ޚަބަރު

މޫސުމަށް އަންނަ ބަދަލުތަކާއެކު ހަރުދަނާ ޑޭޓާގެ ނިޒާމެއް މުހިންމު: ވަޒީރު ޠާރިޤު


  • މިއީ ޒިންމާދާރު ރިޕޯޓިންގ ފްރޭމްވޯކެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް

މޫސުމަށް އަންނަ ބަދަލުތަކާއެކު ހަރުދަނާ ޑޭޓާގެ ނިޒާމެއް މުހިންމުކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ވަޒީރު މިފަދައިން ވިދާޅުވީ، ނެޝެނަލް ގްރީން ހައުސް ގޭސް އިންވެންޓްރީ ތައްޔާރުކުރުމަށްޓަކައި ބޭނުންވާ މައުލޫމާތު އެއްކުރުމުގެ ނިޒާމު ހަރުދަނާ ކުރުމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްއާ ދެމެދު އެއްބަސްވުމެއްގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މި އެއްބަސްވުމުގައި މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ފަރާތުން ސޮއިކުރެއްވީ މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމެވެ. އަދި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ފަރާތުން ސޮއިކުރެއްވީ ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޠާރިޤު އިބްރާހީމް ވަނީ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ހަރުދަނާ ޑޭޓާގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި، މިއީ ޕެރިސް އެގްރީމެންޓުގެ އެންހޭންސްޑް ޓްރާންސްޕޭރެންސީ ފްރޭމްވޯކާ އެއްގޮތްވާގޮތުގެ މަތިން ދެފުށް ފެންނަ އަދި ޒިންމާދާރު ރިޕޯޓިންގ ފްރޭމްވޯކެއް ބިނާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ފާހަގަކުރައްވާފައެވެ.

މި އެއްބަސްވުމުގެ ދަށުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވުޒާރާއާއި މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް (އެމްބީއެސް) އާއި ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީ (ޔޫއާރްއޭ) އާއެކު ގްރީންހައުސް ގޭސް (ޖީއެޗްޖީ) ރިޕޯޓިންއަށް ބޭނުންވާ ޑޭޓާ އެއްކުރުމުގެ މަރުހަލާތައް ހަރުދަނާ ކުރާނެއެވެ.

މި އެއްބަސްވުމުގެ މަޤްޞަދަކީ، އދ.ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ) އާއި ޕެރިސް އެގްރީމަންޓްގެ ދަށުން ކްލައިމެޓް ޓްރާންސްޕޭރެންސީގެ ޝަރުޠުތައް ފުރިހަމަކުރުމަށް ރާއްޖެއިން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުން ދީ، ރާއްޖޭގައި ހަކަތައިގެ ޑޭޓާ އެއްކުރުމުގެ ސައްހަކަން އިތުރުކުރުމެވެ.

މި އެއްބަސްވުމުގެ ދަށުން ރާއްޖޭގެ އެކި ކަންކޮޅުތަކުގެ ރިސޯޓުތަކުން ބޭނުންވާ ހަކަތައިގެ ޑޭޓާ ހިމަނައިގެން މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން މިހާރު ކުރިއަށް ގެންދާ ޓޫރިޒަމް ސްޓެޓިސްޓިކްސް ދިރާސާ އިތުރަށް ހަރުދަނާ ކުރުމަށް މަސައްކަތް ކުރާނެއެވެ. އަދި ޓޫރިޒަމް ސްޓެޓިސްޓިކްސް ދިރާސާ ފޯމް އަޕްޑޭޓް ކުރުމަށް ފަންނީ އެހީތެރިކަން ފޯރުކޮށްދީ، އަޕްޑޭޓް ކޮށްފައިވާ ސާރވޭ ތަންފީޒު ކުރުމަށް އެހީތެރިކަން ފޯރުކޮށްދޭނެއެވެ.

މިކަމުގެ ސަބަބުން ސަބަބުން ޑޭޓާ ކަލެކްޝަން މަރުހަލާތައް ސްޓްރީމްލައިންކޮށް، ރިޑަންޑަންސީސް މަދުވެ، ހަކަތައިގެ ދާއިރާގެ ގްރީން ހައުސް ގޭސް އިންވެންޓްރީއާއި ޕޮލިސީ ޑިވެލޮޕްމަންޓަށް ބޭނުންވާ ސައްހަ ހަކަތައިގެ ޑޭޓާތައް އެއްކުރެވޭކަން ކަށަވަރުވެގެންދާނެއެވެ. އަދި މި ދިރާސާ މިއަހަރުގެ ފަހުކޮޅު ތަންފީޒުކުރުމަށް ވަނީ ނިންމާފައެވެ.

މިއީ ޔުނައިޓެޑް ނޭޝަންސް އެންވަޔަރަންމަންޓް ޕްރޮގްރާމް (ޔޫއެން އެންވަޔަރަންމަންޓް)ގެ އިމްޕްލިމެންޓޭޝަން އެހީތެރިކަމާއެކު ގްލޯބަލް އެންވަޔަރަންމަންޓް ފެސިލިޓީ (ޖީއީއެފް) ގެ ހިލޭ އެހީގެ ދަށުން ކުރިއަށް ގެންދާ ކެޕޭސިޓީ ސްޓްރެންތެނިން ފޯ އިމްޕްރޫވްޑް ޓްރާންސްޕޭރެންސީ އޮފް ކްލައިމެޓް ޗޭންޖް މިޓިގޭޝަން އެންޑް އެޑަޕްޓޭޝަން އެކްޝަންސް އިން ދަ މޯލްޑިވްސް (ސީބީއައިޓީ މޯލްޑިވްސް) ޕްރޮޖެކްޓްގެ ދަށުން ކުރިއަށް ގެންދާ ފަހުމުނާމާއެކެވެ.