިއެވެ.