8ވަނަ އަހަރުގެ ނޮވެމްބަރު 3ގެ އުދުވާނީ ޙަމަލާއަށް މިއަދު މިފުރެނީ 36 އަހަރެވެ. އެ ޢުދުވާނީ ޙަމާލާއާ ކުރިމަތިލާ އިސްލާމްދީނާއި ދިވެހި ރާއްޖޭގެ މިނިވަންކަމަށްޓަކައި ޖިހާދުކޮށް ޝާހީދުވި އަބުޠާލުންގެ ޒިކުރާ އާކުރުމަކީ މިއަދު ކޮންމެހެން ކުރަންޖެހޭކަމެކެވެ. އަދި އެދުވަހު މި ލޮބުވެތި ޤައުމުގެ ޙިމާޔަތުގައި އެކި ގޮތްގޮތުން ޖިހާދުކުރެއްވި އެތަށް ބޭފުޅުންނެއް އެބަތިއްބެވިއެވެ. އެބޭފުޅުންގެ ޚިދުމަތާއި ވާހަކަފުޅުތަކުން މިއަދުވެސް އެތައް ޢިބުރަތެއް ލިބެއެވެ.
1988ވަނަ އަހަރުގެ ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގައި ދިވެހި ޤައުމު ސަލާމާތްކޮށްދެއްވުމުގެ އެންމެ ބޮޑު މަސްޢޫލިއްޔައެއް އަދާކުރެއްވި ބަޠަލަކީ އޭރުގެ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަދި ދިވެހި ސިފައިންގެ ކޮމާންޑަރ އިން ޗީފް، ނިޝާން ޣާޒީގެ ޢިއްޒަތުގެ ވެރިޔާ ރައީސް އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމެވެ.
މިއަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބާގައި ރައީސް މައުމޫނުގެ ދެކަނބަލުން ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ވަނީ ނޮވެމްބަރު 3ގެ ޢުދުވާނީ ޙަމަލާގެ ގިނަ ހަނދާންތަކެއް އާކުރައްވާފައެވެ. މިއީ މިފަދަގޮތަކަށް ރައީސް މައުމޫނުގެ ދެކަނބަލުން މިހާތަނަށް މީޑިއާށް ދެއްވި ފުރަތަމަ އިންޓަވިއުއެވެ.
ކަން ދިމާކުރިގޮތުން އެދުވަހުގެ ތާރީޚަކީ ރައީސް މަޢުމޫނު ރާއްޖެއިން ބޭރުގެ ދަތުރުފުޅެއްގައި ހުންނަވަން ކަނޑައަޅުއްވާފައިވާ ތާރީޚެކެވެ. ނަމަވެސް އެކި ސަބަބުތަކާހުރެ އެވަގުތަށް ދަތުރުފުޅު ފަސްކުރައްވައި އެމަނިކުފާނު ހުންނެވީ މާލޭގައެވެ.
ނޮވެންބަރު 3 ވިލޭރޭ އެމަނިކުފާނު އިންނެވީ، އާ ދައުރަށް ހޮވިވަޑައިގެންނެވުމާއި ގުޅިގެން، އެ ދަޢުރުގެ ވެރިކަމުގެ ބައެއް ސިޔާސަތުތަކުގެ ޑްރާފްޓް ތައްޔާރުކުރެއްވުމަށެވެ. އެރޭ ނިދިކުރެއްވީ ދަންވަރު 1 ޖެހިފަހުންނެވެ.
"އޭގެ 2-3 ދުވަސް ކުރިން އޮތީ އިންޑިއައަށް ޒިޔާރަތެއްކުރާގޮތަށް. އެގޮތަށް ދަތުރު ރާވާފައި ފަހު ވަގުތު ފަސްކުރީ. އެހެންވީމަ ސީދާ ހުރި ތަނެއް އެއްވެސް ބަޔަކަށް ނޭންގޭނެ." ރައީސް އަލްއުސްތާޛު މަޢުމޫނު ޢަބްދުލްޤައްޔޫމް ވިދާޅުވިއެވެ.
