ޚަބަރު

"ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ބަޖެޓުގައި ޚާއްސަ އިސްކަމެއް ދީފައިވާނެ"


  • އަންނަ އަހަރަށް ލަފާކޮށްފައިވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް

  • ޕީއެސްއައިޕީއަށް ހިނގާނެ ކަމަށް ލަފާކޮށް ހިމަނާފައިވަނީ 12.4 ބިލިޔަން ރުފިޔާ

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ދައުލަތުގެ ބަޖެޓުގައި މިހާރު ކުރިއަށްދާ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ މަޝްރޫޢުތައް އަވަހަށް ނިންމުމަށް ޚާއްސަ އިސްކަމެއްދީފައިވާނެކަމަށް މާލީ ވަޒީރުގެ ނައިބު އަޙުމަދު ސާއިދު މުޞްތަފާ ވިދާޅުވެއްޖެއެވެ.

ސާއިދު މިހެން ވިދާޅުވީ ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަދައްކަވަމުންނެވެ.

އަންނަ އަހަރަށް ލަފާކޮށް ދައުލަތުން ވަނީ 56.6 ބިލިޔަން ރުފިޔާގެ ބަޖެޓެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައެވެ. ބަޖެޓުގެ ބޮޑު ބައެއް ޚާއްސަކޮށްފައިވަނީ ޕަބްލިކް ސެކްޓަރ އިއިންވެސްޓްމަންޓް ޕްރޮގްރާމް، ޕީއެސްއައިޕީ އަށެވެ. އެގޮތުން ޕީއެސްއައިޕީ މަޝްރޫޢުތަކަށް 12.4 ބިލިޔަން ރުފިޔާވަނީ ހިމަނާފައެވެ. މިއީ ތާރީޚީ އަދަދެކެވެ.

ބަޖެޓާއި ގުޅޭ ތަފްސީލްތައް ހިސާކުރަމުން މާލީ ވަޒީރުގެ ނައިބު އަޙުމަދު ސާއިދު ވިދާޅުވީ މީގެކުރީ އަހަރުތަކުގައި ބަޖެޓުގައި ޕީއެސްއައިޕީ މަޝްރޫޢުތަކަށް ޖަހާފައި ހުންނަނީ ކުދި އަދަދުތަކެއް ކަމަށެވެ. އަދި އަހަރު ނިމޭ އިރު ބަޖެޓުގައި ހިމަނާފައިވާ އަދަދަށްވުރެ ބޮޑު އަދަދެއް ޕީއެސްއައިޕީއަށް ހިނގާކަމަށެވެ.

"މިއަހަރު ބަޖެޓު ހެދުމުގައި ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ބަޖެޓުގައި ޖަހާ ނަމްބަރުތަކަކީ ކްރެޑިބަލް ރަނގަޅަށް ބަޖެޓު ތަންފީޒް ކުރެވެމުންދާކަމުގައިވާނަމަ އެ އަދަދުތަކުގައި ޖުމްލަކޮށް ޚަރަދު ހިފެހެއްޓޭނެ އަދަދުތަކެއް ކަމުގައި އެކަށައެޅުމަށް" ސާއިދު ވިދާޅުވިއެވެ.

ސާއިދު ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓުގައި ހިނގަމުންދާ ޕީއެސްއައިޕީ މަޝްރޫޢުތަށް އަވަހަށް ނިންމުމަށް ހާއްސަ އިސްކަމެއް ދީފައިވާނެ ކަމަށެވެ.

"ޕީއެސްއައިޕީ ހިނގަމުންދާ މަޝްރޫޢުތަކަށް 3.8 ބިލިޔަންރުފިޔާ ވަރު ހިމަނާފައިވާނެ، އެއީ ހަމަ ހިނގަމުންދާ މަޝްރޫޢުތައް އަވަހަށް ނިންމުމަށް، މަޝްރޫޢުތައް ރި-ޕްރައިއޯރަޓައިޒްކޮށް ރަނގަޅަށް ރާވާ ތަރުތީބުކޮށްލައިގެން އެކަންކުރެވޭނެ ގޮތް ބަޖެޓުގައި ވާނީ ހިމަނާފައި، މިއީ އެންމެ ބޮޑު އެއް ބަދަލު،" ސާއިދު ވިދާޅުވިއެވެ.

އަންނަ އަހަރުގެ ބަޖެޓުގައި ޕީއެސްއައިޕީ ބަޖެޓުގައި ތަފްސީލީ ލެވަލްގައި މަޝްރޫޢުތައް ހިމެނުމުގެ ބަދަލުގައި އެންވަލޮޕްތަކެއް މެނޭޖްކުރުމުގެތެރެއިން މަޝްރޫޢުތައް ތަންފީޒުކުރެވިގެންދާނެކަމަށް ސާއިދު ވިދާޅުވިއެވެ.

އަންނަ އަހަރަށް ލަފާކޮށް ހުށަހަޅާފައިވާ ބަޖެޓުގައި ޚަރަދުގެ ގޮތުގައި ހިނގެކަމަށް ލަފާކޮށްފައިވަނީ 49.2 ބިލިޔަން ރުފިޔާއެވެ. އޭގެތެރޭގައި ހިމެނެނީ ރިކަރަންޓް ޚަރަދުގެ ގޮތުގައި 35.9 ބިލިޔަން ރުފިޔާއެވެ. އަދި ކެޕިޓަލް ޚަރަދުގެ ގޮތުގައި 13.3 ބިލިޔަން ރުފިޔާއެވެ. އަންނަ އަހަރު ޖުމްލަ އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް ލިބޭނެކަމަށް ލަފާކުރަނީ 39.7 ބިލިޔަން ރުފިޔާކަމަށް ވަނީ ލަފާކޮށްފައެވެ.

ޚަރަދު ކުޑަކުރަން އަޅާ ފިޔަވަޅުތަކުން 6.6 ބިލިޔަން ރުފިޔާ ކުޑަކުރެވޭނެކަމަށް މާލީ ވުޒާރާއިން ވިދާޅުވެއެވެ.