ދުނިޔޭގައި އުފައްދާ އެންމެ ބޮޑު އެއް ބްރޭންޑުގެ މަތިންދާބޯޓް ކަމަށްވާ އެއަރބަސް އޭ 330-200ގެ ވައިޑް-ބޮޑީ މަތިންދާބޯޓު މިއަހަރު ރާއްޖެ ގެނެސް ޝެޑިއުލްއާއި އެއްގޮތައް ޚިދުމަތް ދޭން ފަށާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ. ވައިޑް-ބޮޑީ މަތިންދާބޯޓު ރާއްޖެ ގެނެސް ޚިދުމަތް ދޭން ފެށުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، ރައީސްގެ ވައުދުފުޅާއިއެއްގޮތައް 3 މަސްދުވަހުގެ ތެރޭގައި މަސައްކަތް ފެށި މިހާރު ކުރިއަށްދާކަމަށެވެ. މި އަހަރު ނިމުމުގެ ކުރިން 1 ބޯޓު ރާއްޖެ އަންނާނެކަމަށެވެ.
"ބޯޓުގެ ހުރިހައި ކަމެއް ނިމި ބޯޓުގެ ރިފަރބިޝްމަންޓްގެ މަސައްކަތް ވެސް ފެށިގެން ލިވަރީ ޕެއިންޓިންއަށް ކުރިއަށްއޮތް 6 އެއްކަ ދުވަސް ތެރޭގައި ވަންނާނެ. ވަދެފައި ޝެޑިއުލްއާއި އެއްގޮތައް މިއަހަރު ނިމުމުގެ ކުރިން ރާއްޖެ އަންނާނެ." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ބޯޓު ރާއްޖެ އައުމުން ޗައިނާގެ ބައެއް މަންޒިލްތަކަށް ޑައިރެކްޓް ފްލައިޓް ފެށިގެންދާނެކަމަށެވެ. އަދި ޕްލޭނާއި އެއްގޮތައް ޔޫރަޕްގެ ޑެސްޓިނޭޝަންތަކަށްވެސް ދަތުރު ފެށިގެންދާނެކަމަށެވެ.
މި ޚިދުމަތް ފެށުމުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތައްވެސް ރަނގަޅު ކުރިއެރުމެއް އަންނާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި އިޤްތިޞާދުގައި ހަރަކާތްތެރިވާ ވިޔަފާރިތަކަށް މަންފާކޮށް އައު ވިޔަފާރިތައް އުފެދިގެންދާނެކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާއި ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވިއެވެ.