ޚަބަރު

"ދިވެހިރާއްޖޭގެ އިޤްތިސާދީ ފުރަމަލަ 2025" އިފްތިތާޙުކޮށް


  • ދިވެހިރާއްޖޭގެ އިގުތިސާދީ ފުރަމަލަ އިފްތިތާހުކުރެއްވީ ވަޒީރު

  • އިގުތިސާދުގައި ކުޑަ މިންވަރަކަށް ނަމަވެސް ބައިވެރިވާ ކޮންމެ ފަރާތެއްވެސް ގުނާނެ

ދިވެހިރާއްޖޭގައި ކުރިއަށްގެންދާ އިޤްތިސާދީ މަސައްކަތްތަކާއި، އެ މަސައްކަތްތައް ކުރާ ފަރާތްތަކުގެ ޢަދަދުތަކާއި މިންތީގެ ނިސްބަތުގެ މަޢުލޫމާތު ހޯދައި އެއްކުރުމުގެ މަސައްކަތް، "ދިވެހިރާއްޖޭގެ އިޤްތިސާދީ ފުރަމަލަ 2025"ގެ ނަމުގައި އިފްތިތާޙުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްޞަ ޙަފްލާއެއްގައި މި ފުރަމަލަ އިފްތިތާޙް ކޮށްދެއްވީ އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދެވެ.

ބިޒްނަސް ސެންޓަރ ކޯޕަރޭޝަން، ބީސީސީން ކުރިއަށް ގެންދާ މި ފުރަމަލައަކީ މުޅިރާއްޖެ ހިމެނޭހެން ޤައުމީ މަސައްކަތެއްގެ ގޮތުގައި ގައުމުގެ އިޤްތިސާދީ ފުރަމަލައެއް ގާއިމުކުރުމުގެ މަސައްކަތެވެ. މި މަސައްކަތުގެ ދަށުން މައުލޫމާތު އެއްކުރުމަށް ޓަކައި އެކިއެކި އިދާރާތަކުން އެއްކޮށްފައި ހުރި މައުލޫމާތުގެ އިތުރުން، ބީސީސީގެ ޓީމުން ރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށަކަށް ޒިޔާރަތްކޮށް އެންމެ އަދާހަމަ މައުލޫމާތު ހޯދުމުގެ މަސައްކަތް ކުރާނެއެވެ. މި މަސައްކަތް އަމަލީގޮތުން ހއ އަތޮޅުގައި މި މަހުގެ ތެރޭގައި ފެށޭނެއެވެ. ބީސީސީގެ އަމާޒަކީ އަންނަ އަހަރުގެ މެދަކާ ހަމައަށް މުޅި ރާއްޖޭގެ ފުރިހަމަ އިގްތިސާދީ ފުރަމަލައެއް އެކުލަވައިލައި އިފްތިތާހުކުރުމެވެ.

މި ފުރަމަލަ އިފްތިތާހުކުރުމަށްފަހު ވާހަކަދައްކަވަމުން އިޤްތިޞާދީ ތަރައްޤީއާއި ވިޔަފާރިއާއި ބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވީ، ބީސީސީއިން މި ފެއްޓެވި އިކޮނޮމީ ޕްރޮފައިލް ކުރުމުގެ މަސައްކަތަކީ ކޮންމެހެންވެސް ކުރަން ޖެހިފައިވާ މުހިއްމު މަސައްކަތެއްކަމަށެވެ. މިއީ އިޤްތިޞާދާއި ގުޅުން ހުރި މުހިންމު މަސައްކަތަކަށް ވުމުގެ ސަބަބުން މި މަސައްކަތް ފަރުވާތެރިކަމާއެކު ނިންމަވައިދިނުމަށް ވަޒީރު ވަނީ އެދިވަޑައިގަންނަވާފައެވެ.

