ޚަބަރު

ބޯހިޔާވަހިކަމަށް 3.8 ބިލިޔަން ރުފިޔާ، އަންނަ އަހަރު ވާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް


  • 2025 ބަޖެޓަކީ ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އުއްމީދީ ބަޖެޓެއް

  • ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައި

ބޯހިޔާވަހިކަމުގެ މައްސަލައަކީ ދިވެހިރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލައެވެ. ކޮންމެ ސަރުކާރަކުންވެސް ވެރިކަމާ ހަވާލުވަމުން ރައްޔިތުންނަށް ދައްކާ އެންމެ ބޮޑު ހުވަފެނަކީ ގެދޮރުވެރިކުރުމާއި ބޯހިޔާވަހިކަމުގެ އުއްމީދުތަކެކެވެ. ނަމަވެސް ވެރިކަން ނިމިގެންދަނީ، 5 އަހަރުގެ ދަޢުރެއްގައި އަޅާ ނިންމި ބޯހިޔާވަހިކަމަކަށް ރައްޔިތަކަށް ވަދެވޭ ވަރު ނުވެއެވެ. އެންމެ ބޮޑު އެއް ސަބަބަކަށް ވަނީ ވެރިކަން ނިމެން ކުޑަތަންވެފައި ވަނިކޮށް މަޝްރޫޢުތައް ފެށުމެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވީ، ބޯހިޔާވަހިކަމުގެ ރަން ޒަމާނެއްގެ ވަޢުދާއެކުއެވެ. އެގޮތުން ކުރިން ފަށާ، ނުނިންމާ ހުރި މަޝްރޫޢުތައް ފުރިހަމަކޮށް ރައްޔިތުންނަށް ހަވާލުކުރުމާއި އައު ބިޔަ މަޝްރޫޢުތައް ފެޓެވުމަށް ވެރިކަމުގެ ފުރަތަމަ އަހަރުވެސް މިވަނީ ގިނަ މަސައްކަތްތަކެއް ކުރައްވާފައެވެ. ނިމުނު ސަރުކާރުން 2024އަށް ފާސްކުރި ބަޖެޓުގެ ދަތި އުނދަގޫތަކާއެކުވެސް ބޯހިޔާވަހިކަމުގެ ބޮޑެތި ބިޔަ މަޝްރޫޢުތަކުގެ މަސައްކަތްތައް އެކި މަރުހަލާގައި ފެއްޓެވިއެވެ.

2025ވަނަ އަހަރަށް ލަފާކޮށް ހުށަހެޅި ބަޖެޓަކީ، އިޖުތިމާޢީ އެންމެ ބޮޑު މައްސަލަ، ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އައު ސަރުކާރުގެ ތަޞައްވުރު ފެންނަ އުއްމީދީ ބަޖެޓެކެވެ. ސަރުކާރުން މި ބަޖެޓު ސިފަކުރަނީ، ގެދޮރުވެރިކުރުމުގެ ރަން ޒަމާނަށް ދިވެހިރާއްޖެ ގެންދިއުމުގެ ފެށުމުގެ ގޮތުގައެވެ.

" ބޯހިޔާވަހިކަމުގެ މައްސަލަ ޙައްލުކުރުމަށް އަންނަ އަހަރުގެ ބަޖެޓުގައި ޚާއްސަ އިސްކަމެއް ދޭނަން. އަންނަ އަހަރުގެ ބަޖެޓަކީ ރާއްޖޭގެ ތާރީޚުގަވެސް ގެދޮރުވެރިކަމަށްޓަކާ އެންމެ ބޮޑަށް މަގުފަހިކޮށްދޭ ބަޖެޓަށް ވާނެ." ރައީސް ވިދާޅުވިއެވެ.

2025ވަނަ އަހަރަށް ހުށައެޅި ބަޖެޓުގައި ގެދޮރުވެރިކުރުމާ ގުޅޭ މަޝްރޫޢުތަކަށް 3 ބިލިޔަނަށްވުރެ ބޮޑު ހޭދައެއް ކުރުމަށް ވަނީ ހިމަނާފައެވެ. އެގޮތުން %5 އިންޓްރެސްޓުގައި ގެދޮރުވެރިކަމުގެ ލޯންދޫކުރުމަށް 1 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިފައިސާ ބޭނުންކޮށްގެން ރާއްޖޭގެ ބޭންކުތައް މެދުވެރިކޮށް މަދުވެގެން 2 ބިލިޔަން ރުފިޔާގެ ހައުސިންގ ލޯން ދޫކުރުމަށްވަނީ ހިމަނާފައެވެ. މީގެއިތުރުން 1.8 ބިލިޔަން ރުފިޔާ ގެދޮރުވެރިކަމުގެ އައު ޕީއެސްއައިޕީ މަޝްރޫއުތައް ހިންގުމަށް ކަނޑައަޅާފައިވެއެވެ.

