ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 39 ބިދޭސީއަކު މޯލްޑިވްސް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި ޚާއްސަ ރެއިޑް އޮޕަރޭޝަން ކުރިއަށް ގެންދިޔައީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަތައް ހައްލުކުރުމަށް ކުރިއަށް ގެންދާ މަސައްކަތުގެ ތެރެއިން، ޤަވާއިދާ ޚިލާފަށް ރާއްޖޭގެ އެކި އަތޮޅުތަކުގައި އުޅޭ ބިދޭސީން ބަލާ ފާސްކުރުމަށް 24 އޮކްޓޯބަރުގައި ފެށި ޚާއްސަ އޮޕަރޭޝަންގެ ތެރެއިންނެވެ.
ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަންގައި ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދާއި ޑެޕިއުޓީ ކޮންޓްރޯލަރ އަހްމަދު އަޝްފާން އަމަލީގޮތުން ވަނީ ބައިވެރިވަޑައިގަންނަވާފައެވެ.
މޯލްޑިވްސް އިމިގްރޭޝަނުން ވިދާޅުވީ ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ 39 ބިދޭސީންގެ ތެރޭގައި ބަންގްލަދޭޝް، ސްރީލަންކާ، ނޭޕާލް، އިންޑިއާ މީހުންގެ އިތުރުން ނައިޖީރިއާއަށް ނިސްބަތްވާ މީހަކުވެސް ހިމެނޭ ކަމަށެވެ.
މި އޮޕަރޭޝަނާއި ގުޅޭގޮތުން ކޮންޓްރޯލަރ ޖެނެރަލް އޮފް އިމިގްރޭޝަން މުހައްމަދު ޝަމްޢާން ވަހީދު ވިދާޅުވީ، މިއީ މާލޭ ސަރަހައްދުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ބަލައި ފާސްކުރުމަށް އޮޕަރޭޝަންތައް ފެށުމާއެކު އަތޮޅުތަކަށް މިފަދަ ބައެއް ބިދޭސީން ދިޔުމާއެކު އެކި ރަށްތަކުގައި ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ގިނަވެފައިވާކަމުގެ ޝަކުވާތައް އާންމުންގެ ފަރާތުން ލިބުމާއި ގުޅިގެން އަތޮޅުތަކަށް މި އޮޕަރޭޝަންތައް ފުޅާކުރަން ކުރަމުންދާ މަސައްކަތުގެ ފެށުންކަމަށް ކަމަށެވެ.
މި އޮޕަރޭޝަން ހެނދުނު 10:30 އިން ހަވީރު 05:30 އަށް ގްރޫޕްތަކަށް ބަހާލައިގެން ކުރިއަށް ގެންގޮސްފައިވާއިރު 42 ތަނެއް ބަލާ ފާސްކޮށް، 106 ބިދޭސީންނާއި ވަނީ ސުވާލުކޮށްފައެވެ. އަދި ވިސާ ފުރިހަމަ ނޫން 11 ބިދޭސީންނަށް އިމިގްރޭޝަނަށް ހާޒިރުވުމަށް ލިޔުންދީ ވަޒީފާ ދިން 5 ދިވެހިންނަށް ލިޔުމުން ވަނީ ނަސޭހަތްދީފައެވެ.
ކ. ގުރައިދޫގައި ކުރިއަށްދިޔަ ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން 39 ބިދޭސީން އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔުމާއި ގުޅިގެން އިމިގްރޭޝަނުން ވިދާޅުވީ މި އޮޕަރޭޝަންގައި 20 އޮފިސަރުން އަދި ފުލުހުންގެ 9 އޮފިސަރުން ބައިވެރިވިކަމަށެވެ. އަދި ގުރައިދޫ ކައުންސިލުންވެސް އޮޕަރޭޝަންގައި ބައިވެރިވިކަމަށް ވިދާޅުވިއެވެ.
އިމިގްރޭޝަނުން މި އޮޕަރޭޝަން ހިންގަނީ ދީފައިވާ ހުއްދައިގެ ބޭރުން ރާއްޖޭގައި އުޅެމުން އަންނަ ބިދޭސީންނާއި ޤަވާއިދާ ޚިލާފަށް ކުދި އަދި މެދު ފަންތީގެ ވިޔަފާރި ކުރަމުން އަންނަ ބިދޭސީން ދެނެގަނެ، އިމިގްރޭޝަން ޤާނޫނުގެ ދަށުން ފިޔަވަޅު އެޅުމަށެވެ. އަދި ޤަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ ސަބަބުން ރާއްޖެއަށް އިޤްތިސާދީ އަދި އިޖްތިމާއީ ގޮތުން ލިބޭ ގެއްލުން ކުޑަކުރުމަކީ ވެސް މި އޮޕަރޭޝަން ހިންގުމުގެ މަޤްސަދެކެވެ.