ތުރުކީއާއެކު ޤާއިމްކުރި ވިޔަފާރީގެ އެއްބަސްވުމަކީ ޔޫރަޕުގެ މާކެޓާއި ދިވެހި ވިޔަފާރިތައް ގުޅާލުމަށް އެޅުނު ފާލަމެއްކަމަށް އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުހައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މިހެން ވިދާޅުވީ، މުޅި ރާއްޖެއަށް އިސްލާމިކް ބޭންކުގެ ޚިދުމަތް ފުޅާކުރުން އިފްތިތާހުކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ރަސްމީއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.
މިރަސްމިއްޔާތުގައި ދެއްކެވި ވާހަކަފުޅުގައި ވަޒީރު ސަޢީދު ވަނީ ޑިޖިޓަލް އިޤްތިޞާދު ތަރައްޤީކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާފައެވެ. އެގޮތުން ރާއްޖޭގެ އުފެއްދުންތައް ބޭރުގެ މާކެޓުތަކަށް ފޯރުކޮށްދިނުމަށް ބޭނުންވާ ނިޒާމު ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާއިރު ބޭރުގެ މާކެޓުތަކާއި ގުޅުވާލަން ވިޔަފާރިތަކުން އެދެމުންދާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ރާއްޖޭގައި އެކިބާވަތުގެ މުދާ އުފައްދަމުންދާއިރު، ރާއްޖޭގެ ވިޔަފާރިތަކަށް ބޭރުގެ މާކެޓް ހޯދުމަށް އީ-ވޮލެޓްތަކާއި އަދި އެހެނިހެން ވަސީލަތްތައް ޤާއިމްކުރުމަށް ސަރުކާރުން މެދުނުކެނޑި މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ތުރުކީއާއެކު ޤާއިމްކުރި އެއްބަސްވުމުގެ ދަށުން ދިވެހި އުފެއްދުންތައް ތުރުކީގެ ބާޒާރަށް ބޭރުކުރުމަށް ފުރުސަތު ލިބިގެންދާ ކަމަށާއި، މިއީ ޔޫރަޕް މަކެޓާއި ދިވެހި ވިޔަފާރިތައް ގުޅުވާލަދޭނެ އެއްބަސްވުމެއްކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"ތުރުކީއާއެކު ވެވުނު އެއްބަސްވުމަކީ، ޔޫރަޕުގެ މާކެޓަށް ދިވެހިން ވަނުމަށް އެޅިގެންދިޔަ ފާލަމެއް. ގިނަ ދިވެހިން މުދާ 0 އިންސައްތައިގައި ބޭރުކުރެވޭނެ،. މި އެއްބަސްވުމުގެ ދަށުން 90 މިލިޔަން މީހުންގެ މާކެޓަކަށް ވަދެވިގެން މިދިޔައީ" ވަޒީރު ސަޢީދު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ ތުރުކިއާއެކު ޤާއިމްކުރި އެއްބަސްވުމަކީ ރައީސުލްޖުމްހޫރިއްޔާ މިދިޔަ ނޮވެމްބަރުމަހު އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން ފެށި މަސައްކަތެއްކަން ފާހަގަކޮށް މިކަމުގެ އެއްބަސްވުމަކަށް 9 މަސް ދުވަހުގެ ތެރޭ އައުމަކީ މިމަސައްކަތް ކުރުމަށް ދެ ޤައުމުގެ ޝައުޤުވެރިކަން އޮތް މިންވަރު ހާމަވެގެންދާކަމެއްކަމަށެވެ.
މިއެއްބަސްވުމުގެ ދަށުން 38 ބާވަތަކުން ޑިއުޓީއެއް ދެއްކުމެއް ނެތި ތުރުކީ މާކެޓަށް ރާއްޖޭގެ އުފެއްދުންތައް ބޭރުކުރެވޭނެއެވެ. މީގެއިތުރުން ތުރުކީވިލާތަށް އެކްސްޕޯޓްކުރާ މަހުގެ ބާވަތްތަކަށް ލުއި ހޯދާދިނުމުގެ އިތުރުން ވިޔަފާރީގެ ހުރަސްތައް ކުޑަކުރެވި، ދެޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން ވަރުގަދަ ކުރުމާއި، ދިވެހިރާއްޖެއާއި ތުރުކީވިލާތާ ދެމެދު ކުރެވޭ ވިޔަފާރި އިތުރުކުރުމަށްވެސް އެއްބަސްވުމުގެ ސަބަބުން މަގުފަހިވެގެންދާނެކަމަށް އިޤްތިޞާދީ ތަރައްޤީއާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.