ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތަކީ އަމިއްލަ ފަރާތްތަކުން ފޯރުކޮށްދޭ ސިއްޙީ ޚިދުމަތްތައް ދިނުމަށް ޤާނޫނީ އިމުގެ ތެރެއިން ދެވެން އޮތް އެންމެ ބޮޑު ފުރުޞަތެއް ފަހިކޮށްދިނުންކަމަށް ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.
ވަޒީރު ނާޡިމް މިފަދައިން ވިދާޅުވީ ރާއްޖޭގައި ސިއްޙީ ޚިދުމަތް ދެމުން އަންނަ އަމިއްލަ ކްލިނިކެއް ކަމަށްވާ އީވް ކްލިނިކްގެ އައު ކްލިނިކް "އީވް ކްލިނިކް ވެސްޓް ޕާކް" ހުޅުއްވައިދެއްވާ ދެއްކެވި ވާހަކަފުޅުގައެވެ.
ސިއްޙަތާ ބެހޭ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވީ ހުރިހާ ޤައުމެއްގައިވެސް ސިއްޙީ ދާއިރާ ތަރައްޤީވެ، ފުޅާވަމުން އަންނަނީ އަމިއްލަ ކުންފުނިތަކާއި ވަކި ވަކި ފަރުދުންގެ ވަރަށް ބޮޑު އެހީތެރިކަމާއެކު ކަމަށެވެ.
އަމިއްލަ ފަރުދުންގެ ބައިވެރިވުމާއި ނުލާ އެއްވެސް ސިނާއަތެއް ކުރި ނާރާނެކަން އެއީ ދުނިޔެ ސާބިތުކޮށްދޭ ހެއްކެއްކަމަށް ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އީވް ކްލިނިކްގެ ޗެއަރމަން ހުސައިން މުޙައްމަދުފުޅުގެ ދަރިކަލުން ޑރ. ޖައުފަރު ވިދާޅުވީ އީވް ކްލިނިކް ވެސްޓް ޕާކްގެ ފެށުމަކީ އައު ދިރުމެއް ކަމަށެވެ. އަދި އަމާޒަކީ އާންމު ބަލިތަކުގައި ދެވޭ ޚިދުމަތްތައް ރަނގަޅު ކުރުމާއި ކޮލިޓީ ޚިދުމަތްތައް ރަނގަޅު ކުރުމަށްވެސް ވިދާޅުވިއެވެ.
މީގެ އިތުރުން ރާއްޖޭގައި މަދުން ލިބޭ ޚިދުމަތްތައް އެ ކްލިނިކްގައި އިތުރަށް ފުޅާކުރައްވާނެކަމަށްވެސް ޑރ. ޖައުފަރު ވިދާޅުވިއެވެ.
އީވް ކްލިނިކުން ފޯރުކޮށްދޭ ޚިދުމަތްތަކުގެ ތެރޭގައި ހިތުގެ ބަލިތަކާއި، ފުއްޕާމޭގެ ބަލިތަކާއި، ކިޑްނީގެ ބަލިތަކާއި، ދަތުގެ ބަލިތަކާއި، ހޯމޯންގެ ބަލިތަކާއި، ކުޑަކަމުދާ ނިޒާމުގެ ބަލިތަކާއި، ނަފްސާނީ ބަލިތަކާއި، ރޭޑިއޯގްރަފީ އަލްޓްރާ ސައުންޑް ސްކޭންގެ އިތުރުން އެތެރެ ހަށީގެ ބަލިތަކާއި ކައުންސިލިން، ކަރުންމަތީގެ ބަލިތަކާއި އާއްމު ބަލިތައް އަދި ކަށީގެ ބަލިތަކަށް ފަރުވާ ލިބެން ހުރެއެވެ.
އީވް ކްލިނިކް އެންމެ ފުރަތަމަ ހުޅުވާ، ޚިދުމަތްތައް ދިނީ އެންމެ ޑޮކްޓަރަކާއެކުގައެވެ. އޭރު އީވް ކްލިނިކް ހުޅުވީ 2010 ވަނަ އަހަރު ފަރީދީ މަގުގައެވެ. ނަމަވެސް މިހާރު އެތަނުގެ ޚިދުމަތްތައް ފުޅާވެ، އެއީ ރާއްޖޭގައި ފުޅާ ދާއިރާއެއްގައި ސިއްޙީ ޚިދުމަތް ފޯރުކޮށްދެމުން އަންނަ އަމިއްލަ ކްލިނިކެވެ.