ޚަބަރު

ޤައުމުގެ މިސްރާބު ކަނޑައަޅާ މުހިއްމު މަގުޗާޓަކަށް "ޤައުމީ ތަރައްޤީގެ ޕްލޭން" ވެގެންދާނެ: ގެދޮރުވެރިކަމާ ބޭހޭ ވަޒީރު


  • މިއީ 20 އަހަރުގެ ޕްލޭނެއް

  • ޕްލޭން އިފްތިތާޙުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ

  • ޕްލޭން އެކުލަވާލުމުގެ މަސައްކަތް 1 އަހަރުތެރޭ ނިންމާނެ

ކުރިއަށް އޮތް 20 އަހަރަށް އަމާޒުކޮށް އެކުލަވާލާ "ޤައުމީ ތަރައްޤީގެ ޕްލޭން" ވެގެންދާނީ، ޤައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް ނުހަނު މުހިންމު މަގުޗާޓަކަމަށްކަމަށް ގެދޮރުވެރިކަމާ ބިމާއި ޢުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙުމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ "ޤައުމީ ތަރައްޤީގެ ޕްލޭން" އިފްތިތާޙުކޮށް، މަޝްވަރާ ފެއްޓެވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ވަޒީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ލަފާ ދެއްވާފައިވާ ގޮތުގެ މަތިން، "ޤައުމީ ތަރައްޤީގެ" ޕްލޭން އެކުލަވާލުމުގެ މަސައްކަތުގައި ކަމާބެހޭ ހުރިހާ ފަރާތްތަކާއި، ރައްޔިތުންގެ ބައިވެރިވުމާއި ޚިޔާލާއި މަޝްވަރާ ވީހާވެސް ފުޅާދާއިރާއެއްގައި ހޯދުމަށް ހަމަޖެހިފާކަމަށެވެ.

ހަމައެއާއެކު، ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުން ދެމެހެއްޓުމަށްޓަކައި، ޕްލޭނުގައި ކަނޑައެޅޭ މުހިންމު ސިޔާސަތުތަކާއި، އަމާޒުތަކާއި، އިސްތިރާޖުތަކާއި، ލަނޑުދަނޑިތައް ހާސިލުކުރުމަށް މަގުފަހިކުރުމުގެގޮތުން، މި ޕްލޭނަށް ޤާނޫނީ ބާރުވެރިކަން ގެނެސްދޭނެ ޤައުމީ ތަރައްޤީގެ ޤާނޫނުގެ ބިލެއް މި މަސައްކަތުގެ ތެރޭގައި އެކުލަވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ވަޒީރު ވިދާޅުވިއެވެ. އަދި، މި ޕްލޭން ދެމެހެއްޓެނިވި ގޮތެއްގައި ތަންފީޛުކުރުމަށް ބޭނުންވާ އިތުރު ބާރުވެރިކަން ގެނައުމަށްޓަކައި، ޤާނޫނު އަސާސީއަށް މާއްދާއެއް އިތުރުކުރުމަށްވެސް ވަނީ ނިންމަވާފައެވެ.

"މިއީ ތަރައްޤީ ބައްޓަންކުރުމަށާއި، ޤައުމު ދަތުރުކުރާނޭ ފަހި މިސްރާބެއް ކަނޑައެޅުމަށް ވަރަށްވެސް މުހިންމު މަގުޗާޓެއް. ދިރިއުޅުމުގެ ހާލަތު ދެނެގަނެ، ދާއިރާތަކަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތައް ވަޒަންކޮށް، ހެއްކާއި މަޢުލޫމާތުގެ އަލީގައި ކަންކަން އިސްލާހުކޮށް ކުރިއަރުވަން ކުރަންޖެހޭ މަސައްކަތްތައް ޢިލްމީ ނަޒަރަކުން ދެނެގަނެވޭނެ. މިއީ އަންނަން އޮތް ޖީލުތަކަށް ތަނަވަސް، ފުދުންތެރި، އުފާވެރި ދިވެހިރާއްޖެއެއް ފޯރުކޮށްދިނުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް" ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.

