ސީ-ޓު-އެއަރ ކާގޯ ޚިދުމަތުގެ ޑިމާންޑު އިތުރުވަމުންދާއިރު، އެންމެ އިސްކަމެއްދެނީ މިދާއިރާ ރެގިއުލޭޓުކޮށް ކުރިއެރުވުމަށް ކަމަށް ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ވަޒީރު އަމީން މިހެން ވިދާޅުވީ ބަންގްލަދޭޝްގެ އަންނައުނު އުފައްދާ ފެކްޓަރީތަކުން ރާއްޖެ މެދުވެރިކޮށް އެކްސްޕޯޓުކުރުން އިތުރުވަމުންދާކަމަށް ބުނެ ބޭރުގެ ބައެއް މީޑިއާތަކުގައި ޚަބަރު ފަތުރަމުންދިއުމާ ގުޅިގެންނެވެ.
ސޯޝަލް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަޒީރު އަމީން ވިދާޅުވީ ސީ-ޓު-އެއަރ ކާގޯ ޚިދުމަތް ފުޅާވަމުން އަންނަކަމަށެވެ. އަދި މިޚިދުމަތަށް ބޮޑު ޑިމާންޑެއް އޮތްއިރު، ރާއްޖެއަކީ ޔޫރަޕާއި މެދުއިރުމަތީގެ ގިނަ މަންޒިލްތަކަކަށް ދަތުރުތައް ބާއްވާ ޤައުމަކަށްވުމުން، ރާއްޖެއަށް ދަތުރުތައް ބާއްވާ ފްލައިޓުތަކުގައި މުދާ އުފުލުމަށް ފުރުސަތު ފަހިވެފައިވާކަމަށެވެ.
We are excited to see the progress of our new sea-to-air cargo transfer services, established in June 2024! The demand is growing, filling unused freight space on flights from the Maldives to the Middle East and Europe. Our priority is to regulate and protect this developing… pic.twitter.com/x7zJxRFZ9N
— Mohamed Ameen (@ameen3d) November 2, 2024
އަދި ސަރުކާރުން އިސްކަން ދެނީ މި ދާއިރާ ރެގިއުލޭޓުކޮށް، ޚިދުމަތް ފުޅާކުރުމުގެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ވަޒީރު އަމީން ވިދާޅުވިއެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ މިއަހަރުގެ މާރޗުމަހުގެ ތެރޭގައި އެމްޕީއެލްއިން ތަޢާރަފްކުރި ޚިދުމަތެކެވެ. ސީ-ޓު-އެއަރ ކާގޯގެ ޚިދުމަތުގެ ފުރަތަމަ ޝިޕްމަންޓް ރާއްޖޭން ފޮނުވީ މިއަހަރުގެ މެއިމަހުގެ ތެރޭގައެވެ.
ސީ-ޓު-އެއަރ ކާގޯ ޚިދުމަތަކީ ކަނޑުމަގުން މުދާ ގެނެސް ވައިގެ މަގުން މުދާ އެހެން ހިސާބުތަކަށް އަވަހަށް ފޮނުވާދިނުމުގެ ޚިދުމަތެކެވެ. މި ހައިބްރިޑް މޮޑެލްގެ ސަބަބުން މި ސަރަޙައްދުގެ ވިޔަފާރިތަކާއި ސިނާޢަތްތަކުގެ ބޭނުންތައް ފުއްދައިދީ، މުދާ އުފުލުމުގެ ޚިދުމަތް އަވަސް އަދި ހަރުދަނާ ގޮތެއްގައި ފޯރުކޮށްދެވެއެވެ.
މި ޚިދުމަތަށް އޮންނަ ޑިމާންޑު އިތުރުވަމުން އަންނައިރު، މިޚިދުމަތާއި ގުޅުނު އެއަރލައިންތަކުގެ އަދަދު 7 އަކަށް ވަނީ އަރާފައެވެ. އަދި މިޚިދުމަތް މެދުވެރިކޮށް މުދާ ފޮނުވާފައިވާ ޤައުމުތަކުގެ އަދަދުވަނީ 13އަށް އަރާފައެވެ.