"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާ ޚަރަދުކުރާނެ ކުރު އަދި ދިގު ރާސްތާގެ ޕްރޮގްރާމްތަކާއި ޕްރޮޖެކްޓުތަކާ ގުޅޭގޮތުން ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް، އަންރުވާއާއެކު ދިވެހި ސަރުކާރުން މަޝްވަރާކުރަމުންދާކަމަށް ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވުޒާރާއިން މިކަން ހާމަކުރައްވާފައިމިވަނީ "ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާއާ ގުޅޭގޮތުން ބައެއް ފަރާތަކުން ހަޤީގަތާ ޚިލާފު ވާހަކަތަކެއް ފަތުރަމުންދާ ދަނޑިވަޅެއްގައެވެ.
މަރުކަޒީ ބޭންކު އެމްއެމްއޭ އިން އަންރުވާއަށް ފައިސާ ޖަމާކުރިކަމުގެ "ޑެބިޓު އެޑްވައިޒު"ގެ ކޮޕީއާއި "އަންރުވާ ފޯރ ޕަލަސްތީން" އެކައުންޓަށް ރާއްޖެއިން ފޮނުވި ފައިސާ ލިބިފައިވާކަން ކަށަވަރުކޮށްދީ ޖޭ.ޕީ.މޯގަން ބޭންކުން އިޝޫ ކޮށްފައިވާ ޓްރާންސެކްޝަން ތަފްޞީލް ހިމެނޭގޮތަށް ޚާރިޖީ ވުޒާރާއިން ނެރުއްވި ބަޔާނުގައި އެ ވުޒާރާއިން ވަނީ މީގެ ކުރިންވެސް ހާމަކުރައްވާފަދައިން "ފަލަސްތީނާއެކު ދިވެހިން" ގެ ނަމުގައި ބޭއްވި ޓެލެތޯނުން ލިބުނު ފައިސާ މިދިޔަ އޮގަސްޓް މަހުގެ 20 ވަނަ ދުވަހު އަންރުވާއަށް ފޮނުވާފައިވާކަން ހާމަކުރައްވާފައެވެ.
ޚާރިޖީ ވުޒާރާއިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން, ޤައުމީ ފެންވަރުގައި ޕަބްލިކް ސާރވިސް މީޑިއާއިން ޖޫން މަހުގެ 12 ވަނަ ދުވަހު ކުރިއަށްގެންދިޔަ ޓެލެތޯނުން ލިބުނީ ޖުމްލަ 1,248,826.56 (އެއް މިލިއަން ދެ ލައްކަ ސާޅީސް އަށް ހާސް އަށް ސަތޭކަ ސައްވީސް ޑޮލަރާއި ފަންސާސް ހަ ސެންޓް) ކަން އޮޑިޓް ފާމްއެއް ކަމުގައިވާ ކްރޯވ މޯލްޑިވްސް އެލް.އެލް.ޕީން ކޮންފަރމްކޮށްފައިވާކަމަށެވެ.
"ފަލަސްތީނާއެކު ދިވެހިން" ޓެލެތޯނުން ލިބުނު ފައިސާ ޔުނައިޓެޑް ނޭޝަންސް ރިލީފް އެންޑް ވާރކްސް އޭޖެންސީ ފޯރ ޕަލަސްތީނިއަން ރެފިއުޖީޒް (އަންރުވާ) އަށް ފޮނުވުމާ ގުޅޭގޮތުން ދިވެހި ސަރުކާރުން ނެރޭ ބަޔާން
— Ministry of Foreign Affairs 🇲🇻 (@MoFAmv) October 27, 2024
📃ނޫސް ބަޔާން | https://t.co/m7DojJa9DD pic.twitter.com/wRYahtnKXL
އެފަދަ ބޮޑު އަދަދެއްގެ ފައިސާ ފަލަސްތީނުގެ ރައްޔިތުންނަށްޓަކައި ދިވެހި ރައްޔިތުން ހަދިޔާކޮށްފައިވާކަމީ ފަލަސްތީނުގެ މިނިވަންކަމަށް ރާއްޖެއިން ކުރާ ތާޢީދާއި, އަބަދުވެސް, އަދި ވަކީން ޚާއްސަކޮށް މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި, އެ ޤައުމާއި އެ ޤައުމުގެ ރައްޔިތުންނާއެކު ސާބިތުކަމާއެކު ދިވެހިން ތިބި ކަމުގެ އަލިގަދަ ހެއްކެއްކަމަށެވެ.
އަދި ފަލަސްތީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުންދާ ނަސްލު ނައްތާލުމުގެ އަމަލުތަކާއި ބައިނަލްއަޤްވާމީ ޤާނޫނާއި އިންޓަރނޭޝަނަލް ހިއުމެނިޓޭރިއަން ލޯ އާ ޚިލާފަށް ދެމުން ގެންދާ ހަމަލާތައް ދިވެހި ސަރުކާރުން ހަރުކަށިބަހުން ކުށްވެރިކުރާކަމަށް ޚާރިޖީ ވުޒާރާގެ ބަޔާނުގައިވަނީ ފާހަގަކުރައްވާފައެވެ.