ޚަބަރު

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފި


  • މިއީ ސަޢުދީ ފަންޑުގެ އެހީގައި ކުރިއަށްގެންދާ މަޝްރޫޢެއް

  • މި މަޝްރޫޢު ހަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި ނިންމުމަށް

  • މިއީ 6.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެއް

ގއ. ކޫއްޑޫގައި އިތުރު 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ބޭރުގެ ކުންފުންޏަކާ ޙަވާލުކޮށްފިއެވެ.

ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓުގެ ލޯނު އެހީގައި ކުރިއަށްގެންދާ މި މަޝްރޫޢު ހަވާލުކޮށްފައިވަނީ ލަކީ ގްލޯބަލް ޕްރޮޖެކްޓްސް ޕްރައިވެޓް ލިމިޑާއެވެ. މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ރަސްމިއްޔާތުގައި ދިވެހި ސަރުކާރުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މަސްވެރި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމެވެ. އަދި ގްލޯބަލް ޕްރޮޖެކްޓްސްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އާޝިޝް އޮބަރޯއިއެވެ.

ކޫއްޑޫގައި 4000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ޤާއިމްކުރުމަށް ގްލޯބަލް ޕްރޮޖެކްޓްސްއާ ޙަވާލުކޮށްފައިވަނީ 365 ދުވަހުގެ ތެރޭގައި މަޝްރޫޢުގެ މަސައްކަތް ނިންމާގޮތަށެވެ. މިއީ 6.6 މިލިޔަން ޑޮލަރުގެ މަޝްރޫޢެކެވެ. މިހާރު ކޫއްޑޫގައި ހުރީ 2000 ޓަނުގެ ކޯލްޑް ސްޓޯރޭޖެއް. މިމަޝްރޫޢުގެ ސަބަބުން 6000 މެޓްރިކް ޓަނަށް ގއ. ކޫއްޑޫގެ ސްޓޯރޭޖު އިތުރުކުރެވޭނެއެވެ.

މިހާރު ރާއްޖޭގެ ކޯލްޑު ސްޓޯރޭޖުގެ ކެޕޭސިޓީއަކީ 8500 ޓަނެވެ. ރައީސުލްޖުމްހުރިއްޔާގެ ރިޔާސީ ވަޢުދަކީ މިހާރު ހުރި ކެޕޭސިޓީ ދެގުނަ ކުރުމެވެ. އަދި މިހާރުގެ އަމާޒަކީ 3 ގުނަކޮށް ޖުމްލަ ކެޕޭސިޓީ 25 ހާސް ޓަނަށް ހެދުންކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވަޒީރު އަޙުމަދު ޝިޔާމު ވިދާޅުވިއެވެ.

މަސްވެރިކަމާ ބެހޭ ވަޒީރު ވިދާޅުވީ، ކޯލްޑު ސްޓޯރޭޖުގެ ހާލަތު ރައްޖޭގައި ހުރިގޮތުން މަހަށް އަގު ކިޔުމުގެ ބާރެއް ރާއްޖެއަށް މިހާރު ނޯންނަކަމަށެވެ. އެހެންނަމަވެސް މި ސަރުކާރުން ކުރިއަށްގެންދިޔުމަށް ރާވާފައިވާ މަޝްރޫޢުތަކާއި އެކު މަސްވެރިކަމަށް ގިނަ ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް ވަޒީރު ވިދާޅުވިއެވެ.

"47 ވެގެން ދިޔައިރު، ފިނިކޮށް ސްޓޯކުރެވެނީ 8500 ޓަނުގެ މަސް ސްޓޯކުރެވޭގޮތަށް، އޭގެތެރެއިން 4200 ޓަނު މިހުރީ ލޭންޑުގައި، ދެން މިހުރީ އެކި ބޯޓުތަކުގައި ޖާގަ." ވަޒީރު ޝިޔާމު ވިދާޅުވިއެވެ.

ސަރުކާރުގެ އަމާޒަކީ މި ދައުރުތެރޭގައި އިތުރު 15500 ޓަން މުޅި ރާއްޖޭގައި އިތުރުކުރެވި، ޖުމްލަ 25000 ޓަނަށް މުޅި ރާއްޖޭގެ މަހުގެ ސްޓޯރޭޖް ކެޕޭސިޓީ އިތުރު ކުރުމެވެ. ރާއްޖޭގައި އެކަށީގެންވާ ސްޓޯރޭޖް ކެޕޭސިޓީ ނެތުމުގެ ސަބަބުން ރާއްޖެއިން ވިއްކާ މަހަށް ރަނގަޅު އަގެއް ނުލިބޭ ކަމަށް ސަރުކާރުން ވިދާޅުވެއެވެ. މީގެ ސަބަބުން ބާނާ މަހުގެ 65 އިންސައްތަ ރޯ މަހުގެ ގޮތުގައި ބޭރު ކުރާ ކަމަށް ވަޒީރު ވިދާޅުވިއެވެ.