އަތޮޅުތަކުގެ ރަށްތަކުން މުއްދަރިސުންގެ ގޮތުގައި ތަމްރީނުވުމަށް 130 އަށްވުރެ ގިނަ ދަރިވަރުން މިއަހަރު ޝައުގުވެރިވެފައިވާކަމަށް ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ ޔުނިސެފްގެ އެހީތެރިކަމާއެކު މިއަހަރުގެ މާރިޗު މަހު ފެށި މިމަސައްކަތަކީ ކާމިޔާބު މަސައްކަތެއްކަމަށެވެ.
ރާއްޖޭގެ ތަޢުލީމީ ނިޒާމަށް ބަލާއިރު ޓީޗަރުންގެ ދަތިމަކީ ބޮޑުވެފައިވާ މައްސަލައެކެވެ. މިމައްސަލައަށް ޙައްލެއް ގެނައުމަށް ސްކޫލް ދައުރުން ފެށިގެން ކުދިން ހާނުވާ އެމަސައްކަތަށް ނެރުމަށް ސަރުކާރުންވަނީ ޚާއްސަ ޕްރޮގްރާމެއް ފަށްޓަވާފައެވެ. މިގޮތުން ޔުނިސެފްގެ އެހީތެރިކަމާއެކު މިއަހަރުގެ މާރިޗުމަހު، ޓިޗަރުކަމަށް ޝައުގުވެރިވާ ދަރިވަރުން ދެނެގަތުމަށް ފެށި ޚާއްސަ ޕްރޮގްރާމްގައި ފާހަގަކުރެވުނު ދަރިވަރުންގެ ތެރެއިން ހޮވާލެވުނު ކުދިންނާއެކު މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމްވަނީ އިފްތިތާޙްކުރައްވާފައެވެ.
މިޕްރޮގްރާމް އިފްތިތާޙްކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ތަޢުލީމީ ވަޒީރު ޑރ.އިސްމާޢީލް ޝަފީޢު ވިދާޅުވީ، މިޕްރޮގްރާމްގެ ދަށުން އަތޮޅު ތެރޭގެ 21 ރަށަކުން 130 އަށްވުރެ ގިނަ ދަރިވަރުން ޓީޗަރުކަމަށް ޝައުގުވެރިވާކަން ފާހަގަވެފައިވާކަމަށެވެ. ވަޒީރުވަނީ ރާއްޖޭގައި މިވަގުތު އޮތް މުދައްރިސުން މަދުވުމުގެ މައްސަލައަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މިވަގުތުވެސް ޕްރައިމަރީ ގްރޭޑްތަކަށް އެކަނިވެސް 250 ޓީޗަރުން މިހާރުން މިހާރަށް ބޭނުންވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވަރަށް ސާފުކޮށް ބަޔާންކޮށްފައި އެބައޮތް، ޓީޗަރުން ތަމްރީންކުރުމުގެ ޤައުމީ ޕްރޮގްރާމެއް ފަށްޓާނެ ވާހަކަ. އެ ޕްރޮގްރާމް ފެއްޓުމުގެ އެންމެ ބޮޑު އެއްބޭނުމަކީ ދިވެހިރާއްޖޭގައި މުދައްރިސުން ލިބުން ދަތިވެފައިވުން. ވަރަށް ގިނަ މާއްދާތަކުން ޓީޗަރުން ލިބުންވަނީ ދަތިވެފައި." ވަޒީރު ވިދާޅުވިއެވެ.
ޓީޗަރުންގެ ދަތިކަން އޮތް މިންވަރުގެ ތަފާސްހިސާބު ހިއްސާކުރައްވަމުން ތަޢުލީމީ ވަޒީރު ވިދާޅުވީ މަތީ ގްރޭޑްތަކުގައިވެސް ވަރަށް ގިނަ މާއްދާތަކަށް ޓީޗަރުން މަދުވުމަށެވެ. އޭގެ ސަބަބުން ވަކިން ޚާއްސަކޮށް ސައިންސްގެ މާއްދާތަކުން އިމްތިޙާނު ހަދާ ދަރިވަރުންގެ ޢަދަދު އަހަރުން އަހަރަށް ދަށަށް ދާކަމަށެވެ. ހަމައެއާއެކު ހިސާބު މާއްދާއާއި ސައިންސްގެ މާއްދާތަކުން ދަރިވަރުންގެ ނަތީޖާވެސް ދަށްކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެހެންކަމުން މުދައްރިސުން ތަމްރީނުކުރުމުގެ ޤައުމީ ޕްރޮގްރާމާއެކު މިމައްސަލަތަކަށް ޙައްލެއް އަންނާނެކަމަށް އުއްމީދުކުރައްވާކަމަށް ވަޒީރު ވިދާޅުވިއެވެ.
ހަމައެއާއެކު ވަޒީރުގެ ވާހަކަފުޅުގައިވަނީ އަމިއްލަ ރަށުގައި ތިބެގެން މަތީ ތަޢުލީމުގެ ފުރުސަތު ފަހިވުމަށް ދަރިވަރުންގެ އޮތް އުއްމީދު ޙަގީގަތަކަށް ހެއްދެވުމަށް ސަރުކާރުން މަސައްކަތްކުރައްވަމުންދާކަންވެސް ފާހަގަކުރައްވާފައެވެ. މިގޮތުން މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއާއި ވިލާ ކޮލެޖާއި ގުޅިގެން ފަރުމާކޮށް ކުރިއަށްގެންދާ ޕްރޮގްރާމްގައި މިއަހަރު 140 އާއި ގާތްކުރާ ޢަދަދަކަށް ދަރިވަރުން ބައިވެރިވެފައިވާކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި އަންނަ އަހަރު 150 ދަރިވަރުން މި ޕްރޮގްރާމްގެ ދަށުން ރަށުގައި ތިބެގެން ތައުލީމް ހާސިލް ކުރުމަށް އޮތް ފުރުސަތުގެ ބޭނުން ހިފާނެކަމަށް އުއްމީދު ކުރައްވާކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.