ޚަބަރު

މާދަމާއިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދޭން ފަށަނީ


  • މާދަމާއިން ފެށިގެން ފުރަތަމަ ބިލް ކަނޑާނީ ޕްރައިވެޓް އިންޝުއަރެންސްއިން

  • ޕްރައިވެޓް އިންޝުއަރެންސް ހަމަވެފައި ނުވަތަ ކަވަރނުކުރާ ޚިދުމަތެއްނަމަ އާސަންދައިން ޚިދުމަތް ލިބޭނެ

އާސަންދަ އިސްލާޙުކުރުމަށް އަޅާ ފުރަތަމަ ފިޔަވަޅެއްގެ ގޮތުން މާދަމާއިން ފެށިގެން ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށް ފަށަން ސަރުކާރުން ތައްޔާރުވެއްޖެއެވެ.

ސަރުކާރުން ގެންދަވަނީ އާސަންދައިން ކުރެވޭ ހޭދަ ކުޑަކޮށް އިސްރާފުގެ ބައި ކުޑަކުރުމަށް މަސައްކަތް ކުރައްވަމުންނެވެ.

ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ، އެންސްޕާއިން ވިދާޅުވީ އިޖުތިމާޢީ އިންޝުއަރެންސްގެ ޤައުމީ ނިޒާމު، "އާސަންދަ ސްކީމް" އިސްލާޙުކޮށް އިސްރާފު ކުޑަކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން 1 ނޮވެމްބަރުން ފެށިގެން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން ޚިދުމަތް ހޯދާ ފަރާތްތަކުގެ ތެރެއިން ޕްރައިވެޓް އިންޝުއަރެންސް އޮންނަ ފަރާތްތަކަށް ބިލްކުރުމުގައި ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދޭން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.

އެކި ފިޔަވަހިތަކަށް ބަހާލައިގެން އައުޓް ޕޭޝަންޓް" އަދި "އިން ޕެޝަންޓް"ގެ ޚިދުމަތްތަކަށް ވަކިން މިފިޔަވަޅުތައް އެޅުމަށްވަނީ ހަމަޖެހިފައެވެ. އެގޮތުން ނޮވެމްބަރު މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ސިއްޙީ ޚިދުމަތްދޭ މަރުކަޒުތަކުން "އައުޓް ޕޭޝަންޓް"ގެ ގޮތުގައި ޚިދުމަތް ހޯދާ ފަރާތްތަކަށް ބިލްކުރުމުގައި ފުރަތަމަ ޕްރައިވެޓް އިންޝުއަރެންސަށް އިސްކަންދިނުމަށްވަނީ ނިންމާފައެވެ. އަދި މިފަދަ އިންޝުއަރެންސްތަކުގެ ޕެކޭޖްތައް ހަމަވެފައިވާ ފަރާތްތަކަށް އަދި ޚިދުމަތް ކަވަރ ނުކުރާނަމަ މިހާރެކޭވެސް އެއްގޮތަށް އާސަންދައިގެ ކަވަރޭޖްގެ ތެރެއިން ޚިދުމަތް ލިބޭނެކަމަށް އެންސްޕާއިން ވިދާޅުވެއެވެ.

އެންސްޕާއިންވަނީ ސިއްޙީ ޚިދުމަތް އާސަންދަ ސްކީމް މެދުވެރިކޮށް ހޯދުމަށްފަހު އެކަމުގެ ރަސީދު ހޯދުމަށް ޢާއްމުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި ކަނޑައެޅިގެން އުސޫލާ ޚިލާފަށް ޚިދުމަތްދޭ ފަރާތެއް ފާހަގަކުރެވިއްޖެނަމަ އެކަން "ޝިކާވަތި" މެދުވެރިކޮށް ރިޕޯޓުކުރުމަށްވެސްވަނީ އެދިވަޑައިގަންނަވާފައެވެ.

އާސަންދައިން ބޭސްފަރުވާއަށް ކުރާ ހޭދަ އަހަރުން އަހަރަށް އިތުރުވަމުންދިޔުމަކީ ކަމާބެހޭ ފަރާތްތަކުގެ ކަންބޮޑުވުމެކެވެ. އާސަންދައިގެ އެހީ އެއްވެސް މީހަކަށް ތަފާތުކުރުމެއް ނެތި ލިބޭނެގޮތަށް ނިޒާމު ބައްޓަންވެފައި އޮތުމުގެ ނަތީޖާއެއްގެގޮތުން އެންމެ ބޭނުންޖެހޭ ފަރާތްތަކަށް އާސަންދަ އެންމެ އެކަށީގެންވާގޮތުގައި ނުލިބޭކަމުގެ ކަންބޮޑުވުންވެސް އާސަންދައިން ފާހަގަކުރައްވައެވެ. އެހެންކަމުން އާސަންދައަކީ އެންމެ ބޮޑަށް އެއަށް ބޭނުންޖެހޭ ފަރާތްތަކަށް ލިބިދެވޭ އެއްޗަކަށް ހެދުމަށްދަނީ މަސައްކަތް ކުރަމުންނެވެ.