"ހިޔާވެހި ފައިނޭންސް ސްކީމް" ގެ ދަށުން މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށް ގިނަ އާއިލާތަކަކަށް ގެދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ހައިދަރު އަޙްމަދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، "ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުންނެވެ.
"ހިޔާވެހި ފައިނޭންސް ސްކީމް" އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަޙްމަދު ވިދާޅުވީ، ރާއްޖޭގައި ބޯހިޔާވަހިކަމެއް ލިބިފައިނުވާ އެންމެނަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ އެންމެ އިސް އެއް ވަޢުދުފުޅުކަމަށެވެ. މި އިފްތިތާޙު ކުރެވުނީ ބޯހިޔާވަހިކަން ހޯދުމުގައި ރައްޔިތުންނަށް މާލީ ގޮތުން ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހުޅުވާލެވޭ މުހިންމު ދޮރޯއްޓެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ރާއްޖޭގެ އެކި ރަށްރަށުގައި ގެދޮރުނޭޅި ފަޅަށްހުރި ގޯތިތަކުގައި ގެދޮރު އިމާރާތްކުރުމަށް %5 ގެ ސާރވިސް ޗާޖެއްގައި ފައިސާ ދޫކުރުމަށް އެކުލަވާލާފައިވާ "ހިޔާވެހި ފަ އިނޭންސް ސްކީމް". މި ސްކީމްގައި ހިމެނޭ ވަސީލަތްތަކުގެ އެހީގައި މާލީ ތަނަވަސްކަން ނެތުމުގެ ސަބަބުން ދަތިހާލުގައި އުޅޭ ވަރަށްގިނަ އާއިލާތަކަކަށް ގެ ދޮރުގެ ތަނަވަސްކަން ލިބިގެންދާނެކަމަށް ގަބޫލުކުރަން." ވަޒީރު ވިދާޅުވިއެވެ.
މި ވަސީލަތްތަކަކީ އާއިލާތަކަށް ފުރަތަމަ ބޯހިޔާވަހިކަން ހޯދުމަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުމުގެ ގޮތުން ސަރުކާރުން އެކުލަވާލި ފައިނޭންސް ސްކީމަކަށްވުމުގެ ސަބަބުން ހުށަހަޅާ ފަރާތުގެ ނަމުގައި އަމިއްލަ ނުވަތަ ދައުލަތުން ދޫކޮށްފައިވާ ބޯހިޔާވަހިކަމެއް އޮވެގެންނުވާނެކަމަށް ވަޒީރު ހައިދަރު ވިދާޅުވިއެވެ.
ހިޔާވެހި ރަށްވެހި ވަސީލަތަށް އެއްވެސް އިކުއިޓީއެއް ދައްކާކަށް ނުޖެހޭނެއެވެ. ނަމަވެސް ޝަރީޢާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށްޓަކައި "ނޮމިނަލް ކޮންޓްރިބިޔުޝަން" އެއް ދައްކަން ޖެހޭނެއެވެ.
"ހިޔާވަހި ފައިނޭންސް ސްކީމް" ގައި ހިމެނޭ ވަސީލަތްތަކަށް ޝަރުޠު ހަމަވަ ފަރާތްތަކަށް ހިޔާވެހި ޕޯޓަލް މެދުވެރިކޮށް ފޯމު ހުށަހެޅުމުގެ ފުރު ސަތު ހުޅުވާލެވޭނެކަމަށް ގެދޮރުވެރިކަމާއި ބެހޭ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ. މި ވަސީލަތްތަކަކީ ހުސްބިމެއްގައި އަލަށް އިމާރާތެއް ކުރުމަށް ނުވަތަ ނުނިމި ހުރި އިމާރާތެއް އެއްކޮށް ނިންމުމަށް ނުވަތަ ބާވެ ހަލާކުވެފައިވާ އިމާރާތެއް މަރާމާތުކުރުމަށް ހަމަޖައްސާ ފައިސާއަށްވާތީ ދޫކުރެވޭ ޖުމްލަ އަދަދުން މަޝްރޫޢު އެއްކޮށް ނިންމޭވަރު ވާންޖެހޭނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.