2025 ވަނަ އހަރުގެ ބަޖެޓް ހުށައަޅުއްވާދެއްވަމުން މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވީ މިބަޖެޓު ވެގެންދާނީ ދިވެހިރާއްޖޭގެ ތާރީޚުގައި އެއް އަހަރުދުވަހުގެ ތެރޭގައި ގެދޮރުވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރަކުން އެންމެ ބޮޑު ހޭދައެއް ކުރުމަށް ހުށަހަޅާފައިވާ ބަޖެޓަށްކަމަށެވެ. ޒަމީރު ވިދާޅުވީ ފާއިތުވި ސަރުކާރުތަކުން ދިވެހީން ގެދޮރުވެރިކުރުވުމަށް މަސައްކަތްތަކެއް ކޮށްފައިވީނަމަވެސް، އަދާއި ހަމައަށް މި މައްސަލައަށްވަނީ އެދެވޭ ހައްލެއް ނުލިބިކަމަށެވެ. އަދި މިބަޖެޓު ވެގެންދާނީ ދިވެހި ރައްޔިތުން ގެދޮރުވެރިކުރުވާނެ ބަޖެޓަކަށްކަމަށް ވަޒީރު ވިދާޅުވިއެވެ.

"ގެދުރޮވެރިކަމާ ބެހޭ މި ދެ ސިޔާސަތުގެ ސަބަބުން، މާތްﷲ ގެ ވާގިފުޅާއެކު 2025 ވަނަ އަހަރު ވެގެންދާނީ ގެދޮރުވެރިކަމުގެ ރަން ޒަމާނެއްގެ ފެށުމަށް. ވީމާ، 2025 ވަނަ އަހަރުގެ ބަޖެޓަކީ ހަގީގީ މާނައިގައިވެސް ގެދޮރުވެރިކަމުގެ ބަޖެޓެއް." މާލީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ތަޞައްވުރަކީ އެމަނިކުފާނުގެ ވެރިކަން ނިމޭއިރު، އަމިއްލަ ގެދޮރުގެ ޔަގީންކަން ނެތް އެއްވެސް ރައްޔިތެއް ނެތުމެވެ. އެމަނިކުފާނުގެ ތަޞައްވުރަކީ 20 އަހަރަށް ބަހާލައިގެން 65000 ގެދޮރު ޔަގީންކޮށްދެއްވާނެކަމުގެ ތަޞައްވުރެވެ.

ރައީސް ހުށައަޅާފައިވާ އެންމެ ބޮޑު ޙައްލު "ރަސްމާލެ" މަޝްރޫޢަކީވެސް ޖުމްލަ 37000 ގެދޮރުގެ ޔަގީންކަމެވެ. މީގެއިތުރުން ކުރީ ސަރުކާރުތަކުގައި ހަމައެކަނި ކަޑަ ޖަހާލި، ގުޅިފަޅު އަދި ގިރާވަރުފަޅުގެ މަޝްރޫޢު ހަގީގަތަކަށް ހައްދަވައިދެއްވުމަކީ އެމަނިކުފާނު ރައްޔިތުންނަށް ވެވަޑައިގެންނެވި ވަޢުދެކެވެ. މިހާތަނަށް ގުޅީފަޅުގެ މާސްޓަރ ޕްލޭން ހަދާ، ގޯތީގެ ޕްލޮޓްތައް ކަނޑައެޅުމުގެ މަސައްކަތް ވަނީ ކުރިއަށްގެންދަވާފައެވެ.

އަދި ކުރީ ސަރުކާރުގައި ނިންމާ ހަވާލުކުރާނެކަމަށް ރައްޔިތުންނަށް ދަޅަ ދެއްކި، ފްލެޓް މަޝްރޫޢުވެސް ނިންމާ އެކަންވެސް ހަޤީގަތަކަށް ހެއްދެވުމަށް ގިނަ މަސައްކަތްކެއް ދަނީ ކުރައްވަމުންނެވެ. އެގޮތުން ފްލެޓްތަކުގެ ޢަމަލީ މަސައްކަތްތައް ހުއްޓާ ނުލާ ކުރިއަށްގެންދާއިރު، އޮޅުވާލި ފްލެޓް ލިސްޓުގެ މައްސަލަ ބަލާ، އޭގެ އެންމެ ޙައްގުވެރިންނަށް ލިބޭކަން ކަށަވަރުކުރެއްވުމަށްވެސް މުހިންމު ގިނަ މަސައްކަތްތައް ދަނީ ކުރައްވަމުންނެވެ. އެ ލިސްޓު ނެރުމަށް މިހާރު ވަނީ ތައްޔާރުވެފައެވެ.

ސަރުކާރުން ފޯރުކޮށްދޭ ގެދޮރާ ގުޅޭ ކަންކަން ހަރުދަނާކުރުމަށް އެއްމެދު އިމާރާތުގެ ޤާނޫނާއި އުސޫލުތައް އިސްލާހުކުރުމުގެ މަސައްކަތްވެސް ވަނީ ފަށްޓަވާފައެވެ. މި ބަދަލާއެކު އެއްމެދު އިމާރާތުގެ މިލްކުވެރިކަމާ ގުޅޭ އުސޫލުތައް ހެދުމުގެ އިތުރުން، ސަރުކާރުން ދޫކުރާ ގޯތި ގެދޮރު ބެލެހެއްޓޭނެ ނިޒާމު ހަރުދަނާކުރުމާއި އެ އިމާރާތްތައް ދާއިމީކޮށް ބެލެހެއްޓޭނެ ގޮތްތައް ހަމަޖެއްސުން ހިމެނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖޭގެ ހުރިހާ ކަންކޮޅުތަކަށް ބަލާލައިގެން ގެދޮރުވެރިކަމުގެ ބިޔަ މަޝްރޫޢުތަކެއް ހިންގެވުމަށްވެސް ނިންމަވާފައެވެ.