ޕެޓް ކެއަރ ފެސިލިޓީއާއެކު މަގުމަތީގައި ބުޅާ ގިނަވާ މައްސަލައަށް އެދެވޭ ޙައްލެއް ލިބިގެންދާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމުކުރި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ "އޮޅު ހިޔާ" މި ނަމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ރަސްމިއްޔާތުގެ ތެރެއިން "އޮޅުހިޔާ" ހުޅުއްވައިދެއްވާފައެވެ.
މާލެ ސަރަޙައްދުގެ މަގުތަކުގައި އުޅޭ ބުޅާތައް ގެންދިއުމަށް ޤާއިމްކުރާ ޕެޓް ކެއަރ ފެސިލިޓީގެ މަސައްކަތްކޮށްފައިވަނީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާގެ ބެލުމުގެ ދަށުންނެވެ. ޕެޓް ކެއަރ ފެސިލިޓީ ހެދުމަށް ކަނޑައެޅި 5،000 އަކަ ފޫޓް ބިން ހަމަޖައްސާފައިވަނީ ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ކުރީގެ ފަރުކޮޅުފުށި އޮތް ސަރަހައްދުގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމަކީ ވަރަށް މުހިންމު މަސައްކަތެއްގެ ފެށުން ކަމަށެވެ.
ރައީސް ވިދާޅުވީ މޭޔަރުގެ މަޤާމަށް ކުރިމަތިލުމަށް ކެމްޕޭން ކުރެއްވިއިރުވެސް މާލޭގައި ބުޅާތައް ގިނަވުމާއި ރައްޔިތުންގެ ޝަކުވާ ވަރަށް ބޮޑަށް ލިބުނު ކަމަށާއި އޭރުވެސް އެ މައްސަލައަށް ހައްލު ގެންނަވާނެކަމަށް ވިދާޅުވިކަމަށެވެ.
އޭރުގެ ސަރުކާރުން އެއްބާރުލުން ނުލިބި މިކަން ދިގުލައި ދާން ފެށުމުން، މޭޔަރުކަމުގައި ރައީސް ޑރ. މުޢިއްޒު ހުންނަވައި، މިކަން ޙައްލުކުރެވޭނެ މަގެއް ފެނޭތޯ، ބޮޑުތަކުރުފާނުމަގު، މަސްވެރީންގެ ޕާކު އޮތް ސަރަޙައްދުން އެކަމަށް ޖާގައެއް ޚާއްޞަ ކުރެއްވޭތޯވެސް 2023 ވަނަ އަހަރު މަސައްކަތް ކުރެއްވިއެވެ.
2023 ނޮވެމްބަރ 17 ގައި، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމާ ޙަވާލުވެވަޑައިގެން، ދިރޭތަކެއްޗަށް އޯގާތެރިވެ ބެލެހެއްޓުމަށް ޚާއްޞަ އިސްކަމެއް ދެއްވުމަށްޓަކައި ދަނޑުވެރިކަމާބެހޭ ވުޒާރާގެ ނަމާއި މެންޑޭޓްގެ ތެރޭގައި އެނިމަލް ވެލްފެއަރ ހިމެނުއްވިއެވެ. އަދި މާލެ ސިޓީގައި އެންމެ އިސްކަން ދެއްވައިގެން ޙައްލު ހޯއްދަވާ އެއް ކަމެއްގެ ގޮތުގައި، ޕެޓް ކެއަރ ފެސިލިޓީ ބިނާކުރުން ހިމަނުއްވައި، ހުޅުމާލެ 2 ވަނަ ފިޔަވަހީން އެކަމަށް ޚާއްޞަ ބިމެއް ސަރުކާރުން ހަމަޖެއްސެވިއެވެ.
ޕެޓް ކެއަރ ފެސިލިޓީއަށް ބޭނުންވާ ބިން ހަމަޖެއްސުމަށްފަހު އެނިމަލް ވެލްފެއަރ މިނިސްޓްރީއާ، މާލެ ސިޓީ ކައުންސިލް ގުޅިގެން ކެޓްޝެލްޓަރ ބިނާކުރެވޭނެ މާލީ އެހީއާ ވަސީލަތްތައް ސަރުކާރުން ހަމަޖައްސަވައިދެއްވިއެވެ.
ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރާ ކަންތައްތަކުގެ ތެރޭގައި ޕެޓް ކެއަރ ފެސިލިޓީ ހުޅުވުމުގެ މަސައްކަތް ހިމެނުއްވިކަމަށް ރައީސް ވިދާޅުވިއެވެ. އަދި އޭރުގެ ތަޖުރިބާގެ އަލީގައި ސަރުކާރުން އިސްކަން ދިނުމުން ނުވިކަންތައް މި ސަރުކާރުން އެއްބާރުލުންދީ ކުރެއްވިކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު މިކަމަށް އާންމުންގެ އެހީތެރިކަން ބޭނުންވާނެކަމަށާއި، އެތަނުން ފޯރުކޮށްދެވޭ ޚިދުމަތްތައް ކުރިއަށްއޮތްތާނގައި ފުޅާވެސްކުރެވޭނެ ކަމަށެވެ. އަދި މިފަދަ މައްސަލަތަކަށް ހައްލު ގެނައުމުގައި ރައްޔިތުންނާއި ގާތުން މަސައްކަތް ކުރައްވާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޕެޓް ކެއަރ ފެސިލިޓީ ހުޅުވާފައިވާއިރު ކުރިއަށް އޮތްތާނގައި ބުޅަލާއެކު އާންމުންނަށް ވަގުތު ހޭދަކޮށްލެވޭ ގޮތަށް ކެޓް ކެފޭއަކާއި ވެޓް ކްލިނިކެއްގެ އިތުރުން ކެޓް ޝޮޕެއްވެސް ހުޅުވުމަށް ހަމަޖެހިފައިވެއެވެ.