ބާޣީންގެ ޙަމަލާތައް ދޭންފެށީ ފަތިސް ވަގުތަށް ކުޑަތަންވެފައިވަނިކޮށެވެ. އެ ވަގުތުކޮޅުގެ ހަނދާންތައް ޙިއްސާކުރައްވަމުން ރައީސް މަޢުމޫނުގެ އަނބިކަނބަލުން ނަސްރީނާ އިބްރާހީމް ވިދާޅުވީ، ފުރަތަމަ ހީފުޅުކުރެވުނީ އެ އިވެމުންދިޔަ އަޑަކީ، ރައީސް މައުމޫން ރިޔާސީ 3 ވަނަ ދައުރަށް ހޮވިވަޑައިގެންފައިވާތީ އައު ދައުރަކަށް ހުވަކުރައްވަން، ޖުމްހޫރީ ދުވަހު ބާއްވާ ޚާއްސަ ރަސްމިއްޔާތައް ދީފާޢީ ބާރުން ވަމުންދިޔަ ތައްޔާރީތަކެއްގެ އަޑުކަމަށެވެ. ގުގުރިއެއްގެ އަޑުކަމަށްވެސް ހީފުޅުކުރެއްވިއެވެ.
"އަޑު އިވެން ފެށިއިރު ހޭލާ ތިބީ. ހީކުރީ ނޮވެބަރު 11ގެ ތައްޔާރީއެއްކަމަށް. ގުގުރުމުގެ އަޑުހެންވެސް ހީވި. ތަނެއްގައި ރޯވެގެން އަޑުފައްގަނޑެއް އިވެނިއްޔޭވެސް ހިތަށްއެރި. އަޑު އިވެން ފެށުމާއެކު މައުމޫނު ގާޑުންނާ ގުޅުއްވައި ވަގުތުން މަޢުލޫމާތު އޮޅުންފިލުއްވަން ފަށްޓަވައިފި." މެޑަމް ނަސްރީނާ ވިދާޅުވިއެވެ.
ވެގެން އުޅޭގޮތް ސާފުކުރެއްވުމުގެ މަސައްކަތް ރައީސް މައުމޫނު އެ ސިކުންތުން ފަށައިގެން ފެށްޓެވިއެވެ. އެމަނިކުފާނަށް ފުރަތަމަވެސް ޚަބަރު ލިބިވަޑައިގަތީ ބަޔަކު އަރާ ބަޑިޖަހަމުންދާކަމަށެވެ. ޑިފެންސް މިނިސްޓްރީގެ ނައިބު އޮނަރަބަލް އިލްޔާސް އިބްރާހީމަށް ގުޅުއްވައި ވަގުތުން މަޢުލޫމާތު ހޯއްދަވަން ފެށްޓެވިއެވެ. ބަޔަކު އަރާ ސިފައިންގެއަށް ޙާމަލާދެމުންދާކަމަށް ވަގުތުން އެނގިވަޑައިގެންނެވިއެވެ.
ޤައުމުގެ ރައީސްގެ ހައިސިއްޔަތުން އެމަނިކުފާނަށް އޮތް ނުރައްކާ އެނގިވަޑައިގެން، ތީމުގޭގެ ގާޑުންނާއި އަދި އެމަނިކުފާނަށް ދޭންވާ ރައްކާތެރިކަން ސިފައިންގެ ޚިދުމަތުން ފޯރުކޮށްދެމުންދިޔައެވެ. ތުއްޕުޅު ދަރިކަލުން ޣައްސާންއާއި އަނިބިކަނބަލުންނާއެކު ރިޔާސީ ގަނޑުވަރުން ނުކުމެވަޑައިގެން ވަޑައިގެންނެވީ"ގުލިސްތާނު"ގެއަށެވެ.
ކުރިމަތީގައި އޮތް ބިރުވެރި ޙާލަތު އޮޅުންފިލުއްވައި، ވަޒީރުންނާއި ދިފާޢީ ވުޒާރާ އަދި ކަމާ ގުޅޭ އެންމެހައި ފަރާތްތަކަށް ދެއްވަންޖެހޭ އިރުޝާދު ދެއްވައި ވަގުތުންވަގުތަށް މަސައްކަތް ފެށްޓެވިއެވެ. އަދި ހަމައެއާއެކު ބޭރުގެ އެހީ ހޯއްދެވުމުގެ މަސައްކަތް އެމަނިކުފާނު ވަގުތުން ފެށްޓެވިއެވެ. މީގެއިތުރަށް ރާއްޖޭގެ އެކި ކަންކޮޅުތަކުގައ ދިވެހި ރަޔިތުންގެ ތިބި ޙާލު ގާތުން ބައްލަވަމުން ގެންދެވިއެވެ.
"އެގޭގެ ފެންޑާގައި ތިބީ. ފޯނުން ދެން ކުރިއަށްގެންދިޔައީ. ސިފައިންނާ، މިނިސްޓަރުންނާއި ސަރުކާރުގެ ކަންކަމުގައި އިރުޝާދުދީ ކުރިއަށްގެންދިޔައީ. އެހާހިސާބުންވެސް ބޭރުގެ އެހީ ހޯދުމުގެ މަސައްކަތްތައް ފަށައިފިން." ރައީސް މަޢުމޫނު ވިދާޅުވިއެވެ.
