ޚަބަރު

ރިޔާސީ އިންތިޚާބުގެ ކާމިޔާބީ ޓްރަމްޕް އިއުލާނުކުރައްވައިފި


ނޮވެންބަރު 5ވަނަ ދުވަހު އެމެރިކާގައި ބޭއްވި ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ލިބިވަޑައިގަންނަވާފައިވާ ކަން އިދިކޮޅު ރިޕަބްލިކަން ޕާޓީގެ ކެނޑިޑޭޓު, ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޢުލާނު ކުރައްވައިފިއެވެ. އިންތިޚާބުގައި ވެރިކަން ކުރާ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން އޭނާއާ ވާދަ ކުރައްވާފައި ވަނީ ނައިބު ރައީސާ ކަމަލާ ހެރިސެވެ. ޓްރަމްޕްގެ ކެމްޕޭނުން ބުނީ, އެންމެ ވާދަވެރިކަން ބޮޑު ސްޓޭޓްތަކުގެ ގޮތުގައި ބެލެވިފައިވާ ސްވިންގ ސްޓޭޓްތަކުގެ ތެރެއިން ޕެންސިލްވޭނިޔާއާއި އުތުރު ކޮރެލައިނާގެ އިތުރުން ޖޯޖިޔާއިން ޓްރަމްޕް ކާމިޔާބީ ހޯއްދަވާފައިވާ ކަމުގައެވެ.

ފްލޮރިޑާގެ ވެސްޓް ޕާމް ބީޗުގައި އޭނާއަށް ތާޢީދު ކުރާ މީހުންނާ މުޚާޠަބުކޮށް ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ, އޭނާގެ ވެރިކަމުގައި އެމެރިކާއަށް "އައު ރަން ޒަމާނެއް" ގެނެސްދެއްވާނެ ކަމުގައެވެ. އެސޯސިއޭޓެޑް ޕްރެސުން ޢާންމު ކޮށްފައިވާ ނަތީޖާތަކަށް ބަލާއިރު, ކާމިޔާބީ ހޯދުމަށް ޓްރަމްޕަށް ބޭނުންވާ 270 އިލެކްޓޯރަލް ކޮލެޖު ވޯޓުގެ ތެރެއިން އޭނާ ވަނީ 277 ވޯޓު ކަށަވަރު ކުރައްވާފައެވެ. ހެރިސަށް މިހާތަނަށް ކާމިޔާބު ކުރެވިފައި ވަނީ 224 އިލެކްޓޯރަލް ކޮލެޖު ވޯޓެވެ.

މިއީ, 2017ން 2021ށް އެމެރިކާގެ 45ވަނަ ރައީސް ކަމުގެ މަޤާމު ފުރުއްވާފައިވާ ޓްރަމްޕަށް ލިބިވަޑައިގަތް ބޮޑު ކާމިޔާބީއެކެވެ. މިއީ, ފާއިތުވި 130 އަހަރުގެ ތެރޭގައި, ކުރީގެ ރައީސަކު ރިޔާސީ އިންތިޚާބެއް ކާމިޔާބު ކުރައްވައި, ވެރިކަމާ ހަވާލުވެ ވަޑައިގަންނަވާ ފުރަތަމަ ފަހަރެވެ. އިންތިޚާބުގައި ލިބުނު ކާމިޔާބީ ފާހަގަ ކުރެއްވުމަށް ވެސްޓް ޕާމް ބީޗުގައި ބޭއްވި ރަސްމިއްޔާތުގައި ޓްރަމްޕްގެ ޢާއިލާގެ މެންބަރުންނާއި ރަނިންގ މޭޓު ޖޭޑީ ވޭންސް ބައިވެރިވެ ވަޑައިގެންނެވިއެވެ. "މިއީ އެމެރިކާގެ ރައްޔިތުންނަށް ލިބުނު ވަރަށް ބޮޑު ކާމިޔާބީއެއް, އެމެރިކާއަކީ ކުރިއަށްވުރެ ފުރިހަމަ ޤައުމަކަށް ހެދުމުގެ ފުރުޞަތު މި ވަނީ ލިބިފައި،" ޓްރަމްޕް ވިދާޅުވިއެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ, ސްވިންގ ސްޓޭޓްތަކުގެ ގޮތުގައި ބެލެވޭ ހަތް ސްޓޭޓުން ވެސް ޓްރަމްޕް ކާމިޔާބީ ހޯއްދެވުން ގާތް ކަމުގައެވެ. ސްވިންގ ސްޓޭޓްގެ ގޮތުގައި ބެލެެވެނީ, ކޮންމެ އިންތިޚާބެއްގައި ވެސް ކާމިޔާބީ ހޯދާ ޕާޓީ ބަދަލުވާ ކަމަށް ނުވަތަ ހަމަހަމަ ތާޢީދެއް އޮތް ކަމަށް ފާހަގަ ކުރެވޭ ސްޓޭޓްތަކެވެ. މީގެ އިތުރުން, ޕޮޕިޔުލަރ ވޯޓު, ނުވަތަ ވޯޓުލުމުގެ ޙައްޤު ލިބިގެންވާ މީހުންގެ ތެރެއިން އެންމެ ގިނަ ބަޔެއްގެ ތާޢީދު ލިބޭ ކެނޑިޑޭޓަކީ ޓްރަމްޕަށް ވުން ގާތް ކަމުގައި ވެސް މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ދެކެއެވެ. 2016ވަނަ އަހަރުގެ އިންތިޚާބުގައި ޓްރަމްޕަށް ޕޮޕިޔުލަރ ވޯޓު ކާމިޔާބު ކުރެއްވިފައެއް ނުވެއެވެ.