ޕްލޭން ބައްޓަންކުރުމުގައި އިޖްތިމާޢީ އަދި އިޤްތިޞާދީ ތަރައްޤީ އަށާއި، ތިމާވެށި ރައްކާތެރި ކުރުމާއި، ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކުން ރާއްޖެއަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަކުރުމަށް އަޅާނޭ ފިޔަވަޅު ތަކުގެ އިތުރުން ޤާނޫނު ހިންގުމުގެ ދާއިރާ އިތުރަށް ހަރުދަނާކުރުމަށް ކުރަންޖެހޭ މަސައްކަތްތައްވެސް ހިމަނާނެއެވެ.

މީގެ އިތުރުން އަލަށް ކުރިމަތިވަމުން އަންނަ ގޮންޖެހުންތަކާއި މައްސަލަތަކަށް ރިޔާއަތް ކުރައްވާނެކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. އަދި އެކި އުމުރުފުރާތަކާ އެކިފަންތީގެ އެންމެން ހިމެނޭނެހެން ހުރިހާ ރައްޔިތުންނަށްވެސް ހަމަހަމަ ފުރުޞަތުތަކެއް ހޯދައިދިނުމާއެކު، އީޖާދީ އުފެއްދުންތަކާއި، މުއާސަލާތުގެ ކުރިއެރުންތަކާއި، ފަންނިއްޔާތުގެ އެހީގައި ރާއްޖެ ކުރިއަރާ ތަރައްޤީވުމަށް މަގުފަހި ކޮށްދެވޭނެ ގޮތްތައް ދެނެގަނެ، އެފަދަ ކަންކަން ތަންފީޒު ކުރުމުގަޔާއި، މޮނިޓަރކޮށް އިވެލުއޭޓު ކުރުމުގައި ބަލަންޖެހޭ ކަންތައްތައް މި ޕްލޭންގައި ހިމަނުއްވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.

"ރާއްޖޭގެ އެކިކަންކޮޅުތަކުން، މުޖުތަމަޢުގެ ހުރިހާ ފަރާތްތަކާ ފުޅާދާއިރާއެއްގައި މިކަމުގެ މަޝްވަރާ ނުލިބި އެކުލަވާލާ ތަޞައްވުރެއް ފުރިހަމައެއް ނުވާނެ. ދިވެހިރާއްޖޭގެ ކުރިމަގު ބައްޓަންކުރުމަށް ސަރުކާރާއި ދައުލަތުގެ މުއައްސަސާ ތަކުގެ އިތުރުން ލޯކަލް ކައުންސިލްތަކާއި، އަމިއްލަފަރާތްތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ތައްލީމީ ދާއިރާގެ އެކިފަރާތްތަކާއި، ރާއްޖޭގެ މަސައްކަތްތެރިންނާއި، ސިޔާސީޕާޓީތަކާއި އަދި މާދަމާގެ ލީޑަރުންނަށް ވާންތިބި ޒުވާނުންނާއި ކުޑަކުދިންގެ ޚިޔާލާއި މަޝްވަރާ މި މަސައްކަތަށް ވަރަށް މުހިންމު." ގެދޮރުވެރިކަމާ ބެހޭ ވަޒީރު ޑރ. އަލީ ޙައިދަރު އަޙުމަދު ވިދާޅުވިއެވެ.

މި ޕްލޭން އެއް އަހަރު ދުވަހުގެ ތެރޭގައި އެކުލަވާލާ ނިންމުމަށް ސަރުކާރުން ޢަމާޒު ހިފާފައިވާއިރު، ކޮންމެ ރައްޔިތަކުންވެސް އެމީހެއްގެ ޚިޔާލާއި މަޝްވަރާ، އަދި ލަފާ މިކަމުގައި ދެއްވުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ. އަދި އެކި މަންސަތައް މެދުވެރިކޮށް ލަފަޔާއި، އިރުޝާދާއި، ޚިޔާލާއި، މަޝްވަރާ ހުށަހެޅުމަށް ހުޅުވާލާނެއެވެ.

ވަޒީރު ވިދާޅުވީ މި މަސައްކަތަކީ އަދަށްވުރެ ހުރިހާގޮތަކުން ވެސް ފަހި ތަނަވަސް އުފާވެރި ދިވެހިރާއްޖެއަކަށް ވާސިލްވުމަށް ފައްޓަވަ މަސައްކަތެއްކަމަށެވެ.