މި ޙާދިސާއަކީ ރާއްޖެއާއި ބޭރުދުނިޔެއާ އޮތް ގުޅުމާއި ރާއްޖޭގެ އޭރުގެ ޚާރިޖީ ސިޔާސަތު ވަރަށް ފުރިހަމައަށް ފެނިގެންދިޔަ ޙާދިސާއެކެވެ. ރައީސް މައުމޫނު ބޭރުޤައުމުތަކާއެކު ބާއްވަމުން ދިޔަ ޤާތް ގުޅުމާއި އެހީތެރިކަމުގެ ޙާލަތުގައި ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ޤައުމުތައް ތައްޔާރަށް އޮތް މިންވަރު ހާމަވިއެވެ.
"ވަގުތުން ފޯނުކޮށް ހާލަތު ކިޔައިދީ އިންޑިއާގެ އަސްކަރީ އެހީއަށް އެދުނީ. މައުނަވީ އެހީއެއް ނޫން. އިންޑިއާގެ ސިފައިން ބޭނުންވާކަމަށް އެދުނީ. ވަގުތުން ފިޔަވަޅު އަޅައި، އެދުވަހުގެރޭ ބޭރުގެ އެހީ ރާއްޖެއާހަމައަށް ލިބިއްޖެ." ރައީސް މައުމޫން ވިދާޅުވިއެވެ.
އެ ރޭ ފަތިހު ދިވެހި އަސްކަރިއްޔާއައި އިންޑިއާ ސިފައިންގެ އެހީތެރިކަމާއެކު ރައީސްގެ އާއިލާ، ދިވެހި ސިފައިންގެ މައި މަރުކަޒަށް ގެންދެވިއެވެ. ޙަމަލާގެ ފުރަތަމަ ވަޒަނުން ފެށިގެން، ބާޣީގެ ކިބައިން ދިވެހި ވަޠަން ސަލާމަތުގެ އައްސޭރިއަކަށް ގެންދެވެންދެން އެމަނިކުފާނު ގެންދެވީ ކެނޑިނޭޅި މަސައްކަތް ކުރައްވަމުންނެވެ.
ނޮވެމްބަރު 3ގެ އުދުވާނީ ޙަމަލާގައި ދިވެހި ސިފައިގެން 8 މީހުން ޝަހިދުވިއެވެ. އަދި އާއްމުންގެ 11 މީހުން ޝަހީދުވިއެވެ. ޙާލަތު ހަމަޔަކަށް އެޅުމުންވެސް، އޭގެ ބިރުވެރިކަން މާލޭ ތެރޭގައި ނެތްކަން ކަށަވަރުކުރެއްވުމަށްވެސް ޚާއްސަ ފިޔަވަޅުތަކެއް ސަރުކާރުން އެޅުއްވިއެވެ.
އެ ބިރުވެރި ދުވަހު ދިވެހި އަސްކަރިއްޔާއާއި ރައްޔިތުން ދެއްކެވި ނަމޫނާއާއި ކުރެއްވި ހިތްވަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ ރައީސް އަލްއުސްތާޛު މައުމޫނު ޢަބްދުލް ޢައްޔޫމް ފާހަގަކުރެއްވިއެވެ. ދިވެހި އަސްކަރިއްޔާގެ ބާރު ކަނޑުވާލައި ރާއްޖެ އަޅުވެތިކުރުމަށް ބާޣީން ކުރި މަސައްކަތް ނާކަމިޔާބުކޮށްލައި ނަޞްރު ހޯދުމަށް ދިވެހި ސިފައިން ޤުރުބާންވީ ދިވެހި ރައްޔިތުންނާއި އިސްލާމް ދިނުގެ ޙިމާޔަތުގައެވެ.
އަދި އެ ދުވަހު ދިވެހި ރައްޔިތުން ދެއްކި ކެއްތެރިކަމާއި އެއްބައިވަންތަކަމަކީ، މިއަދުގެ ޖީލް ނަމޫނާއަކަށް ބަލަންޖެހޭ މުހިންމު ކަމެއްކަމުގައި ޕީއެސްއެމް ނިއުސްއަށް ދެއްވި ޚާއްސަ އިންޓަވިއުގައި ރައީސް މައުމޫނު ވިދާޅުވިއެވެ.