ސްވިންގ ސްޓޭޓްތަކުގެ އެންމެ ފަހުގެ ނަތީޖާއަށް ބަލާއިރު, ޕެންސިލްވޭނިޔާ, އުތުރު ކެރޮލައިނާ އަދި ޖޯޖިޔާގައި ކާމިިޔާބީ ލިބިވަޑައިގަތީ ޓްރަމްޕަށެވެ. ސީބީއެސުން ބުނީ, ވިސްކޮންސިންގެ އިތުރުން މިޝިގަނުން ވެސް ޓްރަމްޕަށް ކާމިޔާބީ ލިބުމުގެ ފުރުޞަތު ބޮޑު ކަމުގައެވެ. ނެވާޑާގެ ވޯޓުގައި ވެސް ކުރީގައި އުޅުއްވަނީ ޓްރަމްޕެވެ. ނަމަވެސް, އެރިޒޯނާގައި ދެ ކެނޑިޑޭޓުން ފެންނަނީ ވަރަށް ވާދަވެރިކޮށެވެ.

ރިޔާސީ އިންތިޚާބުގައި ކާމިޔާބީ ލިބިވަޑައިގަންނަވާފައިވާ ކަން ޓްރަމްޕް އިޢުލާނު ކުރެއްވުމާ އެކު ދުނިޔޭގެ ވެރިން ވަނީ އޭނާއަށް މަރުޙަބާ ވިދާާޅުވާން ފަށްޓަވާފައެވެ. ޓްރަމްޕަށް މަރުޙަބާ ދަންނަވާފައިވާ ޤައުމުތަކުގެ ތެރެއިންގެ ތެރޭގައި ވިލާތުގެ ޤައުމުތައް ހިމެނެއެވެ: އޭގެ ތެރޭގައި ހަންގޭރީގެ ބޮޑުވަޒީރު ވިކްތޯރް އޯރްބާނާއި, އަޔަލެންޑުގެ ބޮޑުވަޒީރު ސައިމަން ހެރިސާއި, ސްޕެއިންގެ ބޮޑުވަޒީރު ޕޭދްރޯ ސަންޗޭޒާއި, ރޮމޭނިޔާގެ ބޮޑުވަޒީރު މަރްޗެލް ޗޯލާކުގެ އިތުރުން ޖަރުމަނުވިލާތުގެ ޗާންސެލަރ އޯލާފް ޝޮލްޓްޒް ހިމެނިވަޑައިގަންނަވެއެވެ. މީގެ އިތުރުން ސްވިޑެނާއި, ޑެންމާކާއި ނޯވޭގެ ބޮޑުވަޒީރުން ވެސް ވަނީ ޓްރަމްޕަށް މަރުޙަބާ ދަންނަވާފައެވެ. ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު ވެސް ވަނީ ޓްރަމްޕަށް މަރުޙަބާ ދަންނަވައި, އެކްސްގައި ޕޯސްޓެއް ޝާއިޢު ކުރައްވާފައެވެ.

ޓްރަމްޕް އެމެރިކާގެ ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާ ގުޅިގެން އީރާނުން ވެސް ވަނީ އިންތިޚާބާ މެދު ދެކޭ ގޮތް ހާމަކޮށްފައެވެ. އީރާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ފާޠިމަތު މަހާޖަރާނީ ވިދާޅުވީ, އެމެރިކާގެ އިންތިޚާބުގެ ނަތީޖާއާ މެދު އީރާނުން ކަންބޮޑުނުވާ ކަމުގައެވެ. އަދި, އީރާނުގެ ރައްޔިތުންގެ ހާލަތަށް އައު ބަދަލުތަކެއް އަންނާނެ ކަމަށް ނުބެލެވޭ ކަމުގައެވެ.

"އެމެރިކާގެ އިންތިޚާބަކީ އަޅުގަނޑުމެންނާ ބެހޭ ކަމެއް ނޫން. އެމެރިކާގެ ވެރިކަމާ ހަވާލުވާ މީހަކާ ގުޅުވައި އަޅުގަނޑުމެންގެ ސިޔާސަތުތަކަށް ބަދަލެއް ނުގެންނާނަން. އަޅުގަނޑުމެން ވާނީ މި ކަން ނިމޭނެ ގޮތް ބަލާފައި, އަދި އަޅުގަނޑުމެންގެ ރައްޔިތުންގެ ދިރިއުޅުމަށް އެއްވެސް ބަދަލެއް ނާންނާނެ،" މަހާޖަރާނީ ވިދާޅުވިއެވެ.

ޓްރަމްޕްގެ ކުރީގެ ވެރިކަމުގައި އީރާނާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅުއްވާފައިވެއެވެ. އީރާނުގެ ނިއުކްލިޔަރ ޕުރޮގުރާމާ ގުޅިގެން އެ ޤައުމާއި ހުޅަނގުގެ ބާރުތަކާ ދެމެދު ހަދާފައިވާ އެއްބަސްވުން އުވައިލައި, އީރާނަށް ދަތިކުރުމުގެ މަސައްކަތް 2018ވަނަ އަހަރު ފަށްޓަވާފައި ވަނީ ޓްރަމްޕްގެ ވެރިކަމުގައެވެ. އޭނާ އިސްވެ އަޅުއްވާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކާ ގުޅިގެން އީރާނުގެ އިޤުތިޞާދަަށް ބޮޑު ހީނަރުކަމަކާ ކުރިމަތިލާން ޖެހުނެވެ. އެމެރިކާއާއި އީރާނާ ދެމެދު މި ވަގުތު އުފެދިފައި އޮތް ހަތުރުވެރި ކަމުގެ އަސްލަކީ ޓްރަމްޕް ކަމަށް މަސްރަޙު ދިރާސާ ކުރައްވާ ބައެއް ބޭފުޅުން ދެކެވަޑައިގަންނަވައެވެ.