"މި މަސައްކަތް ބީސީސީއިން އަޅުގަނޑު އެދެނީ ވަރަށް ފަރުވާތެރިކަމާއިއެކު ކޮންމެ ރަށެއް ވަރަށް ރަނގަޅަށް މޮނިޓަރ ކުރެވިގެން ދިރާސާ ކުރެވިގެން އެރަށެއްގައި މިހާރު ހިނގާ އިކޮނޮމީ ހަރަކާތްތަކަކީ ކޮބައިތޯ އަދި އެރަށެއްގައި ކުރެވިދާނެ އިޤްތިޞާދީ ކަންތައްތަކަކީ ކޮބައިތޯ. އަދި ރާއްޖޭގައި އުފައްދާ އެކިކަހަލަ މުދާ ނުވަތަ އުފެއްދިދާނެ ތަކެތި އެކްސްޕޯޓްކުރުމަށްޓަކައި އެރަށެއްގައި ކުރެވިދާނެ މަސައްކަތްތަކަކީ ކޮބައިތޯ." ވަޒީރު ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީސީސީގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ ސާމިހް އާދަމް ވިދާޅުވީ، މި މަސައްކަތް ނިމުމުން އޭގެ ފައިދާއާއި މަންފާ އިތުރުވާނެކަމަށެވެ. ޚާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި ޚާއްސަ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށް އެހީތެރިވެވޭކަމަށް އޭނާ ވިދާޅުވިއެވެ.

"މުސްތަޤްބަލުގައި ވިޔަފާރިއާއި އިޤްތިޞާދީ ދާއިރާގެ ޚިދުމަތްތައް ބައްޓަންވާނީ މި ޕްރޮފައިލްގެ މައްޗަށް. މި މަސައްކަތް ނިމި ރާއްޖޭގެ އިކޮނޮމިކް ޕްރޮފައިލް ޤާއިމްކުރެވުމުން އޭގެ ފައިދާއާއި މަންފާ ވަރަށް ބޮޑުވާނެ. ވަކިން ޚާއްސަކޮށް އެހީތެރިކަމަށް ބޭނުންވާ ކުދި ވިޔަފާރިތައް ދެނެގަނެވި ޚާއްސަ ހިދުމަތްތަކެއް ފޯރުކޮށްދިނުމުގައި އެހީތެރިވެދޭނެ. ހަމައެހެންމެ އިޤްތިސާދީ މަސައްކަތްތަކުގައި ހަރަކާތްތެރިވާ އެހެން އިދާރާތަކަށްވެސް މީގެ ބޭނުން ހިފޭނެ" ސާމިޙް ވިދާޅުވިއެވެ.

މި މަސައްކަތުގެ ސަބަބުން ގައުމެއް، ސިޓީއެއް، އަތޮޅެއް ނުވަތަ ރަށެއްގެ ނިސްބަތުން އެ ތަންތަން ހިންގުމުގެ ޒިންމާ މަތިކުރެވިފައިވާ ފަރާތްތަކަށް އެންމެ ފުރިހަމަ މައުލޫމާތާއެކު ނިންމުންތައް ނިންމުމުގެ ފުރުސަތު ލިބޭނެކަމަށް ބީސީސީއިން ވަނީ ބުނެފައެވެ. ހަމައެއާއެކު ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތަކުން ރާއްޖޭގައި ވުނަ ކުރުމަށްވެސް މަގުފަހި ކޮށްދެވޭނެއެވެ. މިގޮތުން އެފަދަ ފަރާތްތަކަށް ރާއްޖޭގެ އެކި ހިސާބުތަކުގައި ވުނަ ކުރުމަށް ޓަކައި ބޭނުންވާ އެންމެ ފުރިހަމަ މައުލޫމާތު ލިބި، ވުނަތަކަށް ފަހި މާޙައުލެއް ގާއިމު ކުރުމުގެ ފުރުސަތު މިކަމުގެ ސަބަބުން ފަހިވާނެއެވެ.

ރާއްޖޭގެ އިގުތިސާދުގައި ކުޑަ މިންވަރަކަށް ނަމަވެސް ބައިވެރިވާ ކޮންމެ ފަރާތެއްވެސް ޝާމިލުވާ ފަދަ ފުރަމަލައެއް ތައްޔާރު ކުރުމަކީ ބީސީސީގެ އަމާޒުކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ. ކޮންމެ ރައްޔިތެއްގެ، ކިތަންމެ ކުޑަ ނަމަވެސް އިގުތިސާދީ ކަމެއް ނަމަ އެ ކަމެއް ވެސް މި މަސައްކަތުގައި ގުނުމަށް ވަނީ ހަމަޖެހިފައެވެ.